ކ. މާލެ
|
11 އޯގަސްޓް 2020 | އަންގާރަ 17:10
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
މަޖިލިސް
ދައުލަތް ދަރަނިވެރިވުން
މި ސަރުކާރު އޮއްވާ ދައުލަތް ދަރަނިވެރިއެއް ނުވާނެ: އަމީރު
ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ޖީޑީޕީ 11.3% ދަށަށް ދާނެ ކަމަށް ބެލެވޭ
ދަރަނިވެރިނުވާނެ މަގަކުން ކަންތައްތައް ތަރުތީބު ކުރައްވަމުން ގެންދަވާނެ ކަމަށް ވެސް ވިދާޅުވި
ރަނގަޅުކުރަން ޖެހޭ ކަންކަން ރަނގަޅުކުރުމަށް 24 ގަޑިއިރު މަސައްކަތް ކުރަމުން ގެންދާނަން: އަމީރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އޮއްވާ، ދައުލަތް ދަރަނިވެރިނުވާނެކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ދެއްވައިފިއެވެ.

އަންގާރަ ދުވަހު އޮތް މުޅި މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ނަމުގައި ގެރެންޓީ ދީފައިވާ ލޯނުތަކާއި 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ދަރަނީގެ މިންވަރާއި ގުޅިގެން މަޝްވަރާ ކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި އަމީރު ވިދާޅުވެފައިވަނީ ގައުމީ އުފެއްދުންތެރިކަން އިތުރުވާ ވަރަކަށް ދަރަނި އިތުރުވަމުންދާ މިންވަރު ވެސް ދަށަށް ދާނެ ކަމަށެވެ. އަދި މިހާތަނަށް ހުށައަޅާފައިވާ ބަޖެޓުގައި ވެސް އެ 'ލައިން' ހިފެހެއްޓިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ޖީޑީޕީ 11.3% ދަށަށް ދާނެ ކަމަށް ބެލެވޭތީ ދަރަނި އިތުރުވަމުންދާ މިންވަރު ވެސް އިތުރުވެގެންދާނެ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ސްޓްރެޓެޖީ ޕޭޕަރުތައް ވެސް ހުށައަޅުއްވާފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓަރ ވަނީ މި ސަރުކާރު އޮއްވާ ދައުލަތް ދަރަނިވެރިނުވާނެ ކަމަށް ވިދާޅުވެފައެވެ.

އަޅުގަނޑު ހަމަ ޔަގީންކަން ދެން އަޅުގަނޑުމެން މި ސަރުކާރުން މިހާރުގެ ފިނޭންސް މިނިސްޓްރީން އަޅުގަނޑުމެން މަސައްކަތްކުރާނެ ދައުލަތް، އަޅުގަނޑުމެން ތިއްބަކާ ސޮވްރިން ޑީފޯލްޓަކަށް ނުދާނެ.
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އަމީރު ވަނީ ގައުމު ދަރަނިވެރިވާ ހާލަތަކަށް ނުދާކަން ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި ދަރަނިވެރިނުވާނެ މަގަކުން ކަންތައްތައް ތަރުތީބު ކުރައްވަމުން ގެންދަވާކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޑެޓް ޓްރާންސްޕޭރެންސީއާއި ފިސްކަލް ޓްރާންސްޕޭރެންސީ އާއި ގުޅިގެން ދިވެހި ސަރުކާރުން ކުރަމުންދާ ރަނގަޅު ކަންކަން ވަރލްޑް ބޭންކާއި އައިއެމްއެފް ފަދަ ތަންތަނުން ނެރެމުންދާ ރިޕޯޓުތަކުގައިވެސް ފާހަގަކޮށްފައިވާނެ ކަމަށެވެ. އަދި އެކަންތައް ފާހަގަކޮށް ދީފައިވާ އިންޑިކޭޓަރސްތައް ވެސް ރަނގަޅުވެފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ. އިންޑިކޭޓަރސް ރަނގަޅުވުމުން ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ މާލީ އެހީ ވެސް އިތުރުވެގެންދާނެކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ ކޭޝް ފްލޯ މެނޭޖްކުރުމަށްޓަކައި ކޮންމެ ދުވަހަކު އެކަމާގުޅޭ ކޮމިޓީގެ ބައްދަލުވުންތައް ބާއްވާ، އެ މަސައްކަތްތައްވެސް ރަނގަޅަށް ކުރިއަށްދާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ފާއިތުވި އަހަރުތަކާއި 2019 އާއި އަޅާކިޔާއިރު 2019 ވެގެންދާނީ ހިލޭ އެހީގެ ގޮތުގައި ގިނަ ފައިސާތަކެއް ލިބިގެން ދިޔަ އަހަރަކަށް ކަމަށެވެ. އަމީރު ވަނީ މުސާރަ ނުދިނުން ފަދަ މައްސަލަތައް ކުރިމަތިނުވާނެ ކަން ފާހަގަކުރައްވާ އިޖުތިމާއީ މަސައްކަތަށާއި މިހާރުވެސް އެވޯޑުކޮށްފައިވާ ޕްރޮޖެކްޓުތައް ކުރިއަށްދާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއާއި ގުޅިގެން ދައުލަތުގެ ރިޒަރވް ދަށަށް ދާކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް 24 ގަޑިއިރު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލިހުގެ ރައީސް ވިދާޅުވެފައިވަނީ ގާނޫނާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވީ ނަމަވެސް އެއާ އެއްގޮތަށް ކުރީ ސަރުކާރުން ޢަމަލުކޮށްފައިނުވާކަމާއި، މިހާރުގެ މިނިސްޓަރ ވެސް ޢަމަލުކުރައްވަމުން ނުގެންދަވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ހުށައަޅަންޖެހޭ ބައެއް ލިޔެކިއުންތައްވެސް މަޖިލީހާއި ހިއްސާ ކޮށްފައިނުވާކަން ވެސް މި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. އަދި ދައުލަތް ދަރަނިވެރިވެދާނެ ކަމުގެ ކަންބޮޑުވުން އަންގާރަ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައިވެސް ފާޅުކުރައްވާފައިވެއެވެ.

- ކޮމެންޓް
11 އޯގަސްޓް 2020 | އަންގާރަ 17:21
ސޮމެޮނެ
މި ސަރުކާރު އޮއްވާ ދައުލަތް ދަރަނިވެރިއެއް ނުވާނެ: އަމީރު ޖީޑީޕީ ދަށަށް، ބާޒާރުގެ އަގުތަ އް މަ އްޗަށް އަދި ރަ އި އްޔަތުން ބަޑަށްޖެހުނަސް ދަ އުލަތު ދަރަނިވެރި ނުވާނެ...