ފޮރިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓެއް ފޮރުވާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ތުހުމަތުތައް އޮޑިޓަރ ޖެނެރަލް އޮފީހުން ދޮގުކޮށްފިއެވެ.
ކޮވިޑް-19 އާ ގުޅިގެން ފޮރިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީން ކުރި ޚަރަދު ތަކުގެ ރިޕޯޓް ހާމަނުކޮށް އޮތް ކަމަށް ހޯމަ ދުވަހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.
މެންބަރު ޝިޔާމް ވިދާޅުވެފައިވަނީ ފޮރިން އަދި ޕްލޭނިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓް ހާމަ ނުކުރަނީ އެ އޮޑިޓް ރިޕޯޓުގައި އިންތިހާއަށް ކަންބޮޑުވާ ކަންތައްތައް ހިނގާފައި އޮތް ކަމަށެވެ. އަދި އެ ރިޕޯޓް ހާމަ ކުރެވޭނެ ގޮތް ހައްދަވައި ދެއްވުމަށް މަޖިލީހުގެ ރައީސްގެ އަރިހުން މެންބަރު ޝިޔާމް ވަނީ އެދިވަޑައިގެންފައެވެ.
އަޅުގަނދުމެންނަށް ވަރަށް މުއުތަބަރުކޮށް މައުލޫމާތު އެބަލިބޭ ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓެއްވެސް އެބައޮތް. ހާމަ ނުކުރަނީ އެ އޮޑިޓް ރިޕޯޓުގައި އިންތިހާއަށް ކަންބޮޑުވާކަންތައްތައް ހިނގާފައޮ އޮތް ކަމަށް. އަޅުގަނދުގެ އެދެނީ އިއްޒަތްތެރި ރައީސްގެ އަރިހުން މި ރިޕޯޓް ހާމަކުރެވޭނެ ގޮތެއް ހައްދަވައިދެއްވަން. އަދި ޕްލޭނިން މިނިސްޓްރީގެ ރިޕޯޓެއްވެސް އެބައޮތް އިއްޒަތްތެރި ރައީސްނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް
އެކަމާއި ގުޅިގެން އޮޑިޓް އޮފީހުގެ އޮފިޝަލަކު ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ކޮށްފައިވާ ހުރިހާ ޚަރަދުތަކެއްގެ ތަފްސީލް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން އެދުމުން އެ މައުލޫމާތުތައް ފޯރުކޮށްދެމުންގެންދާ ކަމަށެވެ.
އަދި އެއްވެސް ރިޕޯޓެއް ފޮރުވާފައި ނުވާނެ ކަމަށާއި ނިމޭ ވަރަކުން މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީން ކޮވިޑް-19 އާ ގުޅިގެން ހިންގާ ޚަރަދުތަކުގެ ތަފްސީލީ ރިޕޯޓް އޮޑިޓް އޮފީހުން ވަނީ ހާމަކޮށްފައެވެ. އަދި ރިޕޯޓް ހާމަކުރުމާއި އެކު ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް މިވަނީ ފެންމަތިވެފައެވެ.