ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ މިންގަނޑުތަކާއި އެއްގޮތަށް އާއްމު ހިދުމަތްދޭ ތަން ތަނުން އަމަލުކުރަމުން ދޭތޯ ބަލަން ކުރިޔަށް ގެންދިޔަ އިންސްޕެކްޝަންގެ ތެރެއިން މިންގަނޑުތަކަށް ނުފެތޭ 258 ތަނެއް ބަންދު ކުރެވުނު ކަމަށް އެ އެޖެންސީން ބުނެފިއެވެ.
އެޗްޕީއޭގެ ފުރަތަމަ އިންސްޕެކްޝަން ކުރިޔަށް ގެންގޮސްފައިވަނީ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ. އެ އިންސްޕެކްޝަން ގައި 190 ތަނެއް އިންސްޕެކްޓްކޮށް އެ ތަނުން ބައެެއް ތަންތަނަށް ގައިޑްލައިންއާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް އެންގިއެވެ. ދެވަނަ އިންސްޕެކްޝަން ކުރިޔަށް ގެންގޮސްފައިވަނީ ޖުލައި 29ން އޮގަސްޓު 8 ވަނަ ދުވަހުގެ ނިޔަލަށެވެ.
ހޯމަ ދުވަހުގެ ރޭ ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެޗްޕީއޭގެ ޑިރެކްޓަރ އަހުމަދު ނާސިރު ވަނީ އިންސްޕެކްޝަންގެ މައުލޫމާތު ހިއްސާ ކުރައްވާފައެވެ. ނާސިރު ވިދާޅުވީ، އިންސްޕެކްޝަން ކުރިޔަށް ގެންގޮސްފައިވަނީ އެޗްޕީއޭ އާއި މާލެ ސިޓީ ކައުންސިލްގެ އިތުރުން ފުލުހުންނާއި ގުޅިގެން ކަމަށެވެ. އަދި އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވަނީ ނުވަ ޓީމަކަށް ބަހާލައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނާސިރު ވިދާޅުވީ، ކޮންމެ ޓީމަކުން ވެސް އެވްރެޖްކޮށް 20 ތަނެއް އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ. އޭޗްޕީއޭއިން ބުނީ، ގްރޭޓަރ މާލެ ސަރަހައްދު ހިމެނޭ ގޮތަށް 1545 ތަނެއް އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ.
މާލެ އޭރިޔާއިން 1179 ތަން ވަނީ ބަލާ ޗެކްކުރެވުނު އޭގެ ތެރެއިން 204 ތަން އަޅުގަނޑުމެންނަށް ބަންދުކުރަން ޖެހުނު. އަދި ހަމަ އެހެންމެ ހުޅުމާލޭގައި 296 ތަން ބެލުނު އޭގެ ތެރެއިން 48 ތަން ވަނީ ބަންދުކޮށްފައި. ވިލމާލޭގައި 51 ތަނެއް ޗެކްކޮށް އޭގެ ތެރެއިން ތިން ތަން ވަނީ ބަންދުކޮށްފައި. ތިލަފުށިން ޗެކްކުރި 17 ތަނުގެ ތެރެއިން ތިން ތަން ވަނީ ބަންދުކޮށްފައި. ހަމަ އެހެންމެ ހުޅުލޭ އެއާޕޯޓުގެ އެއްވެސް ތަނެއް ބަންދެއް ނުކުރަންއެޗްޕީއޭގެ ޑިރެކްޓަރ އަހުމަދު ނާސިރު
އިންސްޕެކްޓް ކޮށްފައިވާ ތަންތަނުގެ ތަންތަނުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ނާސިރު ވިދާޅުވީ، ކާބޯތަކެތީގެ ހިދުމަތްދޭ 486 ތަނެއް ޗެކްކޮށް އޭގެ ތެރެއިން 92 ތަން ބަންދު ކުރަން އެންގުނު ކަމަށާއި، 908 ފިހާރާ އިންސްޕެކްޓްކޮށް އެތަނުން 107 ފިހާރައެއް ބަންދު ކުރުވުނު ކަމަށެވެ.
އަދި 112 ސެލޫން އެއް ޗެކްކުރިއިރު 51 ތަނެއް ބަންދު ކުރަން އެންގުނު ކަމަށާއި، 21 ޖިމެއް ޗެކްކުރިއިރު ދެ ޖިމެއް ބަންދުކުރުމުގެ އިތުރުން 18 މާރުކޭޓް ޗެކްކޮށް ހަ މަރުކޭޓްއެއް ބަންދު ކުރަން އެންގުނު ކަމަށް އޭނާ ވިދާޅުވިއެވެ.
އެޗްޕީއޭއިން ބުނީ، މި ތަންތަނުގެ ތެރެއިން އުސޫލާ އެއްގޮތަށް އަމަލުކުރަމުންދާ ތަންތަނަށް ހާއްސަ ސްޓިކާއެއް ދީފައިވާ ކަމަށެވެ. އަދި އަމަލުކުރަމުން ނުދާ ތަންތަނުގައި އިއުލާން ހަރުކުރެވި އަލުން ހުޅުވާން ބޭނުންވާނަމަ އުސޫލުތަކާއި އެއްގޮތަށް ހުޅުވަން ހުއްދަ ދެމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް ނުހުޅުވި ހުރީ ހަތް ތަނެއް ކަމަށާއި، އެއީ ދެ ސެލޫން އާއި ދެ ފިހާރައިގެ އިތުރުން ކާބޯތަކެތީގެ ތިން ތަން ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން ބުނީ، ގިނަ ތަންތަން ބަންދު ކުރަން ޖެހުނީ އެ ތަން ތަނުން ދެމުންދާ ހިދުމަތާއި، ހިދުމަތްދޭ ފަރާތްތަކުން އުސޫލުތަކާއި އެއްގޮތަށް އަމަލުނުކުރާތީ ކަމަށެވެ.