ކޮވިޑް-19 ގެ ނުރައްކާ މުޅި މާލެއަށް ފެތުރިފައިވާއިރު މާލޭގައި އެންމެ ނުރައްކާ ބޮޑީ މާފަންނު ސަރަހައްދުގައި ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގްރޫޕްގެ މެމްބަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
ހެލްތު އިމަރޖެންސީ ސެންޓަރު (އެޗްއީއޯސީ) ގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަހުމަދު ޝަހީދު ވިދާޅުވީ މިދިޔަ ޖުލައި މަހާއި އަޅާ ބަލާއިރު މި ހިނގާ އޯގަސްޓު މަހުގައި ބަލި ޖެހިފައިވާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި، މި މަސް ނިމުމާއި ކައިރިއަށް އައިސްފައިވާއިރު، ގާތްގަނޑަކަށް މާލޭގެ ހުރިހާ ސަރަހައްދަކަށް ބަލި ފެތުރިފައިވާ ކަމަށެވެ. ޑރ. ޝަހީދު އިތުރަށް ވިދާޅުވީ މާލެ ސަރަހައްދުން ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވަނީ މާފަންނުން ކަމަށެވެ.
ޖުލައި މަހާއި އަޅާ ބަލާ ބަލި ފެތުރޭ ސްޕީޑް އޮގަސްޓުމަހު ގިނަ. ގާތް ގަނޑަކަށް މާލެ ސަރަހައްދުގައި މީހުން ދިރިއުޅޭ ހުރިހާ ތަނަކުން ކޮވިޑް-19، މި ބަލި ފެނިފައި މިވަނީ. ހާއްސަކޮށް ފާހަގަ ކޮށްލެވޭ މާފަންނު ސަރަހައްދުގައި މިބަލި ފެތުރިފައިވާ މިންވަރު އިތުރުކަމަށްޓެގް ގްރޫޕްގެ މެމްބަރު ޑރ. އަހުމަދު ޝަހީދު
ޑރ ޝަހީދު ވިދާޅުވީ ހުޅުމާލެ އިން ވެސް ބަލި ފެންނަމުންދާ މިންވަރު އިތުރުވަމުންދާ ކަމަށެވެ. މީގެ އިތުރުން މާލެ އާއި ހުޅުމާލެ އާއި އަޅާ ބަލާއިރު ވިލިމާލޭގައި ބަލި ފެތުރޭ މިންވަރު ދަށް ކަމަށާއި، އެހެން ވަނީ މާލެ އަދި ހުޅުމާލެ އާއި އަޅާ ބަލާއިރު، ވިލިމާލޭގައި ދިރިއުޅޭ މީހުންގެ އަދަދު މަދުވެފައި، ދިރިއުޅޭ ޖާގަ ބޮޑު ވުމުން ކަމަށް ޑރ ޝަހީދު ވިދާޅުވިއެވެ.
ޑރ. ޝަހީދު ވިދާޅުވީ ބަލީގައި މީހުން ނިޔާވާ އަދަދު ގިނަވަމުން އަންނަ ކަމަށާއި، އަދި ބަލީގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު ވެސް އިތުރުވަމުން އަންނަ ކަމަށެވެ. އަދި މާލެ ސަރަހައްދުގެ ގާތްގަނޑަކަށް 60 އިންސައްތަ އެނދު ފުރިފައިވާ ކަަމަށް ފާހަގަކުރެއްވިއެވެ.
ޝަހީދު މިހެން ވިދާޅުވިއިރު ރާއްޖެއިން ކޮވިޑް-19 ފެންނަމުންދާ މިންވަރު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން މިހާތަނަށް މިބައްޔަށް ރާއްޖެއިން 7،047 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި އެކްޓިވް ކޭސްގެ އަދަދު ވަނީ 2580ށް އަރާފައެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑަށް 105،855 ޓެސްޓު ވަނީ ކޮށްފައެވެ. މި ވަގުތު ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދަކީ 173 އެވެ. މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރެއިން 4439 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.
ރާއްޖޭގައި ކޮވިޑުގެ ފެތުރޭ މިންވަރު ކޮންޓްރޯލް ކުރަން ގިނަ މަސައްކަތްތަކެއް ކުރިޔަސް އެކަމަށް މާ ބޮޑު ކުރިއެރުމެއް ނުލިބި ކޭސްތަކުގެ އަދަދު ދަަނީ ދުވަހެއް ދުވަހަކަށް އިތުުރުވަމުންނެވެ.