ސިވިލް ސަރވިސް ކޮމިޝަނުން ހުސްވެފައިވާ 4 މަގާމަށް ކުރިމަތިލި 41 މީހުންގެ ނަންތައް ދިރާސާ ކުރުމަށްފަހު 15 މީހެއްގެ ނަން ތަޅުމަށް ފޮނުވުމަށް ކޮމިޓީން ފާސްކޮށްފި އެވެ.
ނަންތައް ދިރާސާ ކޮށްފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ. އެކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސީއެސްސީ އަށް ކުރިމަތިލި މީހުންގެ ތެރެއިން، މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސް ކުރި 15 މީހުން ވެސް އެކަމަށް ގާބިލު ކަމަށެވެ. އަދި ކޮންމެ މީހަކު މަގާމަށް ހޮވުނު ނަމަވެސް، ރަނގަޅު ބަދަލުތަކެއް ފެންނާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
މި 15 ނަމުގެ ތެރެއިން ސިވިލް ސަރވިސް އަށް ހޮވޭނީ ވޯޓަށް އަހާ ނަންތަކުގެ ތެރެއިން ފާސްވާ ނަންތަކެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ 4 މަގާމު ހުސްވެފައިވަނީ މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ. އެއީ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ސީއެސްސީގެ 4 މެމްބަރަކު ވަކި ކުރުމަށް ނިންމާ މަޖިލީހުގެ ތަޅުމަށް ފޮނުވުމާއި ގުޅިގެންނެވެ. މަގާމުން ވަކިކުރުމަށް ތަޅުމަށް ފޮނުވުމުން ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި ޑރ. އަލީ ޝަމީމާއި، ނައިބު ރައީސް ކަމުގައި ހުންނެވި ޝަހީދު މުޙައްމަދުގެ އިތުރުން މެމްބަރު ޒަކަރިއްޔާ ޙުސައިން ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އެހެންކަމުން މަޖިލީހުގެ ތަޅުމުން އެ ކޮމިޝަންގެ މެމްބަރުކަމުން ވަކިކޮށްފައިވަނީ ކޮމިޝަންގެ މެމްބަރު އިބްރާހީމް ޝަހީޤެވެ. އޭނާ ވަކިކޮށްފައިވަނީ 48 މެމްބަރުންގެ ވޯޓުންނެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމުގައި މިހާރު ހުންނެވީ ފާތުމަތު އާމިރާ އެކަންޏެވެ. އާމިރާ ވަކިކުރުމަށް ވެސް ކޮމިޓީއަށް ހުށަހެޅިއެވެ. އެހެންނަމަވެސް އާމިރާ ވަކިކުރުމަށް ފާސް ވެފައެއްނުވެއެވެ.