ރައްޔިތުން، އެމްޑީޕީއަށް މެޖޯރިޓީ ދިނީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯ ފަސޭހަކަމާއި އެކު ތަންފީޒުކުރަން ކަމަށް އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދެތިން މެމްބަރެއް ސަރުކާރު ހަލާކުވާގޮތަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވެ ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ދެއްކެވި ވާހަކައާއި ގުޅިގެން ރޮޒެއިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ދިނުމަށްފަހު، ރައީސް ސޯލިހު ނިސްބަތްވެވަޑައިގަންނަވާ ޕާޓީއަށް މަޖިލީހުން 64 ގޮނޑި ދިނީ އެއްވެސް އުނދަގުލަކާ ނުލާ މެނިފެސްޓޯ ތަންފީޒުކުރަން ކަމަށެވެ.
ރޮޒެއިނާ ވިދާޅުވީ މެޖޯރިޓީ ދިނީ އިދިކޮޅު ޕާޓީގެ ހެދިގެން މަޖިލިސް މެދުވެރިކޮށް ރައީސަށް ޖެއްސުންކުރާކަށް ނޫން ކަމަށެވެ. ރޮޒެއިނާ ވާހަކަ ދެއްކެވި މޭރުމުން ވާހަކަދައްކަވަމުން މިނިސްޓަރ މަހުލޫފް ވެސް ވަނީ ރައްޔިތުން މަޖިލީހުގެ ދެތިން މެމްބަރަކު ވަޒީރުންނަށް ބިރު ދެއްކުމަށް މަސައްކަތް ކުރާ ކަމަށާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމާއި އެކު ދެތިން މެންބަރުން އުޅެނީ ސަރުކާރު ހަލާކު ކޮށްލަން ކަމަށް ވިދާޅުވެފައެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރުނެތް ކަމުގެ މައްސަލައަކީ ވެސް އެ މަސައްކަތުގެ ތެރެއިން ކުރާ ކަމެއްގެ ގޮތުގައި މިނިސްޓަރު މަހުލޫފު ސިފަކުރެއްވިއެވެ. ރޮޒެއިނާ އަކީ ފައްޔާޒު އަށް އިތުބާރުއޮތް ކަމަށް ވިދާޅުވެ، އޭނާގެ ދިފާއުގައި ވާހަކަދެއްކެވި މެމްބަރެކެވެ. ރޮޒެއިނާގެ އިތުރުން އެމްޑީޕީގެ އެހެން މަޖިލިސް މެމްބަރުންނާއި އާންމު މެމްބަރުން ވެސް ވަނީ ފައްޔާޒުގެ ދިފާއުގައި ވާހަކަ ދައްކާފައެވެ.