ކ. މާލެ
|
13 އޭޕްރިލް 2017 | ބުރާސްފަތި 17:15
ޔޫރޯ 2016 އަށް ބޭނުންކުރި ބޯޅަތަކެއް
ޔޫރޯ 2016 އަށް ބޭނުންކުރި ބޯޅަތަކެއް
ގޫގުލް
ފުޓުބޯޅަ އާއި ފުޓްސަލް
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟
ފުޓްސަލް އާއި ފުޓްބޯޅަ ވަކިކުރުމުން ކުޅުންތެރިންނަށް ގެއްލުންވާނެތަ؟
ފުޓްސަލް އާއި ފުޓްބޯޅަ އޮފް ސީޒަނަށް ބަދަލުކުރެވިދާނެތަ؟

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރުމަކީ ރަނގަޅު ކަމެއްތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް ދިވެހި ފުޓުބޯޅަ ސީޒަނަށް ބުރުނާރާގޮތަށް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟ މިއީ ހައްތަހާވެސް އުފެދޭ ސުވާލުތަކެވެ. މި ސުވާލުތަކަށް ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމް އިން ވަނީ ޖަވާބެއް ދީފައެވެ. އެގޮތުން އެފްއޭއެމް އިން ބުނީ ރާއްޖެއަށް ފުޓްސަލް ލީގެއް އެ އިދާރާއިން ވަރަށް އަވަހަށް ތައާރަފްކުރާނެ ކަމަށާއި، އެގޮތުން ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރާނެ ކަމަށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވީ، ފުޓްސަލް ކުޅޭ ކުޅުންތެރިންނަށް ފުޓުބޯޅަ ނުކުޅެވޭ ގަވައިދެއް ހަދަމުންދާ ކަމަށާއި، ކުރިޔަށް އޮތް ހަފްތާތަކެއްގެ ތެރޭގައި އެކަންތައް އިއުލާންކުރާނެ ކަމަށެވެ.

އެފްއޭއެމްގެ މި ވިސްނުމަކީ މުޅި ފުޓުބޯޅަ އާއިލާއަށް ލިބުނު ވަރަށް އުފާވެރި ހަބަރެކެވެ. ސަބަބަކަށްވަނީ ފުޓުބޯޅަ ސީޒަން ކުރިޔަށްދާއިރު، ސީޒަނަށް ބުރުއަރާގޮތަށް ކުރިޔަށްދާ ފުޓްސަލް މުބާރާތްތަކުގައި ކުޅެ ކްލަބްތަކުގެ ކުޅުންތެރިންނަށް އަނިޔާވެ، އެ ކުޅުންތެރިންގެ ފިޓްނަސް މައްސަލަ ދިމާވުމެވެ.

އެހެންނަމަވެސް މި އުސޫލް މިގޮތަށް ކަނޑައަޅައިފި ނަމަ ކުޅުންތެރިންނަށް ދިމާވާ ގޮންޖެހުންތަކެއްވެސް އެބަހުއްޓެވެ. ރާއްޖޭގައި ކުޅޭ ގިނަ ކުޅުންތެރިންނަކީ ސެމީ ޕްރޮފެޝަނަލް ކުޅުންތެރިންތަކަށްވާއިރު، އެ ކުޅުންތެރިންނަކީ އެކި އެކި ކުންފުނިތަކުގައި ވަޒީފާ އަދާކުރާ ކުޅުންތެރިންނެވެ. އެ ކުޅުންތެރިންނަށް ކުންފުނިތަކުން ވަޒީފާ ދެނީވެސް މިފަދަ މުބާރާތްތަކުގައި ކުޅުމަށް ޝަރުތުކުރުމަށްފަހުއެވެ.

އެގޮތުން މި ބަދަލު ގެނައުމާއެކު ބައެއް ކުޅުންތެރިންގެ ވަޒީފާ ގެއްލުމުގެ ފުރުސަތުވެސް އެބައޮތެވެ. ނުވަތަ އެ ކުޅުންތެރިން ފުޓުބޯޅަ ކުޅުން ހުއްޓާލުމަށްފަހު ފުޓްސަލް ކުޅުމުގެ ފުރުސަތުވެސް ބޮޑެވެ. މިއީ ރާއްޖޭގެ ފުޓުބޯޅަ ކުޅުންތެރިންނަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެކެވެ.

އެހެން ހުރިހާ އަހަރުތަކާ ހިލާފަށް މި އަހަރު ގިނަ ކްލަބްތަކުން ނިކުތީ ބޮޑެތި ހަރަދުތަކެއް ކޮށްގެންނެވެ. އެހެންނަމަވެސް މިހާރު ކުރިޔަށްދާ ކްލަބް މޯލްޑިވްސް ކަޕްގައި އެ ކްލަބްތަކުގެ ކުޅުންތެރިން ވާދަކުރުމާއެކު ކްލަބްތަކަށް ނުސީދާކޮށް އަދި ސީދާކޮށްވެސް އަންނަނީ ބޮޑެތި ގެއްލުންތަކެއް ދިމާވަމުންނެވެ. މިކަމަށް މިފަހަރު އެފްއޭއެމް އިން ފިޔަވަޅެއް ނޭޅުނު ނަމަވެސް އެފްއޭއެމް އިން ބުނީ ކުރިޔަށް އޮތްތަނުގައި މިފަދަ ކަމެއް ދިމާނުވާނެ ގޮތަކަށް އެ މުބާރާތްވެސް ރާވާ ގޮތަށް ހުށަހަޅާނެ ކަމަށެވެ.

ކުޅުންތެރިންވެސް ބައެއްފަހަރު މިފަދަ ކަންކަމުގެ ފައިދާނަގައެވެ. އެގޮތުން އެ ކުޅުންތެރިން ބައެއް ފަހަރު ބައެއް ޓީމުތަކުން ބޮޑެތި އަދަދުން ހުށަހެޅުމާއެކު، ކްލަބުގައި ކުޅެމުން އެހެން ޓީމުތަކަށް ކުޅެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ބައެއްފަހަރު ކުޅުންތެރިންނަށް ކްލަބް ކުޅޭ މުހިންމު މެޗުތައްވެސް ގެއްލެއެވެ.

އެފްއޭއެމް އިން ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަން ވިސްނާއިރު ފާހަނގަކުރެވުނު ކަންތައްތަކަށް ބަލާލުމަކީ މުހިންމު ކަމެކެވެ. ހާއްސަކޮށް ކުޅުންތެރިންގެ ވަޒީފާއާމެދު ވިސްނަންޖެހެއެވެ. މިއީ ފުޓުބޯޅައަށްޓަކާ މިއަދުން މިއަދަށް ވަކިގޮތަކަށް ނިންމަންޖެހޭ ކަންކަމެވެ.

 

 

 

 

- ކޮމެންޓް