ކ. މާލެ
|
23 އޯގަސްޓް 2020 | އާދީއްތަ 06:58
ފުލުހުން މީގެކުރިން މާލެތެރެ ބަލަހައްޓަނީ
ފުލުހުން މީގެކުރިން މާލެތެރެ ބަލަހައްޓަނީ
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19 ރާއްޖޭގެ ހާލަތު
މާސްކު ނާޅާ އުޅުނު 884 މީހަކު މިހާތަނަށް އައިއިރު ޖޫރިމަނާކޮށްފި
މާސްކު ނާޅާ ބޭރުތެރޭގައި އުޅުނު 2444 މީހަކަށް ނަސޭހަތްދީފައިވޭ
ފާއިތުވި 24 ގަޑިއިރު ތެރޭގައި މާސްކު ނާޅާއުޅުނު 21 މީހަކަށް ނަސޭހަތްދީ 41 މީހަކު ޖޫރިމަނާކޮށްފައިވޭ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ބޭރުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރު ކުރިފަހުން މިހާތަނަށް އައިރު މާސްކު ނާޅާއުޅުނު 884 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑޮކްޓަރ، ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ އަފްޒަލް ވިދާޅުވީ މިހާތަނަށް އައިއިރު މާސްކު ނާޅާ ބޭރުތެރޭގައި އުޅުނު 2444 މީހަކަށް ނަސޭހަތްދީފައިވާ ކަމަށެވެ. އަދި ފާއިތުވި 24 ގަޑިއިރު ތެރޭގައި 21 މީހަކަށް ނަސޭހަތްދީ 41 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ޑރ އަފްޒަލް ވިދާޅުވިއެވެ.

ބޭރުތެރޭގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރު ކޮށްފައިވަނީ އޮގަސްޓްމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މާސްކު ނާޅާ އުޅޭ މީހުން 1000 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. މާސްކުއެޅުން މަޖުބޫރު ކޮށްފައިވާއިރު އެކަމުން އިސްތިސްނާ ވަނީ ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި، ކަސްރަތުކުރަން ނުކުންނަ މީހުން ކަސްރަތުކުރާ ވަގުތުގައެވެ. މީގެ އިތުރުން އެހެން މީހެއްގެ އެހީގައި މާސްކު އަޅާ މީހުންނާއި ރެސްޓޯރެންޓްތަކުން ޚިދުމަތް ހޯދާ މީހުން މާސްކު އެޅުމުން އިސްތިސްނާވެއެވެ.

މީގެއިތުރުން ރޭގަނޑު ބޭރުގައި އުޅުން މަނާ ވަގުތު ކަމަށްވާ ރޭގަނޑު 10ން ފެށިގެން 5ށް ބޭރުގައި އުޅެގެން މިހާތަނަށް އައިއިރު 951 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ. އަދި 2418 މީހަކަށް ވަނީ ނަސޭހަތްދީފައެވެ. ފާއިތުވި 24 ގަޑިއިރުތެރޭގައި މަނާ ވަގުތު ބޭރުގައި އުޅުނު 147 މީހަކަށް ނަސޭހަތްދީފައި ވާއިރު 60 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ.

ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވާން ފެށުމުން ރޭގަނޑު 10ން ފަތިހު 5ށް ބޭރުގައި އުޅުން މަނާކޮށްފައިވަނީ އޮގަސްޓް މަހުގެ 4 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް ކޮވިޑް ކޭސްތައް ފެތުރޭ މިންވަރު އަދިވެސް އިތުރުވަމުންދާތީ އާދިއްތަ ދުވަހުގެ ރެއިން ފެށިގެން ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރަން ވަނީ ނިންމައިފަ އެވެ.

ރާއްޖޭގައި މިހާރުވެސް ކޮވިޑް-19 ޖެހިގެން 2521 މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ.

- ކޮމެންޓް