ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ހޯދުމަށް ހެލްތް މިނިސްޓަރީން ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން، ކޮރަޕްޝަންގެ އަމުލުތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތުތަކެއް ކުރެވިފައިވަނިކޮށް، އެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ރިޕޯޓާއި އެ ކޮމިޝަނުން ދައްކާ ވާހަކަތަކާ ދިމާ ނުވާ ކަންތައްތަކެއް ހުރުމުން އެކަން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެ ކޮމިޝަން ހާޒިރު ކުރަން ނިންމައިފިއެވެ.
ކޮމިޓީއަށް އޭސީސީ ހާޒިރު ކުރުމަށް ނިންމާފައިވަނީ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އަދި މި މައްސަލަ ނިންމާނެ ތާރީހެއްގެ ގޮތުގައި ކޮމިޓީން ކަނޑައަޅާފައިވަނީ 29 އޮކްޓޯބަރެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމު ކޮށްފައިވާ ހެލްތް މިނިސްޓްރީ ކޮވިޑް-19 ކޮމްޕްލަޔަންސް އޮޑިޓްގައި ބޮޑެތި މަކަރާއި ހީލަތުން ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވާ މައްސަލަ ތަކެއް ވަނީ ފެންމަތިވެފަ އެވެ.
އަދި މި އޮޑިޓް ރިޕޯޓު ނެރުމާއި ގުޅިގެން މި މައްސަލާގައި އޭސީސީން ނެރެފައިވާ ރިޕޯޓާއި އަދި އޭސީސީން މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހާޒިރުވެ ދެއްކި ވާހަކަތަކާއި ދިމާ ނުވާކަން ވަނީ ހާމަވެފައެވެ. މި މައްސަލަ ބަލައި ދިނުމަށް އެދި ކޮމިޓީއަށް ފޮނުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
މީގެ އިތުރުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ފޮނުވާފައިވާ ސިޓީއަކާއި ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަން އާއި އޭސީސީ އަދި ޕީޖީ އޮފީސް ވެސް ހާޒިރު ކުރުމަށް ވަނީ ނިންމާފައެވެ. މި މުއައްސަސާތައް ހާޒިރު ކުރުމަށް ކަނޑައަޅާފައިވަނީ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ ކޮމިޓީ ބައްދަލުވުމަށެވެ.