ގުޅީފަޅުން ފުލެޓުގަތުމަށް ފައިސާ ދައްކަންފަށާފައިވާ ފަރާތްތަކާއި، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ގާކޮށި އަދި ވޭސައިޑް އިން ފުލެޓަށް ދައްކަންޖެހޭ ފައިސާ ހަމަނުޖެހުނު ފަރާތްތަކަށް ފުލެޓު ދިނުމަށްޓަކައި، އެފަރާތްތަކަށް އިތުރު ގޮތްތަކެއް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހަމަޖައްސައިފި އެވެ.
ނޭޝަނަލް ޕްލޭނިންގ އެންޑް ހައުސިންގ މިނިސްޓްރީ ހޮނިހިރު ދުވަހު ކޮށްފައިވާ އިއުލާނެއްގައި ވަނީ، ގުޅީފަޅުން ފުލެޓުގަތުމަށް ފައިސާ ދައްކަންފަށާފައިވާ ފަރާތްތަކާއި، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ގާކޮށި އަދި ވޭސައިޑް އިން ފުލެޓަށް ދައްކަންޖެހޭ ފައިސާ ހަމަނުޖެހުނު ފަރާތްތަކަށް ފުލެޓު ދިނުމަށްޓަކައި މިހާރުވަނީ އެފަރާތްތަކަށް 2 ގޮތުންކުރެ ގޮތެއް ހިޔާރުކުރުމުގެ ފުރުޞަތު ހުޅުވާލެވިފަ ކަމަށެވެ. ފުރަތަމަ ގޮތަކީ ހިޔާ މަޝްރޫޢުގެ 6720 ފުލެޓުގެ ތެރެއިން 2 ކޮޓަރީގެ ފުލެޓެއް ހިޔާރުކުރުމެވެ. ދެވަނަ ގޮތަކީ ފަހިދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ޢިމާރާތްކުރާ 1700 ފުލެޓުގެ ތެރެއިން 3 ކޮޓަރީގެ ފުލެޓެއް ހިޔާރުކުރުމެވެ.
އެމިނިސްޓްރީން ބުނީ، މިހާތަނަށް 2 ގޮތުންކުރެ ގޮތެއް ހިޔާރުކުރުމުގެ ލިޔުމުގައި ސޮއި ނުކޮށް ތިބި ފަރާތްތަކުން 27 އޮގަސްޓް 2020ގެ 13:00ގެ ކުރިން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެދުނު 9:00 އިން 13:00 އަށް އެމިނިސްޓްރީއަށް ވަޑައިގެން މިދެންނެވި ލިޔުމުގައި ސޮއިކުރުމަށް ދަންނަވާ ކަމަށެވެ.
ގުޅީފަޅުގެ މަޝްރޫއު އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. ގުޅީފަޅު ހަތަރު ފިޔަވައްސަކަށް ބަހާލާއިގެން ކުރިއަށްގެންދިއުމުގެ މަސައްކަތް ފެށިއިރު ގުޅީފަޅު މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ކަނޑައަޅާފައި އޮތީ 2016 ވަނަ އަހަރުގެ ނިއަލަށެވެ.
ފްލެޓް ހޯދުމަށްޓަކައި 2010 ވަނަ އަހަރު ގުޅީފަޅު ތަަރައްގީކުރާ ގްލޯބަލް ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް (ޖީޕީޑީ) އިން ފްލެޓް ގަތުމަށް ފައިސާ ހޯދާފައިވާއިރު ގާތްގަނޑަކަށް 158 ފަރާތެއްގެ އަތުން 35 މިލިއަން ރުފިޔާ ހޯދާފައިވެއެވެ.
ރައީސް ނަޝީދުގެ ސަރުކާރު، 2012 ވަނަ އަހަރު ވައްޓާލުމާއެކު އެމަޝްރޫއު ހުއްޓުނުގޮތަށް އޮތީ ކުރިއަށް ނުގެންގޮސް އެވެ.