ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ހޯދުމަށް ހެލްތް މިނިސްޓަރީން ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން، ކޮރަޕްޝަންގެ އަމުލުތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތުތަކެއް ކުރެވިފައިވަނިކޮށް، އެމައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނެރުނު ރިޕޯޓާއި އެކޮމިޝަނުން ދައްކަވާ ވާހަކަތަކުގެ ތަފާތުތަކެއް ނުވަތަ ދިމާނުވާ ކަންތައްތަކެއް ހުރުމުން އެކަން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ ފޮނުވައިފި އެވެ.
އަންގާރަ ދުވަހު ޖަލްސާ ފެއްޓެވުމަށްފަހު، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ވެންޓިލޭޓަރުތަކުގެ މައްސަލާގައި އޭސީސީން ނެރެފައިވާ ރިޕޯޓާއި އަދި އޭސީސީން މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ވަޑައިގެން ދެއްކެވި ވާހަކަތަކާއި، އަދި ވެންޓިލޭޓަރުތައް ގަތުމަށް ހެލްތް މިނިސްޓްރީން ހިންގާފައިވާ މުއާމަލާތްތަކާ ގުޅޭ އޮޑިޓަރ ޖެނަރަލްގެ އޮފީހުން އާދިއްތަ ދުވަހު އޮޑިޓް ރިޕޯޓް ނެރުއްވުމުން، މިހާރު އޭސީސީން ދައްކަވަމުން ގެންދަވާ ވާހަކަ ދިމާ ނުވާ ކަމަށެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެބަވޭ 21 މެއި ވެންޓިލޭޓަރުތައް އޮޑިޓަރ ޖެނެރަލްގެ އޮޑިޓް ރިޕޯޓާ ގުޅޭ އޭސީސީގެ ރިރާސާ ރިޕޯޓެއް ނެރުއްވާފައި. އެރިޕޯޓާ ގުޅޭގޮތުން މިހާރު ފާހަގަވަނީ، އަދި ދަންނަވަން ޖެހެނީ އޮޑިޓަރ ޖެނެރަލް ފާހަގަ ކުރައްވާފައިވާ ރޫހުގައިވެސް ޖަޒުބާތުގައިވެސް އަދި އެނަޒަރިއްޔާތުންވެސް އޭސީސީގެ ދިރާސާ ރިޕޯޓްގައި ކަންކަން ފާހަގަކޮށްފައި ނެތްކަން. އޭސީސީގެ ރިޕޯޓް ލިޔެވުނުއިރު، އަޅުގަނޑުމެނަށް މިހާރު އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން އެނގެނީ ދުބާއީގެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ވަނީ ދައްކާފައިކަން. އެފައިސާ އޭޕްރީލް މަހުގެ ތެރޭގައި އޮތީ ދޫކުރެވިފައި. އޭސީސީގެ ރިޕޯޓް ނެރެފައިވަނީ 21 މެއި ގައި. އޭގެއިތުރުން ކަންބޮޑުވުމެއް ފާހަގަކުރަން މިޖެހެނީ، 3 މެއި ގައި އޭސީސީގެ ރައީސް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ވަޑައި ގެންނެވި. އެކޮމެޓީގައި އޭސީސީގެ ރައީސް ދައްކަވާފައިވާ ވާހަކަފުޅުތަކުގެ ޔައުމިއްޔާގައި ފާހަގަ ވަނީ، ވެންޓިލޭޓަރުތަކާ ގުޅޭގޮތުން އޭސީސީން ބައްލަވަންވާ މިންވަރަށް ކަންކަން ބައްލަވާފައި ނުވާކަމާއި ނުވަތަ ބައްލަވާ ނަޒަރިއްޔާތު ވަރަށް ތަފާތު ކަމަށް،ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
އެހެންކަމުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް އޭސީސީގެ މި މައްސަލަ ބެލުމަށް ފޮނުވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
ވެންޓިލޭޓަރުތަކުގެ އޮޑިޓް ރިޕޯޓް އާންމު ކުރުމާއެކު، ހެލްތް މިނިސްޓްރީން ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ މައްސަލައެއް އެކުލެވިގެން ނުވާކަމަށް އެއް އިރެއްގައިވެސް ބުނެފައި ނުވާނެ ކަމަށް ބުނެ، އޭސީސީން ވަނީ ހޯމަ ދުވަހުގެ ބަޔާނެއް ނެރެފަ އެވެ.
ހޯމަ ދުވަހު އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލައިގައި ކޮރަޕްޝަނުގެ ޢަމަލެއް ނެތް ކަމަށް އޭސީސީން ނިންމާފައިވާކަން ދޭހަވާގޮތަށް މީޑިއާތަކުންނާއި މީސްމީޑިއާގައި ޚަބަރު ފެތުރެމުންދާ ކަމަށެވެ. އެހެން ނަމަވެސް، ކޮވިޑް19 އާ ގުޅިގެން ވެންޓިލޭޓަރު ހޯދުމުގައި ޢަމަލު ކޮށްފައިވާގޮތާ ގުޅޭގޮތުން ކޮމިޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކީ، އަމިއްލައަށް އިސްނަގައިގެން ތަޙުޤީޤު ކުރަމުންދާ މައްސަލައެއްކަމަށް އޭސީސީން ބުނެފައިވެއެވެ.
އޭސީސީން ބުނީ، ތަޙުޤީޤަށް އަސަރުކޮށްފާނެ ފަދަ މަޢުލޫމާތު ނުހިމަނައި، މައްސަލާގައި ފާހަގަކުރެވުނު މައިގަނޑު ކަންކަން ހިމެނޭގޮތަށް ޚުލާޞާ ރިޕޯޓެއް އެކުލަވާލައި 21 މޭ 2020 ގައި ރިޕޯޓު އާންމުކޮށްފައިވާނެ ކަމަށެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ހެލްތް މިނިސްޓްރީ ކޮވިޑް-19 ކޮމްޕްލަޔަންސް އޮޑިޓްގައި ބޮޑެތި މަކަރާއި ހީލަތުން ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވާކަން ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ބަލިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް ކިޔާ ކުންފުންޏަކަށް ހަވާލުކުރި މައްސަލައިގައި ބޮޑެތި އޮޅުވާލުންތަކާއި ވައްކަން ހިމެނޭ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަކީ، ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން ސަރުކާރުން އެޑްވާންސްކޮށް ފައިސާ ދޫކުރި ހަމައެކަނި ކުންފުންޏެވެ. އެ ކުންފުނިން ވެންޓިލޭޓަރެއް ގެނެސްދޭ އަގެއްކަމަށް ބުނެފައިވަނީ 32،500 ޑޮލަރަށެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށް ކަމަށް ވާއިރު އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފަ އެވެ.
އޮޑިޓް ރިޕޯޓްގައި އިތުރަށް ބުނެފަައިވާގޮތުން، ދައުލަތުން ބޮޑު ހޭދައެއް ކުރާ ގޮތަށް ދުބާއީގެ ކުންފުންޏާއެކު އެއްބަސްވުމެއް ހެދިއިރު އެންމެ ކުޑަމިނުން އެއީ މާލީ ގޮތުންނާއި ފަންނީ ގާބިލްކަން ހުރި ކުންފުންޏެއްތޯ ވެސް ހެލްތު މިނިސްޓްރީން ބަލައިފައެއް ނުވެ އެވެ. އެ ކުންފުނިން ހުށަހެޅި މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތަކެއްތޯ ވެސް އެ މިނިސްޓްރީން ބަލައިފަ ނުވާކަމަށްވެސް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.