މާލެ ސިޓީ ލޮކްޑައުން ކުރަންޖެހޭ ހާލަތެއް މުސްތަގްބަލުގައި ދިމާވެއްޖެނަމަ އެފަދަ ހާލަތެއްގައި އުތުރާއި ދެކުނުގެ ސަރަހައްދުތަކުން ޚިދުމަތްތައް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި ބަނދަރުތަކުން އިގްތިޞާދީ ހަރަކާތްތަކާއި މަސައްކަތްތައް ކުރިޔަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ ކޮވިޑް-19 ފެތުރިފައި ނުވާ ސަރަހައްދުތަކުގައި އިގުތިސާދީ ހަރަކާތްތައް ހިންގޭ ގޮތަށް ރާއްޖެ ހުޅުވާލަން ގޮވާލައި ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު މަޖިލީހަށް ހުށަހެޅުއްވި ގަރާރު ދިރާސާކުރުމަށް ފަހު މަޖިލީހުގެ އިގުތިސާދީ ކޮމިޓީން އެކުލަވައިލި ރިޕޯޓް ފާސްކުރުމަށް ނެގުނު ވޯޓުގަ އެވެ. ކޮމިޓީ ރިޕޯޓް ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އިއްތިފާގުންނެވެ.
ހިތަދޫ މެދު ދާއިރާގެ މެމްބަރ އަހުމަދު ރަޝީދު ހުށަހަޅުއްވާފައިވާ ގަރާރަކީ، ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތެއް ފަހިކުރުމުގެ ގޮތުން ދުނިޔޭގެ ގައުމުތަކުންވެސް އަމަލުކުރަން އަންނަ ފަދައިން ރާއްޖެއިންވެސް ސިއްހީ ރައްކާތެރިކަމުގެ ބަންދަށް ލުޔެއް ގެނެސް އިގްތިޞާދީ ހަރަކާތްތައް ވަކި ހަމަތަކެއްގެ މަތިން ހުޅުވާލަންޖެހޭ ކަމަށް ގަބޫލުކުރެވޭތީ ސަރުކާރުގެ ސަމާލުކަމަށް މިކަން ގެނައުމުގެ މަގްސަދުގައި ހުށަހަޅާފައިވާ ގަރާރެކެވެ.
މިގަރާރު ހުށަހަޅުއްވަމުން އަހުމަދު ރަޝީދު ވިދާޅުވީ ރާއްޖޭގެ ދަރަނީގެ މިންވަރު އިންތިހާއަށް މަތިވެ އާމްދަނީ ލިބުމުގެ ކުރިމަގު ބަނަވެފައިވާ މިދަނޑިވަޅުގައި ބުއްދީގެ ބޭނުންކޮށްގެން ރޭވުންތެރިކަމާއެކު ރާއްޖޭގެ ތިން ސަރަހައްދެއް އިގްތިޞާދީ ގޮތުން ހުޅުވާލުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.
މިރިޕޯޓްގައި ގަރާރުގައި ހުރިކަންކަމާއި ގުޅޭގޮތުން ޕްލޭނިންގ މިނިސްޓްރީންނާއި އެސްޓީއޯ އާއި ހެލްތު މިނިސްޓްރީ، ފިޝަރީޒް މިނިސްޓްރީގެ އިތުރުން ފިނޭންސް މިނިސްޓްރީ އަދި މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ އާއި އެމްއެމްޕީއާރުސީން ކުރަމުންދާ ކަންތައްތައްކާއި ކޮވިޑް-19 ގެ ލޮކްޑައުންގެ ތެރޭގައި އާއި އެއަށްފަހު އެތަންތަނުން ކުރަމުންދާ މަސައްކަތްތައް އޮޅުންފިލުވާ ހިމަނާފައިވެ އެވެ.