ކ. މާލެ
|
25 އޯގަސްޓް 2020 | އަންގާރަ 23:06
ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް
ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް
މަޖިލިސް
ރާއްޖެޓީވީގެ މައްސަލަ
ބޭއިންސާފުން ކަންކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް، ރާއްޖެޓީވީއަށް އިންސާފު ހޯދަދޭންޖެހޭ: ވިސާމް
ގޯސް ރަނގަޅުކުރުމަށް ފުރުސަތު ލިބިފައިވަނިކޮށް، އެ ގޯސް ދިފާއުކުރުމަކީ އެޔަށްވުރެ ބޮޑު ގޯހެއް
މަޤާމުން ވަކިވިޔަސް މައްސަލަ ބެލެންޖެހޭ

ބޭއިންސާފުން ކަންކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް، ރާއްޖެޓީވީއަށް އިންސާފު ހޯދަދޭންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޔާމީންގެ ހުދުމުހުތާރު ވެރިކަމުގައި ރާއްޖެޓީވީ ނައްތާލުމަށްޓަކައި އިންސާފުން ބޭރުން، ސްޓޭޝަން 2 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށް ނިންމި ނިންމުން ރިވިއުކުރުމަށްފަހު އެ ނިންމުމަށް ތާއީދުކުރުމަށް އަންގާރަ ދުވަހުގެ ކޮމިޝަންގެ ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ.

އެކަމާއި ގުޅޭގޮތުން ރާއްޖެ.އެމްވީން ބްރޯޑްކާސްޓިންގ ކޮމިޝަންގެ މިހާރުގެ ރައީސާ މަރިޔަމް ވަހީދާ އާއި ގުޅާލުމުން ވިދާޅުވީ ކޮމިޝަނުން މައްސަލަ އެއްކޮށް ނުނިންމާކަމަށެވެ. ނަމަވެސް އަންގާރަ ދުވަހު ބޭއްވުނު ކޮމިޝަންގެ ބައްދަލުވުމުގައި އެކަމުގައި ވޯޓަކަށް އެހުނުކަމަށް މަރިޔަމް ވަހީދާ ވިދާޅުވި އެވެ. އެކަމަކު އެ ވޯޓުގެ ތަފްސީލެއް އޭނާ ނުދެއްވި އެވެ. އޭނާ ވިދާޅުވިގޮތުގައި ކޮމިޝަންގެ ރިޕޯޓަށް އެންމެ މެމްބަރަކުވެސް ދެކޮޅު ހަދާނަމަ މިހާރު އޮތް ނިންމުން ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މައްސަލާގައި އަދި އިތުރު ކަންތައްތަކެއް ކުރުމަށް ހުރިކަމަށް ވިދާޅުވެ، މަރިޔަމް ވަހީދަ ވަނީ ކޮމިޝަން ދިފާއުކުރައްވާފަ އެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަންގެ އެ ނިންމުމާއި ގުޅިގެން ނޫސްވެރިކަމުގައިވެސް ގިނަ އަހަރުތަކެއްގައި މަސައްކަތް ކުރެއްވި ވިސާމް ވިދާޅުވީ ބޭއިންސާފުން ކަންކަން ކުރި މީހުން އަދިވެސް ކޮމިޝަންތަކުގައި މޫލާފައި ތިބުމަކީ އިންސާފު ލިބުމަށް އޮތް ހުރަހެއް ކަމަށެވެ. އަދި ބޭއިންސާފުން ކަންކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް، ރާއްޖެޓީވީއަށް އިންސާފު ހޯދަދޭންޖެހޭކަމަށް ވިސާމް ވިދާޅުވި އެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ވިސާމް ވިދާޅުވީ ގޯހެއް ހެދުމުން އެކަން ރަނގަޅުކުރުމަކީ އޮންނަ ކަމެއް ކަމަށާއި، އެކަމަކު ގޯސް ރަނގަޅުކުރުމަށް ފުރުސަތު ލިބިފައިވަނިކޮށް، އެ ގޯސް ދިފާއުކުރުމަކީ އެޔަށްވުރެ ބޮޑު ގޯހެއް ކަމަށެވެ. އަދި އޭގެ ދައްކުވައިދެނީ ގޯހުގެ މަގުން ކުރިއަށް ދިއުމަށް ބޭނުންވާ ކަންކަމަށާއި، އިންސާފު ޤާއިމްކުރުމަށް ބޭނުންނުވާ ކަންކަމަށް ވިސާމް ވިދާޅުވި އެވެ.

ވިސާމް ވިދާޅުވީ އެ މީހުން އިސްތިއުފާ ދެއްވިކަމުގައި ވިޔަސް، އެ ކޮމިޝަންގެ މެންބަރުން މަގާމުގައި ތިއްބެވި އިރު ހިންގި ކަންކަން ބެލޭނެ އިންތިޒާމެއް ހަމަޖައްސަންޖެހޭކަމަށެވެ.

އަނެއްކާ ވެސް ފުލުސް އޮފީހަށް އާންމު ރައްޔިތަކު ހުށަހަޅައިގެން އަނެއްކާ ހަމަ އެ މައްސަލަތަކެއް ބެލޭ ގޮތަށް އޮތުމަށް ވުރެ ރަނގަޅު ގޮތެއް.
މުހައްމަދު ވިސާމް / ގަމު ދާއިރާގެ މެމްބަރު

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މީޑިއާތަކުގެ އަޑު ކަޑުވާލުމަށް، ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަންކުރި އެކްޓިވިސްޓުންގެ ތެރެއިން 3 ބޭފުޅަކު މިވަގުތުވެސް މަޤާމުތަކުގައި އެބަތިއްބެވި އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ރާއްޖެޓީވީގެ މައްސަލާގައި ވޯޓު ދެއްވީވެސް އެ 3 މެމްބަރުންނެވެ.

ޔާމީންގެ ވެރިކަމުގައި އައްޔަންކުރެއްވި މެމްބަރުންގެ ތެރެއިން މިވަގުތު ކޮމިޝަންގައި ތިއްބެވީ ޔާމީންގެ އަނބިކަނބަލުން އަރިހުގައި މަސައްކަތްކުރެއްވި ޒީނާ ޒާހިރު އާއި، ޗެނަލް 13ގެ ނިއުސް ހެޑަކަށް ހުންނެވި އަމްޒަދު ވަހީދުގެ އިތުރުން އާމިނަތު ޝަރާރަތު އިއްޒަތު އެވެ.

ރާއްޖެޓީވީ ޖޫރިމަނާކުރުމަށް ނިންމީ ރަނގަޅަކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނިންމާއިރު، ކުރިން އެ ކޮމިޝަންގެ ރައީސްއަކަށް ހުންނެވި މުހައްމަދު ޝަހީބު ވަނީ އެ ސަރުކާރުގެ ތެރެއިން ރާއްޖެޓީވީ ބަންދުކުރުމަށާއި، ރާއްޖެޓީވީއަށް ފިޔަވަޅުތައް އެޅުމަށް ޕްރެޝަރުތައް ކުރިމަތިވިކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ކުރީގެ ރައީސް ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު އިސްމާއިލް ސޮފްވާން ރާއްޖެ ޓީވީ ބަންދު ކުރުމަށް މަސައްކަތް ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ. ކޮމިޝަނުން ވަކި ޗެނެލްތަކަށް އަމާޒުކޮށް ފިޔަވަޅު އަަޅަމުން ގެންދިޔަކަން ވެސް ޝަހީބު ވަނީ އިއުތިރާވެފައެވެ. އޭނާ ވިދާޅުވީ، އެގޮތަށް ކަންތައްވީ، މެމްބަރުން އަމިއްލަ އަށް އިސްނަގައިގެން ވަކި ޗެނަލްތަކުގެ މައްސަލަ ކޮމިޝަނަށް ހުށަހެޅުމުން ކަމަށެވެ.

- ކޮމެންޓް