ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން ވެންޓިލޭޓަރަށް ލައިގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދުތައް މައްޗަށް ދާންފަށައިފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ އިބްރާހިމް އަފްޒަލް ވިދާޅުވީ އޭރު ކޮވިޑް-19 ޖެހިފައިވާ 10 މީހަކަށް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށެވެ. އަދި އޭގެތެރެއިން 5 މީހަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.
އާދިއްތަ ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ އަފްޒަލް ވިދާޅުވީ އާދިއްތަ ދުވަހުގެ ރެއާ ހަމައަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަނީ 11 މީހަކަށް ކަމަށެވެ. އަދި ވެންޓިލޭޓަރުގައި 8 މީހަކަށް ފަރުވާދެމުން އަންނަކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ. މީގެއިތުރުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 162 މީހަކަށް މިހާރު ފަރުވާދެމުން އަންނަ ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ތައް މިފަހަކުން އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެގޮތުން އާދިއްތަ ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ ޓެކްނިކަލް އެޑްވައިޒަރީ ޓީމް (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފު ވިދާޅުވީ ކުރިން 500 މީހުން ޕޮޒިޓިވްވުމަށް ދެ ހަފްތާ ވަރު ހޭދަވިނަމަވެސް މިހާރު 500 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމަށް ނަގަނީ ދޭއް ނުވަތަ ތިން ދުވަސްވަރު ކަމަށެވެ. އަދި މިހާރު ހަފްތާއަކު އެވްރެޖްކޮށް 980 މީހުން ޕޮޒިޓިވްވަމުން އަންނަ ކަމަށް ޑރ އަލީ ލަތީފް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ހާއްސަ ކޮށްފައިވާ އެނދުތަކުގެ ތެރެއިން މިހާރު ބާކީ ހުރީ 38 އިންސައްތަ އެނދުކަމަށް އެޗްއީއޯސީގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގް ވެސް ވަނީ ވިދާޅުވެފައެވެ. މާލެ ސަރަހައްދުގައި ކޮވިޑް-19 އަށް ފަރުވާދިނުމަށް ހާއްސަ ކޮށްފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ބެޑް ކެޕޭސިޓީ އަކީ 250 އެވެ. އަދި ޑީއެޗް-11 ގައި ކޮވިޑް-19 އަށް ފަރުވާ ދިނުމަށް 10 އެނދު ހާއްސަ ކޮށްފައިވާ އިރު، ޑީއެޗް-16ގައި 06 އެނދު ހުރެއެވެ.
ރާއްޖޭގައި މިހާތަނަށް އައިއިރު 6719 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި 26 މީހަކު ނިޔާވެފައިވާއިރު ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.