ޓޫރިޒަމް މިނިސްޓަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އައްޔަންކުރެއްވި ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދިނުމަށް ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ފާސްކޮށްފި އެވެ.
ޑރ. ޢަބްދުﷲ މަޢުޞޫމް މަޤާމަށް ޢައްޔަނު ކުރައްވައި މަޤާމުގެ ފަތްކޮޅު އަރުވާފައިވަނީ އޮގަސްޓް މަހުގެ 6 ވަނަ ދުވަހުއެވެ. ޑރ. މައުސީމަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށެހެޅުމުން މިމަހުގެ 10 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައިވަނީ މައްސަލަ ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ފޮނުއްވާފަ އެވެ.
ޓޫރިޒަމް މިނިސްޓަރުކަމަށް ޑރ. އަބްދުﷲ މައުސޫމް އައްޔަންކުރުމަށް ފެންނަކަމަށް ކޮމެޓީން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ ސާފު އަޤުލަބިއްޔަތުންނެވެ. އެގޮތުން މައުސޫމަށް ރުހުން ދިނުމަށް ފެންނަކަމަށް 7 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.
މަޢުޞޫމަކީ އިނގިރޭސިވިލާތުގެ ބަރމިންގހަމް ޔުނިވަރސިޓީއިން ޑޮކްޓަރ އޮފް ފިލޯސޮފީ ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. މަޢުޞޫމް ވަނީ ސަރުކާރުގެ މަތީ މަޤާމުތައްވެސް ފުރުއްވާފައެވެ.
އޭގެއިތުރުން ޓުއަރިޒަމް ދާއިރާގައި ގިނަ އަހަރުތަކެއްގައި މައުސޫމް ވަނީ މަސައްކަތްކުރައްވާފަ އެވެ. އެގޮތުން 1985 ވަނަ އަހަރު ޓުއަރިޒަމް ޑިޕާޓްމެންޓްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމުގެ މަޤާމުން މަސައްކަތް ފައްޓަވައި، އޭގެފަހުން ވަނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާއި ގުޅިގެން ޓުއަރިޒަމަށް އައި ހީނަރުކަމުން އަރައިގަތުމަށް އުފެއްދެވި ޓޫރިޒަމް ޕްރޮމޯޝަން ބޯޑުން ފެށިގެން، ޓޫރިޒަމް މިނިސްޓްރީގެ ނައިބްކަމުގެ އިތުރުން ޓުއަރިޒަމް މިނިސްޓަރުކަންވެސް ކުރައްވާފަ އެވެ. އޭގެއިތުރުން ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެންވަޔަރަމެންޓް މިނިސްޓަރުކަންވެސް މައުސޫމް އަދާކުރައްވާފައިވެއެވެ.
އޭގެފަހުން މައުސޫމް ވަނީ ވިލާ ރިސޯޓްސްގައިވެސް އިސްކޮށް ގިނަ އަހަރުތަކެއް މަސައްކަތް ކުރައްވާ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރުކަން ގިނަ އަހަރުތަކެއްގައި ކުރެއްވުމުގެ އިތުރުން މައުސޫމް ވަނީ ޑީއާރުޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރުކަންވެސް ކުރައްވާފަ އެވެ. އެންމެފަހުން މައުސޫމް ހުންނެވީ ޖުމްހޫރީ ޕާޓީގެ ނައިބް ރައީސްކަމުގެ މަޤާމުގަ އެވެ. ނަމަވެސް ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް މައުސޫމް އައްޔަންކުރެއްވުމާއި ގުޅިގެން މައުސޫމް ވަނީ ޕާޓީގެ ނައިބް ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފަ އެވެ.
މައުސޫމަކީ ރައީސް އަބްދުﷲ ޔާމީންގެ ހުދުމުހުތާރު ވެރިކަމުގެ ތެރޭގައި އިސްލާހަށް ކުރެވުނު މަސައްކަތްތަކުގައިވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ.
ޓުއަރިޒަމް މިނިސްޓަރުކަމަށް، މައުސޫމް އައްޔަންކުރެއްވީ ކުރިން އެ މަޤާމުގައި ހުންނެވި އަލީ ވަހީދު، މަޤާމުން ވަކިކުރެއްވުމާއި ގުޅިގެން މަޤާމު ހުސްވެފައިވާތާ ދުވަސްކޮޅެއް ފަހުންނެވެ. ކުރީގެ މިނިސްޓަރ، އަލީ ވަހީދު ޓުއަރިޒަމް މިނިސްޓްރަަކަމުން ވަކިކޮށްފައި ވަނީ އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުތަކާއި ގުޅިގެންނެވެ. އަލީ ވަހީދަށް ތުހުމަތުތައް ކުރި މުވައްޒަފުން ބުނާ ގޮތުން، އެ މުވައްޒަފުންނަށް ޖިންސީ ގޯނާކުރާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އެ މައްސަލާގައި އަލީ ވަހީދު ފުލުހަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައިވެއެވެ.