ކ. މާލެ
|
25 އޯގަސްޓް 2020 | އަންގާރަ 22:25
ރައީސް އޮފީހުގައި މީގެ ކުރިން ބޭއްވި ވަޒީރުންގެ ބައްދަަލުވުމުގެ ތެރެއިން
ރައީސް އޮފީހުގައި މީގެ ކުރިން ބޭއްވި ވަޒީރުންގެ ބައްދަަލުވުމުގެ ތެރެއިން
ރައީސް އޮފީސް
އައިލްސް ސޮފްޓްވެއަރއާ ގުޅޭ މައުލޫމާތު
އައިލްސް ސޮފްޓްވެއަރއާ ގުޅޭ މައުލޫމާތު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ހިއްސާކޮށްފި
މިބައްދަލުވުން ބޭއްވީ އޮންލައިންކޮށް
ސްޓްރެޓީޖިކް އެކްޝަން ޕްލޭނަށް ގެންނަންޖެހޭ ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި
ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް އައިސްފައިވާ ބަދަލުތަކަށް ވެސް އަލިއަޅުއްވާލެއްވި

2019–2023 ވަނަ އަހަރަށް ސަރުކާރުން ކުރުމަށް ރާވާފައިވާ މަސައްކަތްތައް ހިމެނޭގޮތަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ) ތަންފީޒުކުރުމުގެ މަސައްކަތްތައް މިއަހަރުގެ ފުރަތަމަ ކުއާޓަރގައި މިނިސްޓްރީތަކުންނާއި ސަރުކާރުގެ އެކިއެކި އިދާރާތަކުން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުތަކުގެ މިންވަރު ބެލުމަށް ހަދާފައިވާ ރިވިއު، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގައި ހިއްސާކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި މައުލޫމާތު ހިއްސާކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އޮފީހުން ކަމަށެވެ.

މި ރިވިއުގައި ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ ދާއިރާތަކާއި ކޮންމެ ދާއިރާއެއްގެ ދަށުން ހިމެނޭ ސަބްސެކްޓަރތަކުން މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް އައިސްފައިވާ ބަދަލުތަކާއި ހާލަތަށް ރިއާޔަތްކޮށް ސްޓްރެޓީޖިކް އެކްޝަން ޕްލޭނަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން މެންބަރުން ޚިޔާލު ބަދަލުކުރެއްވިއެވެ.

މީގެއިތުރުން، ރައީސް އޮފީހުން ބުނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ސަރުކާރުން ހިންގާ މަޝްރޫއުތައް ހިނގަމުންދާގޮތުގެ މައުލޫމާތާއި، ރާއްޖޭގެ މީހުން ދިރިއުޅޭ އަދި މީހުން ދިރިނޫޅޭ ހުރިހާ ރަށްތަކުގެ މައުލޫމާތު އެއްތަނަކުން އެއް ޕްލެޓްފޯމަކުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފަރުމާކުރަމުންދާ "އައިލްސް" ސޮފްޓްވެއަރއާ ގުޅޭ މައުލޫމާތު ވެސް ވަނީ ހިއްސާކޮށްފައިވާ ކަމަށެވެ.

ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ މައުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނަން ހުރުމުގެ މުހިންމުކަމާއި، "އައިލްސް" ސޮފްޓްވެއަރ ފަދަ ސޮފްޓްވެއަރއަކުން ހުރިހާ މައުލޫމާތުތައް އާންމުކޮށް ލިބެން ހުންނާނެ އިންތިޒާމުތައް ހަމަޖެއްސުމާ ބެހޭގޮތުން ވެސް މަޝްވަރާ ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

- ކޮމެންޓް