ދަނޑުވެރިކަމާއި ގުޅޭ ފަންނީ މައުލޫމާތު ފޯރުކޮށް ދިނުމަށް ޚާއްސަ ހޮޓްލައިނެއް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ގާއިމްކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ރައްޔިތުންނަށް ފުރިހަމައަށް ޚިދުމަތް ދޭން ބޭނުންވާ ކަމަށެވެ. އެގޮތުން މި ގާއިމް ކުރެވިގެންދިޔަ ހޮޓްލައިންގެ ސަބަބުން ދަނޑުވެރިންނަށް ދޭން ޖެހޭ މައުލޫމާތާއި، ދަނޑުވެރިން ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށް ބުނެފައިވެއެވެ.
ދަނޑުވެރިކަމުގެ ފަންނީ މައުލޫމާތު ފޯރުކޮށްދިނުމަށް ގާއިމް ކޮށްފައިވާ ހޮޓްލައިން ނަންބަރަކީ 3339237 އެވެ. މިހޮޓްލައިންގެ ޚިދުމަތް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00ން މެންދުރުފަހު 14:00ށް ލިބޭނެ ކަމަށް ވެސް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބުނެއެވެ.
ކޮވިޑް-19 އާ ގުޅިގެން ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދަނޑުވެރިން ހައްދާ ބާވަތްތައް މުޅި ރާއްޖެއަށް މާކެޓްކުރުމަށް ތިން ޒޯނަކަށް ބަހާލައި، ސެންޓަރުތައް ގާއިމް ކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް މީގެ ކުރިން އެގްރޯ ނޭޝަނަލް ކޯޕްރޭޝަނުން ވަނީ ބުނެފައެވެ.
އޭގެ އިތުރުން، އަތޮޅުތެރޭ ގިނަ ރަށްރަށުގައި ބިމު ކުއްޔާ ނުލާ ދަނޑުވެރިކަން ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ބައެއް ރަށްރަށުގައި ދަނޑުބިމުގެ ކުލިން 50 އިންސައްތަ އުނިކޮށްފައިވެއެވެ. އަދި އަލަށް ދަނޑުވެރިކަން ކުރުމަށް ނުކުންނަ ފަރާތްތަކަށް ޚާއްސަ ސަމާލުކަމެއްދީ އެ ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތްތައް ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން މިނިސްޓްރީން ދަނީ ކުރަމުންނެވެ.
ސަރުކާރުގެ ފަރާތުން ވަނީ އެސްޑީއެފްސީ މެދުވެރިކޮށް ދަނޑުވެރި ނަފާގެ ނަމުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ލޯނެއް ވެސް ނިމިދިޔަ އަހަރު ތައާރަފުކޮށްފައެވެ. އެ ބޭންކުން އެންމެ ފަހުން ހާމަކޮށްފައިވާ ގޮތުގައި، 17 ފަރާތަކަށް މި ލޯނު ދިނުމަށް ވަނީ އެޕްރޫވަލް ދީފައެވެ. އެއީ ޖުމްލަ 4.7 މިލިއަން ރުފިޔާގެ ލޯނުކަމަށް އެސްޑީއެފްސީން ވަނީ މައުލޫމާތު ދީފައެވެ.