އޮސްޓްރޭލިއާގެ ފްލިންޑަރްސް ޔުނިވަރސިޓީގެ ސައިންސްވެރިންތަކެއް ދާދި ފަހުން ކަނޑުގެ ސަތަހައިގައި މައިކްރޯ ޕްލާސްޓިކް ހުންނަ މިންވަރު ދެނެގަތުމަށް ހެދިދިރާސާއާއި ގުޅިގެން މިނިސްޓްރީގެ ބަހެއް އެ ޖަރނަލްގައި ހިމެނުމަށް ލިޔުއްވާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މި ދިރާސާ ހެދުމަށް ސާމްޕަލް ނަގާފައިވަނީ ނައިފަރުގެ ކަނޑުގެ ސަރަޙައްދުތަކުންނެވެ. އެ ސަރަހައްދުން ނެގުނު ސާމްޕަލްތަކުން ފެނުނު މައިކްރޯޕްލާސްޓިކްގެ އަދަދަކީ ރެކޯޑް އަދަދެއް ކަމަށް ދިރާސާގެ ނަތީޖާއިން ދައްކައެވެ.
މި ދާއިރާ ތަމްސީލް ކުރައްވާ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މި ދިރާސާގެ ސަބަބުން ރާއްޖޭގެ ތަސައްވަރު ގޯސްވެ، ޚާއްސަކޮށް ނައިފަރުގެ ތަސައްވަރު ގޯސްވެ އުފެދެނީ "ބޭޑް އިމްޕްރެޝަން އެއް" ކަމަށެވެ. އަދި މި ދިރާސާއި ގުޅިގެން މިނިސްޓްރީން ރައްދެއް ދެއްވުމަށް މަސައްކަތް ކުރައްވަންތޯ މެމްބަރު ވަނީ މިނިސްޓަރާއި ސުވާލުކުރައްވާފައެވެ.
ސުވާލަށް ޖަވާބުދެއްވަމުން ޑރ. ހުސެއިން ރަޝީދު ވިދާޅުވީ މި ދިރާސާގައި ބޭނުންކޮށްފައިވާ ސިންގަލް ސާމްޕްލިންގް ނުވަތަ ސިލެކްޓިވް ސައިޓްތަކެއްގެ މައްޗަށް ބިނާކޮށް ރާއްޖެއަކީ މައިކްރޯ-ޕްލާސްޓިކް އެންމެ ގިނަ ޤައުމޭ ބުނުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. އަދި މުޅި ނައިފަރު ސަރަހައްދުގައި ވެސް އެކަން އޮތް ގޮތް ކަމަށް ބުނުމަކީ ވެސް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
އަސްލު އޭގެ ޒާތަށް ބަލަންޏާ އެ އަރޓިކަލް ބޭސް ކުރާ ސްޓަޑީޒް އަކީ ސިލެކްޓިވް ސާމްޕްލިންގްގެ ކަމެއް. ދެން އެއީ އެކަހަލަ ހަމަ މި ދެންނެވި ސިންގަލް ސާމްޕަލް ނުވަތަ ސިލެކްޓިވް ސައިޓްތަކެއްގެ މައްޗަށް ބިނާކޮށް އެއީ މުޅި ރާއްޖޭގައި އެކަން އޮތް ގޮތް ކަމަށް ބުނުން، ނޫނީ އަދި މުޅި ނައިފަރު ސަރަހައްދުގައި އެކަން އޮތް ގޮތް ކަމަށް ބުނުމަކީ އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ ކަމެއް.އެންވަޔަރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން
ޑރ. ހުސެއިން ވިދާޅުވީ މިކަމާއި ގުޅިގެން 'ޑިފެންސިވް'ކޮށް ތިބޭ ކަމަށްވާނަމަ، އެއީވެސް ނބައި ތަސައްވުރެއް އުފެދިދާނެ ކަމެއް ކަމަށެވެ.
ރައްދެއް ދިނުމަށްޓަކައި މިނިސްޓްރީން ކޮށްފައިވާ މަސައްކަތްްތަކާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ ފުރަތަމަ މިއީ ކިހިނެއް ހެދުނު ދިރާސާއެއްތޯ ބަލާފައިވާ ކަމަށެވެ. ބެލި ބެލުމުން އެނގުނު ގޮތުގައި ދައުލަތުގެ އިދާރާއަކުން ހުއްދަ ނަގައިގެން ގޮސް ހަދާފައިވާ ދިރާސާއެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ދެން ފާޑު ކިޔަން ޖެހެނީ އެ ދިރާސާގެ މެތަޑޮލޮޖީއާ އޭގެ ސައްހަ ކަމާއި މެދު ކަމަށް ވިދާޅުވެ މިނިސްޓަރ ވިދާޅުވީ މިހާރު އެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރަސްމީކޮށް އެކަންކަން ބެލުމަށްފަހު ޖަރނަލްއަށް ލިޔެގެން ފާހަގަކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ދެން ފާޑު ކިޔަން ޖެހެނީ އެ ދިރާސާގެ މެތަޑޮލޮޖީއާ އޭގެ ސައްހަ ކަމާއި މެދު. އެހެންމަ އަޅުގަނޑުމެން މިދަނީ އެކަން ބަލަމުން. ދެން އަޅުގަނޑުމެން ބޭނުންވަނީ ޕްރޮއެކްޓިވްކޮށް އެ ރައިޓަރ އަށް، މި ދެންނެވީ.. އެ ސްޓަޑީ ހެއްދެވި ފަރާތަށް އެވާހަކަ ލިޔަން. ލިޔެގެން އެކަން އޮތް ގޮތް އެފަރާތަށް އޮޅުން ފިލުވަދީ، ދެން އަޅުގަނޑުމެން އެންމެ އެދޭ ގޮތަކީ އެކަން ޖަރނަލްގައި ޝާއިއުކޮށްދިނުން.
މިނިސްޓަރ މިހެން ވިދާޅުވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިނިސްޓަރުގެ އަމިއްލަ ސަރވޭއެއް އެއް އޮންނަންވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ޖަރނަލްއަށް ލިޔުއްވައިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.