ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތި ލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލިސް ބަންދު ދުވަހު ވެސް އޮންނާނެ ކަމަށް މަޖިލީހުން ބުނެފިއެވެ.
އެ އިދާރާއިން ނެރުނު އިއުލާނެއްގައި ވަނީ ސީއެސްސީން ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އަންނަ އޮގަސްޓް މަހުގެ 6 ވަނަ ދުވަހުގެ 14:00އާ ހަމައަަށް ހުޅުވާލާފައިވާކަމަށެވެ.
މީގެ ކުރިންވެސް މި ތާރީހުގެ ކުރިން ފޯމު ހުށައެޅުމަށް އަންގާ މަޖިލީހުން އިއުލާނެއް ނެރުނުއިރު އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ ޖުލައި މަހުގެ 14ން 21 އަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ސީއެސްސީގެ 4 މެމްބަރަކު ވަކި ކުރުމަށް ނިންމާ މަޖިލީހުގެ ތަޅުމަށް ފޮނުވުމާއި ގުޅިގެން، އެމައްސަލަ މިދިޔަ ހަފްތާގެ ހޯމަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައިވަނިކޮށް ކޮމިޝަންގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނައިބް ރައީސް ޝަހީދު މުޙައްމަދުގެ އިތުރުން މެމްބަރު ޒަކަރިއްޔާ ޙުސައިން ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
އެހެންކަމުން ޖަލްސާގައި މަޤާމުން ވަކިކޮށްފައިވަނީ ކޮމިޝަންގެ މެމްބަރު އިބްރާހީމް ޝަހީޤެވެ. އޭނާ ވަކިކޮށްފައިވަނީ 48 މެމްބަރުންގެ ވޯޓުންނެވެ. މިހާރު ސިވިލް ސަރވިސް ކޮމިޝަންގައި ހުންނެވީ ކޮމިޝަނަށް އެންމެ ފަހުން އައްޔަން ކުރެއްވި ފާޠިމަތު އާމިރާ އެކަންޏެވެ.