ބުދަ ދުވަހުގެ ޖަލްސާ އަށް ކުއްލި މައްސަލައެއް ހުށައެޅުމަށް މަޖިލީހުގެ ގަވާއިދުން ތަން ނުދޭތީ، އެ މައްސަލަ ހުށައެޅުމުގެ ފުރުސަތު ދެވެން ނެތް ކަމަށް ބުނުމުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހުގައި ހަމަނުޖެހުން އުފައްދަވައިފިއެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލިފުށި ދާއިރާގެ މެމްބަރު އަހުމަދު އަފީފް ވިދާޅުވީ ދެ މެމްބަރަކު ކުއްލި މައްސަލަ ހުށައެޅުއްވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ. އެއީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން އެއް ޖަލްސާއެއްގައި ދެ މެންބަރަކު ކުއްލި މައްސަލަ ހުށަހަޅުއްވައިފިނަމަ، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، އެ ދެ މެންބަރުންގެ މެދުގައި ގުރުއަތުލާން ޖެހެއެވެ. އަދި ގުރުއަތުން ހޮވޭ މެންބަރަކަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދޭން ޖެހެއެވެ.
އަފީފް މިހެން ވިދާޅުވުމާއެކު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، ނިޒާމީ ނުކުތާ އެއް ނަންގަވާ ވިދާޅުވީ މަޖިލީހުގެ ގާވައިދުގެ 174 ވަނަ މާއްދާގައި ވާގޮތުން ކުއްލި މައްސަލައެއްގައި ވޯޓެއް ނެގުމެއް ނުވަތަ ގަރާރެއް ފާސްކުރުމެއް ނުވަތަ އެނޫންވެސް ނިންމުންތަކެއް ނޯންނާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް މެމްބަރު ޖާބިރު ހުށައެޅުއްވި މައްސަލައިގައި 'މޯލްޑިވްސް މަނިޓަރީ އޮތީރިޓީގެ ގަވަރުނަރު އަލީ ހާޝިމް ވަގުތުން ވަގުތަށް މަގާމުން ވަކި ކުރުމަށް' ހުށައަޅާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދުން އެ ފަދަ މައްސަލައެއް ހުށައެޅުއްވުމަށް ތަންނުދޭ ކަމަށެވެ.
މިހެން ވިދާޅުވުމާއި އެކު ސަރުކާރު އިދިކޮޅު ކޯލިޝަން އަށް ނިސްބަތްވާ މެމްބަރުން ވަނީ ޖާބިރު ދިފާއު ކުރައްވާ ވާހަކަ ދައްކަވާފައެވެ.
ޖާބިރު ވިދާޅުވީ ކޮންމެ ހާލަތެއްގައި ވެސް ކުއްލި މައްސަލަ ހުށައެޅޭނެ ކަމަށެވެ. އަދި ގަވަރުނަރު މަގާމުން ދުރުކުރުމުގައި ކަންކުރަންޖެހޭ ވަކި އިޖުރާއަތްތަކެއް ވާކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެ ޖާބިރު ވަނީ އެމްއެމްއޭގެ ގަވަރުނަރު ވަގުތުން ވަގުތަށް މަގާމުން ވަކި ކުރުމަށް ގޮވާލައްވާފައެވެ.
އަފީފް ވިދާޅުވީ މި މައްސަލައާ ގުޅިގެން މަޖިލީހުގެ ކައުންސެލަރ ޖެނެރަލް ލަފާއެރުވީ މި މައްސަލަ ޖަލްސާއަށް ހުށަނޭޅުއްވޭނެ ކަމަށެވެ. މިހެން ވިދާޅުވުމާއި އެކު ޖާބިރު ވަނީ ކޮޅަށް ތެދުވެވަޑައިގެން އަޑުގަދަ ކުރައްވަން ފައްޓަވާފައެވެ.