ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށް ފަސް ހޮސްޕިޓަލަކުން ޕީސީއާރް ޓެސްޓު ހެދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހުކުރު ދުވަހު ވަނީ ފަތުރުވެރިންނަށް ޕީސީއާރް ޓެސްޓު ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާ ހޮސްޕިޓަލުތަކާއި، މި ހޮސްޕިޓަލުތަކުން ޓެސްޓު ހަދައިދޭނެ އަގުތައް އާންމު ކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ އެންމެ އުތުރުން ކުޅުދުއްފުށީ ސިޓީއިންނާއި، އެންމެ ދެކުނުން އައްޑޫ ސިޓީއިން ވެސް ފަތުރުވެރިންނަށް ޕީސީއާރް ޓެސްޓް ހެދޭނެ އިންތިޒާމު އެޗްޕީއޭއިން ވަނީ ހަމަޖައްސައިފައެވެ.
އެޗްޕީއޭއިން ބުނީ ފަތުރުވެރިން ކޯވިޑް-19ގެ ޓެސްޓް ހެދުމަށްޓަކާ މިއިން ހޮސްޕިޓަލަކަށް ދިޔުމުގެ އެންމެ ލަސްވެގެން 48 ގަޑިއިރު ކުރިން އެ ފަތުރުވެރިއެއްގެ ސާމްޕަލް ފޮނުވަންވާނެ ކަމަށާއި، އަވަހަށް ސާމްޕަލްތަކުގެ ނަތީޖާ ލިބޭނީ އެ އުސޫލުން އަމަލު ކޮށްގެން ކަމަށެވެ. އަދި ޓެސްޓް ހެދުމަށްޓަކާ އެ ފަތުރުވެރިއެއްގެ ޓްރެވަލް އިނިޝިއަރީ ޑޮކިއުމަންޓްގެ ކޮޕީއަކާއި، ލެބޯޓްރީން އެދޭ އެހެނިހެން ލިޔެކިޔުންތައް ވެސް ހުށަހަޅަން ޖެހޭނެ ކަމަށް އެ އެޖެންސީން ބުނެއެވެ.
ފަތުރުވެރިންނަށް ކޮވިޑް-19 އަށް ޕީސީއާރް ޓެސްޓް ހެދޭނެ އިންތިޒާމް ފަސް ހޮސްޕިޓަލެއްގައި މިހާރު ހަމަޖައްސާފައިވާއިރު، ސަފާރީ ބޯޓުތަކުން ދަތުރު ކުރާ ފަތުރުވެރިންނަށް ޕީސީއާރް ޓެސްޓް ހެދޭނެ އިންތިޒާމު ހުޅުމާލޭ ފެރީ ޓަރމިނަލް ހިމެނޭ ސަރަހައްދުގައި ދާދި ފަހުން ވަނީ ހަމަޖައްސާފައެވެ.