ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އާންމު ޚިދުމަތްދޭ ތަންތަނުގައި އަމަލުކުރަންޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ތަންތަން ހުރިތޯ ބެލުމަށް ޚާއްސަ އިންސްޕެކްޝަނެއް އޮގަސްޓްމަހުގެ 25 ވަނަ ދުވަހު ފަށާނެކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބުނެފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ އެސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޑެންޓު އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އެ އިންސްޕެކްޝަން ގައި އެއްވެސް ތަނެއް އިސްތިސްނާނުކޮށް ހުރިހާ ތަނެއް އިންސްޕެކްޓް ކުރާނެ ކަމަށެވެ.
ހުރިހާ ބޭފުޅުންވެސް ފާހަގަކޮށްލަންވީ ކަމަކީ މިއިންސްޕެކްޝަން ފެށިގެން ދާއިރުގައި އެއްވެސް ތަނެއް އިސްތިސްނާ ނުކޮށް ހުރިހާ ތާކަށްވެސް އެޓެންޑްވާނަމޭ. އެއީ އާންމު ރައްޔިތުންނަށް ޚިދުމަތް ދޭ ކޮންމެ ތަނެއް އެއީ އިންސްޕެކްޓް ކުރާނެ ތަންތަން ކަމުގައި ހުރިހާ ފަރާތެއްގެ މައުލޫމާތަށްޓަކައި ދަންނަވަން. އަދި އެތަންތަން އިންސްޕެކްޓް ކުރުމަށްފަހު ބަންދުކުރަން ޖެހޭ ހާލަތެއް އައިސްފިނަމަ ބަންދުކުރުމަށްފަހު އެޚިދުމަތް އެހިސާބުން ހުއްޓާލަންޖެހޭނެ. އިތުރަށް އެ ޚިދުމަތް ފޯރުކޮށްދޭ ކަމަށްވާނަމަ އަނެއްކާވެސް އެފަރާތަކާއި ދޭތެރޭ ފިޔަވަޅު އަޅާނަން.ޗީފް ސުޕްރިޑެންޓު އޮފް ޕޮލިސް އަބްދުﷲ ޝަރީފް
އިންސްޕެކްޝަން ކުރިއަށް ގެންދަނީ އެޗްޕީއޭ އާއި މާލެ ސިޓީ ކައުންސިލް އަދި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން މޯލްޑިވްސް ރެޑް ކްރެސެންޓް އަދި އެނޫންވެސް ގިނަ ފަރާތްތަކެއް ގުޅިގެންނެވެ.
އެޗްޕީއޭގެ ފުރަތަމަ އިންސްޕެކްޝަން ކުރިޔަށް ގެންގޮސްފައިވަނީ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ. އެ އިންސްޕެކްޝަން ގައި 190 ތަނެއް އިންސްޕެކްޓްކޮށް އެ ތަނުން ބައެެއް ތަންތަނަށް ގައިޑްލައިންއާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް އެންގިއެވެ. ދެވަނަ އިންސްޕެކްޝަން ކުރިޔަށް ގެންގޮސްފައިވަނީ ޖުލައި 29ން އޮގަސްޓު 8 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ އިންސްޕެކްޝަންގެ ތެރެއިން މިންގަނޑުތަކަށް ނުފެތޭ 258 ތަނެއް ބަންދު ކުރެވުނު ކަމަށް އެ އެޖެންސީން ބުނެފައިވެ އެވެ.
ލޮކްޑައުންއަށް ފަހު ލުއިތަން ދޭންފެށިއިރު އާންމު ޚިދުމަތްދޭ ތަންތަނުން އަމަލުކުރަންވީ އުސޫލެއް ވަނީ އެކުލަވާލާފައެވެ.