ކޮރަޕްޝަންގެ ތުހުމަތުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް އެމަނިކުފާނުގެ ވަކީލުންނަށް ބައްދަލުކުރެވޭނީ އެޗްޕީއޭގެ އަދި ކަރެކްޝަންސްގެ ހުއްދަ ނަގައިގެން ކަމަށް ބުނާ ބުނުމަކީ އެމަނިކުފާނާ މެދު އަނިވެރިވުން ކަމަށް އާއިލާއިން ބުނެފިއެވެ.
ރައީސް ޔާމީންއާ މެދު ކަންތައްކުރަމުންދާ ގޮތުގެ ކަންބޮޑުވުން ފާޅުކުރަމުން އެމަނިކުފާނުގެ އާއިލާއިން ދަރިކަލުން ޒޭން ޔާމީން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި، ނިމުމަކާ ހަމައަށް ގޮސްފައިވަނިކޮށް، އެ މަނިކުފާނުގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލައި އެމައްސަލަތައް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ދަނޑިވަޅެއްގައި، އެ މައްސަލަތަކުން ދިފާޢުވެވަޑައިގަތުމަށްޓަކައި ވަސީލަތް ކަމަށްވާ ގާނޫނީ ވަކީލުންގެ ހައްގަށް ސަރުކާރުން ވަނީ ތަކުރާރުކޮށް ހުރަސް އަޅާފައި ކަމަށެވެ.
އަދި ހޯމަ ދުވަހު ޔާމީންގެ ވަކީލުންގެ ޓީމުން މާފުއްޓަށް ދަތުރުކުރުމުންވެސް، ކަރެކްޝަނުން ވަނީ ތަފާތު އެކި ބަހަނާތައް ދައްކައި، އެކަމާއި ގުޅުމެއް ނެތް މާފުށީ ކައުންސިލާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ހުއްދަ ނުދިން ކަމުގައި ބުނެ، ޔާމީންއާ ބައްދަލުކުރެވޭނެ އިންތިޒާމްހަމަޖައްސައި ނުދީފައި ކަމަށެވެ.
ޒޭން ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ހިމެނޭ ފަރާތަކަށް ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގުކަން ކަށަވަރު ކުރެވޭނީ ކަމާއި ބެހޭ މުއައްސަސާ އިިން އެކަން ހަމަޖައްސައިދީގެން ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ މައްސަލައިގައި ތަފާތު އުސޫލެއް ގެންގުޅެ، އެ މަނިކުފާނާ ވަކީލުންނަށް ބައްދަލުކުރެއްވޭނީ، ކަމާ ނުބެހެވޭ މާފުށީ ކައުންސިލާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަ ނަގައިގެން ކަމަށް ކަރެކްޝަނަލް ސަރވިސް އިން ބުނުމަކީ، ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ފަރާތަކާއިމެދު އަނިޔާވެރިވުން ކަމުގައި ދެކެން. އަދި އެއީ އަސާސީ ހައްގަކުން ރައީސް ޔާމީން މަހުރޫމުކުރުމަށް ދެއްކި ބަހަނާއެކެވެ. އެއީ އެއްވެސް އަސާސެއް ނެތް ހުއްޖަތެއްކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާއިލާގެ ނޫސް ބަޔާން
ރައީސް ޔާމީންގެ އާއިލާއިން ނެރުނު ބަޔާނުގައި ހޯމް މިނިސްޓަރު އިމްރާން އަށް ވަނީ ރައްދު ދެއްވާފައެވެ.
އިމްރާން ދައްކަވަނީ އެއްވެސް ބުރަދަނެއް ނެތް ވާހަކަތަކެއް ކަމަށެވެ. ވަކީލުންގެ ހައްގާއި ބޭސްފަރުވާ ހޯދުމުގެ ހައްގު ފަދަ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކަކީ ކުޅޭކުޅޭ ކުޅިވަރެއްގެ ގޮތުގައި ސިފަވާ ގޮތަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެކިފަހަރުމަތިން ވާހަކަދެއްކުމަކީ އާއިލާއިން ކުށްވެރިކުރާ ދަށު ދަރަޖައިގެ އަމަލެއް ކަމަށް އާއިލާއިގެ ބަޔާނުގައި ބުންޏެވެ.