ގުޅީފަޅު ހައުސިންގ މަޝްރޫއުގެ ޕްލޭނު ގެޒެޓު ކޮށްފައިނުވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅުކުރައްވައިފިއެވެ.
އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް އަސްލަމް ހާޒިރުކޮށްފައިވާއިރު މެމްބަރުން ވަނީ ގިނަ ސުވާލުތަކެއް މިނިސްޓަރަށް އަމާޒުކުރައްވާފައެވެ. އަދި ގުޅީފަޅު ހައުސިންގ މަަޝްރޫއާ ގުޅިގެން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ސުވާލަށް މިނިސްޓަރު ދެއްވި ޖަވާބާއި މެދު ރައީސް ނަޝީދު ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.
އިމްތިޔާޒް ފަހުމީ ކުރެއްވި ސުވާލަކީ ގުޅީފަޅު ސަރަހައްދުގެ މުޅި ޕްލޭން ދިވެހި ރައްޔިތުންނާއި ހަމަޔަށް ސާފުކޮށް އެނގޭނީ ކިހާހިސާބެއްގައިތޯ އާއި ހައުސިންގް ޔުނިޓުގައި ކަނޑައެޅޭ މިންވަރު އެނގޭނީ ކިހާހިސާބެއްގައިތޯ އެވެ.
މި ސުވާލުގެ ޖަވާބުގަައި އަސްލަމް ވިދާޅުވީ ގުޅިފަޅު ޕްރޮޖެކްޓުގެ ޕްލޭންގެ ޑްރާފްޓެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި މި ޕްލޭނާއި ގުޅިގެން މީގެ ދެތިން ހަފްތާ ކުރިން މާލެ ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހުގެ މާލެ ތަމްސީލުކުރައްވާ މެމްބަރުންނާއި އެކު ބައްދަލުވުމެއް ބާއްވަން މަސައްކަތް ކުރެއްވިކަމަށެވެ.
އަސްލަމް މިހެން ވިދާޅުވުމާއި އެކު ރައީސް ނަޝީދު ވަނީ މިނިސްޓަރުގެ ދެއްވި ޖަވާބަކީ ސީދާ މެމްބަރު ކުރެއްވި ސުވާލުގެ ޖަވާބެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ނުރުހުމުގެ ރާގެއްގައި ނަޝީދު ވަނީ މިއީ އެތައް ރައްޔިތުންނެއް ސާފުކުރަން ބޭނުންވާ ޖަވާބެއް ކަމަށް ވިދާޅުވެ މެމްބަރުގެ ސުވާލު ތަކުރާރުކުރައްވާފައެވެ.
މިނިސްޓަރ ސާފު ޖަވާބު ދެއްވާ. އަޅުގަނޑު ހިތުން އިއްޒަތްތެރި މެމްބަރު އެ ކުރައްވަނީ މަލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ކަންބޮޑުވާ ކަމެއް. ގުޅީފަޅުގެ ޕްލޭން ހެދުނު އިރުގައި އެތަނުގައި ގޯތި ދޭގޮތަށް ތޯ ނެތް ތޯ. އެ ޕްލޭން ހެދިގެން އަންނަ އިރުގައި ކިހާ ގޯއްޗެއްތޯ އެތަނުން ދެއްވަން ނިންމަވާފައިވަނީ. އަޅުގަނޑު ހިތުން އެއީ ވަރަށް ސާފުކޮށް މިހާރު ރާއްޖޭގެ ރައްޔިތުންނަށް އެނގެންޖެހޭ ޖަވާބެއްރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
އަނެއްކާވެސް މިނިސްޓަރ ވާހަކަދައްކަވަން ފެއްޓެވުމާއި އެކު ވާހަކަ މެދުކަނޑާލެއްވުމަށްފަހު ރައީސް ނަޝީދު ވަނީ ޕްލޭނެއް އޮތުމަކީ ޕްލޭނެއް ގެޒެޓުކޮށްފައި އޮތުން ކަމަށް ވިދާޅުވެފައެވެ.
ޕްލޭނެއް އޮތުމަކީ ޕްލޭނެއް ގެޒެޓު ކުރެވިފައި އޮތުން. އިއްޒަތްތެރި ވަޒީރު، ޕްލޭނެއް އޮތުމަކީ އާއްމު ރައްޔިތުންނަށް އެ ޕްލޭނެއް ފެންނަން އޮތުން، އެހެންނޫނީ އެ އޮންނަނީ ޑްރާފްޓެއްރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
އަސްލަމް ވިދާޅުވީ ގުޅީފަޅު ހިއްކުމަށްފަހު މާލޭގެ ރައްޔިތުންނަށް އެރަށުން 1200 ބިން ދޫކުރުމަށް ނިންމަވާފައިވާކަމަށެވެ. އަދި މަޖިލީހުގައި ދައްކަވަމުން ގެންދަވާ ވާހަކައަކީ ރަސްމީކޮށް ކަން އޮތް ގޮތް ކަމަށެވެ. ޕްލޭންގެ ޑްރާފްޓެއް އޮތުމުގެ މާނައަކީ ދޫކުރާ ގޯތީގެ އަދަދު މަދުވުމެއް ނޫން ކަމަށާއި އެތަނުގައި އެހެނިހެން މަސައްކަތްތައް ވެސް ކުރަން ހުރުމާއި އެކު އެ މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ކުޑަ ބޮޑު މިން މުރާޖާ ކުރުމުގެ ޖާގަ އަބަދުވެސް ޕްލޭނުގައި އޮންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އަސްލަމް މިހެން ވިދާޅުވުމާއި އެކު ރައީސް ނަޝީދު ވިދާޅުވީ ލޭންޑް ޔޫސް ޕްލޭނަކީ ކޮބާ ކަމާއި އެ ޕްލޭން މިނިސްޓްރީން އެޕްރޫވް ކުރާ ގޮތް ގަވާއިދުގައި އޮންނަ ކަމަށެވެ. އެހެންކަމުން އެ ޕްލޭން ފެންނަން އޮންނަ ގޮތަކަށް ޝާއިއުކުރައްވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ރައްދާއި ގުޅިގެން މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް ނިޒާމެއް ނުކުތާއެއް ނެންގެވިއެވެ. އަދި ތަޅުމުގައި މަޖިލީހުގެ ރައީސް ވާހަކަދައްކަވަމުންދާ ގޮތުން ދޭހަވަނީ މިނިސްޓަރ އިތުރުފުޅު ހައްދަވާކަމަށް ވިދާޅުވެ އަޑުގަދަކުރައްވަން ފެއްޓެވިއެވެ.
އަޅުގަނޑުގެ ވާހަކައަކީ މިތާގައި ވަޒީރުން އައިސް ސުވާލަށް ޖަވާބު ދިނީމާ ރައީސް ވިދާޅުވާ ގޮތަކުން އަޅުގަނޑުމެންނަށް އެއްގޮތަކަށްވެސް ވާންވީ ގޮތެއް ވާން އުޅޭ ގޮތެއް ޕޮލިސީއަކީ ކޮބާ ކަމެއް ސާފެއް ނުވޭ. ވަޒީރު މިތަނުގައި އިތުރުފުޅު ހައްދަވަނީއޭވެސް ހިވާ ފަހަރު އެބައާދޭމަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް
މި ޕްލޭނުގައި މުރާޖާ ކުރަން ހުރި ކަންތައްތަކެއް އެބަހުރިކަމަށް ތަކުރާރުކޮށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މަސްލަހަތުވެރިންނާ މި ޕްލޭން ހިއްސާ ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ޕްލޭން މުރާޖާ ކުރިކަމުގައި ވީނަމަވެސް ދޫކުރުމަށް ނިންމާފައިވާ ގޯތީގެ އަދަދު މަދެއް ނުވާނެ ކަމަށެވެ.
ގުޅީފަޅުގެ މަޝްރޫއު ފަށާފައިވަނީ 2010 ވަނަ އަހަރު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައެވެ. މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ކަނޑައަޅާފައި އޮތީ 2016 ވަނަ އަހަރުގެ ނިޔަލަށެވެ. ރައީސް ނަޝީދުގެ ސަރުކާރު 2012 ވަނަ އަހަރުގައި ނިމުމަކަށް އައުމަށްފަހު އެތައް ދުވަހަކަށް ގުޅިފަޅުގެ މަޝްރޫޢުގެ މަސައްކަތް ހުއްޓިގެންދިޔައެވެ. މި ހުއްޓުމާއެކު ޢިމާރާތް ކުރަމުން އައި ފުލެޓުތަކުގެ މަސައްކަތްތައް ވެސް ހުއްޓުމަކަށް އައެވެ. އަދި ރައީސް ޔާމީނުގެ ސަރުކާރުން އެއްބަސްވުން ބާޠިލުކުރީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 06 ވަނަ ދުވަހުއެވެ.