މުދައްރިސުންނަށް ސޯޝަލް މީޑިއާގައި ކުރަމުން ގެންދާ ފުރައްސާރަ ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ ދަރިވަރުންނަށް ކުރިއެރުމާއި ކާމިޔާބަށް ވާސިލްކޮށްދިނުމަށް މުދައްރިސުން ބޮޑެތި ގުރުބާނީތަކެއް ވަމުންދާ ޙައްސާސް ދަނޑިވަޅެއްގައި، މުދައްރިސުންނަށް ސޯޝަލް މީޑިއާގައި ކުރަމުން މިގެންދާ ހަނގާ އަދި ފުރައްސާރަ ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށެވެ.
ޓެލިކިލާސްތައް ނަގައިދޭ ގޮތަށް ފާޑު ކިޔައި ޓީޗަރުންނަށް މަލާމާތާއި ފުރައްސާރަ ރައްދުވާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. މިވީޑިއޯ ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުށްވެރި ކޮށްފައިވާއިރު ބައެއް އާންމު ރައްޔިތުން ވެސް ދަނީ މިފަދަ އަމަލު ނުކުރުމަށް ބުނެ ނުރުހުން ފާޅު ކުރަމުންނެވެ.
ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ދަރިވަރުންނަށް ކްލާސްތައް ނަގައި ދިނުމަށް މުދަރިއްސުން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އަދި މިހާލަތުގައި ރިވިޝަން ކްލާސްތައް ނަގައި ދިނުމަށް ވެސް ބައެއް މުދަރިއްސުން ސްކޫލުތަކުގައި ހަރަކާތްތެރިވެއެވެ. މީގެ އިތުރުން ދަރިވަރުންނަށް ގެއްލިފައިވާ ފިލާވަޅުތައް ނަގާދިނުމަށް އައު ޕްލޭންތައް ހަދައި ދަރިވަރުންނަށް ބުރަ ނުވާނެހެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވެސް މުދައްރިސުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.