އެމްޑީޕީގެ އަކި ހިޔާލުތަފާވުންތަކެއް އުފެދުނު ނަމަވެސް ނިކުންނާނީ އެކަތި ގަނޑެއްގެ ގޮތުގައި ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން، މެމްބަރު އަލީ އާޒިމް ވިދާޅުވީ އެމްޑިޕީގެ ތެރެއިން ބައެއް ފަރާތްތައް އެހެން ޕަވަރ ބޭސްއެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެމްޑިޕީ ބައިބައި ކުރުމުގެ ވިސްނުމާއި އެމްޑީޕީ ތެރޭގައި އޮތް އެއްބައިވަންތަކަށް ނަގާލަން މަސައްކަތް ކުރާ ބަޔަކު އެބަހުރިކަމަށެވެ.
ވަކި އުސޫލުތަކާއި ހަމަތަކެއް އެމްޑީޕީ ތެރޭގައި އޮންނައިރު ތަކުރާރުކޮށް އެއް ވަޒީރަކު ޕާލިމަންޓްރީ ގްރޫޕްގެ ވަކި މެމްބަރަކަށް ގުޅާ ވަކި ގޮތަކަށް އިރުޝާދު ދީ ނުފޫޒުފޯރުވުމަށް މަސައްކަތް ކުރާކަމުގައިވާނަމަ އެއީ އެމްޑީޕީ ބައިބައިކުރަން އުޅުންކަމަށް އާޒިމް ފާހަގުކުރެއްވިއެވެ. އަދި، އެމްޑީޕީން މިއަދު އެވާހަކަތައް ދައްކަނީ އެ ފުރުސަތު ނުދޭންކަމަށާއި އެއް ވަޒީރަކު ނުކުމެ އެމްޑީޕީ ތެރެ ބައިބައިކޮށްލަން މަސައްކަތް ކުރަމުންދާކަމަށް އާޒިމް ތަކުރާރުކޮށް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން މިނިސްޓަރެއްކަމެއް އާޒިމް ވިދާޅެއްނުވެއެވެ.
އެމްޑިޕީ ތެރޭގައި އެބަ ހިތާމަވެރިކަމެއް ދިމާވޭ. އަޅުގަނޑުމެންގެ މިއޮތް އެމްޑީޕީ އޮއްވާ އެމްޑީޕީގެ ތެރެއިން ބައެއް މީހުން އެބަ މަސައްކަތް ކުރޭ ރަށްރަށާއި ގުޅައިގެން މާލެ ތެރޭގައި ނަމަވެސް، އެހެން ޕަވަރ ބޭސްއެއް އުފެއްދުމުގެ ވިސްނުން. އެމްޑިޕީ ތެރެ ބައިބައި ކުރުމުގެ ވިސްނުން. އެމްޑިޕީ އަކީ އެކަތިގަނޑެގެ ގޮތުގައި އޮތް ތަނެއްގެ ގޮތުގައި ނުދެއްކުމަށް މަސައްކަތް ކުރާ ބަޔަކު އެބައުޅޭ. އަޅުގަނޑުމެންގެ ތެރޭގައި އެބަހުރި އުސޫލުތަކެއް ހަމަތަކެއް. މިސާލަކަށް، ޕީޖީ ގްރޫޕް، ޕީޖީ ގްރޫޕްގެ ލީޑަރަކަށް އަޅުގަނޑު އިންދައި އެއް ވަޒީރަކު ޕާލިމަންޓްރީ ގްރޫޕްގެ ބައެއް މެމްބަރުންނާއި ގުޅައިގެން ކަންކަން ކުރަން ކަންކަން ނިންމަން ވަކި މީހަކަށް ވަކި ގޮތެއް ހަދަން ނުފޫޒު ފޯރުވުމުގެ ގޮތުން ކަންކަން ކުރަންޏާ އެއުޅެނީ ބައިބައިކުރުމުގެ ވިސްނުމުގައި.މެމްބަރު އަލީ އާޒިމް
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވާހަކަ ދެކެވޭ ދަނޑިވަޅެއްގައި މެމްބަރު އަލީ އާޒިމް ވިދާޅުވީ، 30ށް ވުރެ މަދުނޫން މެމްބަރުންގެ ސޮޔާއި އެކު ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަށް މައްސަލައެއް ހުށަހެޅީމައި އޭގައި ބަލަންޖެހޭ ކަންތައްތަކެއް ހުންނާނެކަމަށެވެ.
އާޒިމް ވަނީ މިހާރު މިއޮތީ އެމްޑީޕީގެ ސަރުކާރެއް ނޫންކަމަށާއި ކޯލިޝަން ސަރުކާރެއް ކަމަށް ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ. އޭނާ ވަނީ ސަރުކާރުން ވެރިކަމަށް އައިރު ވެފައިހުރި ވައުދުތައް ސަރުކާރެއް ހިންގަން ތިބި ބަޔަކަށް ނުވާ ކަމުގައިވާނަމަ ތާއީދުކޮށްގެން ތިބޭނީ ކިހިނެއްތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. އަދި އެމްޑީޕީ ސަރުކާރެއްނަމަ ކަންކަން ހިނގާނީ ޕާޓީއާއި މަޝްވަރާކޮށްގެން ކަމަށާއި އެކަން ހިނގަމުންދަނީ މުޅިން އެޔާއި ހިލާފަށް ކަމަށެވެ.