ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތް ފެށުމަށް އާދީއްތަ ދުވަހަށް ތާވަލު ކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި ތާވަލު ކުރީ، ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި އެމަނިކުފާނު މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި, ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 17.2 މިލިއަން ރުފިޔާ) ނަންގަވާ އެ ފައިސާ ލޯންޑަރ ކުރުމުގެ މައްސަލައެވެ. ރައީސް ޔާމީން މި ފައިސާ ލޯންޑަރ ކުރެއްވީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން ކަމަށް ޕީޖީ އޮފީހުން މި މައްސަލައިގައި އާންމުކުރި ބަޔާނުގައިވެއެވެ.
މި މައްސަލައިގައި އެ މަނިކުފާނުގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއެކެވެ. އެ ދެ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށެވެ.
ރ. ފުއްގިރި ކޮރަޕްޝަން މައްސަލައަކީ ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރި މައްސަލައެކެވެ. ރައީސް ޔާމީން މިހާރު ވެސް ގެންދަވަނީ ގދ. ވޮޑަމުލާ އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު ފައިސާ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.