ކޮވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފިޔަވަޅުތައް އަޅާއިރު، ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރެމް) ބަހެއް އޮތުން މުހިއްމު ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ފިޔަވަޅެއްގެ ގޮތުން އާދިއްތަ ދުވަހުގެރޭ އަށަކުން ފަތިހު ފަހަކަށް މާލެ ސަރަހައްދު މަގުމަތީގައި އުޅަނދުތައް ދުއްވުން މަނާކޮށް ރެސްޓޯރެންޓް އަދި ކެފޭތަކުގެ ހިދުމަތް ދެވޭނެ އެންމެ ފަހު ގަޑިއަކީ ރޭގަނޑު 9:30ށް ކަމަށް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ.
އާދިއްތަ ދުވަހު ރެސްޓޯރެންޓް އެސޯސިއޭޝަނުން ބޭއްވި ޕްރެސް ކޮންފަރެންސް ގައި އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކެރެޓަރީ މަރިޔަމް ސުހާނާ ވިދާޅުވީ، އެޗްޕީއޭއިން އެ ނިންމުން ނިންމާފައިވަނީ، ރެސްޓޯރެންޓްތަކާއި ކެފޭތަކަށް ދިމާވެފައިވާ ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން ހޮނިހިރު އެޗްޕީއޭއާ މަޝްވަރާ ކޮށްފައި ވަނިކޮށް، އެސޯސިއޭޝަންގެ މަޝްވަރާ ނުހޯދާ ކަމަށެވެ.
މިކަންތައް މިހެން އޮއްވާ ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަޅުގަނޑަށް މި ލިބުނީ (ރެސްޓޯރަންޓް ހިންގާ މީހުންނަށް) ވަރަށް ބޮޑަށް ހިތުގައި ޖެހުމެއް. މިކަމާއި މެދު އުއްމީދު ކެނޑިއްޖެ.ސުހާނާ - ރެސްޓޯރެންޓް އެސޯސިއޭޝަން
ރެމްގެ ފައުންޑިން މެމްބަރު ނުޒައިރު އަލީ ވިދާޅުވީ، ރެސްޓޯރެންޓް އަދި ކެފޭ ބަންދުކުރާ ގަޑި 9:30 ހެދުމުން އޭގެ ސަބަބުން ވަރަށް ގިނަ ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ފިޔަވަޅުތައް ސަރުކާރުން އަޅަނީ ހަނިކޮށް ކަމަށެވެ. ނުޒައިރު ވިދާޅުވީ، އެޗްޕީއޭއިން ނިންމާ ނިންމުންތައް ހަރުދަނާ ވާން ޖެހޭނެ ކަމަށެވެ. އަދި ވިހާވެސް އަވަހަށް ހުރި ކަންބޮޑުވުންތަކެއް ހައްލެއް ލިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑުގެ ހާލަތާއި ގުޅިގެން ގިނަ ރެސްޓޯރެންޓް, ކެފޭ އަދި ހޮޓާތައް ބަނގުރޫޓުވާން ކައިރިވެ އަނެއްބައި ތަންތަން ބަންދު ކުރާ ހިސާބުގައިވާކަމަށް ރެމް އިން ވަނީ ބުނެފައެވެ. ރެމްގެ މަސައްކަތްތައް އަލުން ފަށާފައިވަނީ ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހުއެވެ.