ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން )ޤަޒިއްޔާ ނަމްބަރު: 2013/SC-C/12) ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ނ)ގައި އެމާއްދާގައި ބަޔާންކޮށްފައިވާ ހާލަތުގައި ބަންދު ކުރެވިފައިވާ މަޖިލީހުގެ މެމްބަރު މަޖިލީހަށް ހާޒިރުކުރުމާއި، ނެގޭ ވޯޓުގައި ބައިވެރި ކުރަންވާނެ ކަމަށް އޮތް އޮތުން ބާތިލް ކޮށްފައިވީ ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ބާއްވާ މަޖިލީހުގެ ޖަލްސާތަކަށާއި، އެ މެމްބަރަކު ހިމެނޭ ކޮމެޓީތަކުގެ ބައްދަލުވުންތަކަށް ހާޒިރުވުމަކީ އެ މެމްބަރަކަށް ލިބިފައިވާ ހައްގެއްކަން ވަރަށް ސާފުކޮށް އެނގެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަކީ މުޅިން ވަކި މުސްތަގިއްލު ދެ ގާނޫނީ ވަޘީޤާއެކެވެ. ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަކީ ގާނޫނުއަސާސީގެ 90 ވަނަ މާއްދާގެ (ހ) އާއި (ށ)އިން ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ އިމްތިޔާޒުތަކާއި ބާރުތަކާއި ގުޅިގެން ހަދާފައިވާ ގާނޫނެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަކީ ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ ރައްޔިތުންގެ މަޖިލީހުގެ ކަންކަން ހިންގާނެ އުސޫލްތައް ބަޔާންކުރުމުގެ ގޮތުން ހެދިފައިވާ ގަވާއިދެއްކަން ވަރަށް ސާފުކޮށް އެނގެއެވެ. އަދި ހަމައެހެންމެ އިސްވެދެންނެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުމުގައިވެސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި ހަވާލާދީ ނުވަތަ އެގަވާއިދާއި ގުޅޭގޮތުން އެމައްސަލައިގައި އެއްވެސް އެއްޗެއް ބަޔާންކޮށްފައި ނެތުމުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ މުސްތަގިއްލުކަން ދައްކައިދޭކަން އެނގެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރިން ދެންނެވި މައްސަލައިގެ ޝަރީއަތް ނިންމިގޮތުގެ ހުލާސާ ރިޕޯޓަށް ބަލާއިރު މި މައްސަލަ ހުށަހެޅި ދައުލަތުގެ ފަރާތުންވެސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާ ނުވަތަ މަޖިލީހުގެ ގަވާއިދުގައި "ބަންދުގައި ހުންނަ މެމްބަރަކު މަޖިލީހަށް ހާޒިރު ކުރުމާއި ވޯޓް ދިނުމާއި ގުޅޭ" ގޮތުން އެ ގަވާއިދުގައި ހުރި މާއްދާތަކާއި ކަންކަމާއި ގުޅިގެން ވާހަކަ ދައްކައި އެފަދަ ކަމެއް ފާހަގަކޮށްފައި ނެތްކަން އެނގެ އެވެ. އަދި ހަމައެހެންމެ މި މައްސަލައިގައި ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ނ) އެ ކޯޓުން ބާތިލް ކުރައްވާފައިވަނީ ދައުލަތުން އެމާއްދާ ބާތިލް ކުރުމަށް އެދިފައިވާ އެހެން މާއްދާތަކާއި މައުލޫޢީ ގޮތުން ގުޅޭތީ އެވެ. މައުލޫޢީ ގޮތުން ގުޅޭތީ ސީދާ ކޯޓުގެ އިސްނެގުމަކަށް ވަކިވަކި މާއްދާތައް ރިވިއު ކުރެވިފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ އެއްވެސް މާއްދާއެއް މިހާލަތުގައި ރިވިއު ކުރެވިފައި ނެތުމުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަކީ އޭގެ އަސަރު އެކަތި އަނެކެއްޗަށް ނުކުރާނެގޮތަށް އޮތް ދެ އެއްޗެއްކަން ދިވެހިރާއްޖެ ސުޕްރީމް ކޯޓުގެ މި ނިންމުމުން އެނގެ އެވެ. އެހެންކަމުން ވަކި ގާނޫނެއްގެ ބައެއް އުނިއިތުރުކޮށް ނުވަތަ އިސްލާހު ކޮށްފިނަމަ އޭގެ ގާނޫނީ އަސަރު އޮންނާނީ ހަމައެކަނި ސީދާ އެ ގާނޫނަކަށް ކަމުން، މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ނ) ބާތިލު ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބާރު ކެނޑި، އެ މާއްދާ ނަފީވެ، އެމާއްދާގެ ބާރު ކެނޑޭނެ ކަމެއް ނޫނެއް ނޫންތޯއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ރ)ގައި ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރުމާއި، ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ނުވަތަ ފަނޑިޔާރުންނާއި މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ މެމްބަރުންނާއި އެފަދަ މަގާމުތަކުގައި ތިބޭ މީހުންގެ މަގާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައިވާ ވަގުތެއްގައި އެމައްސަލައާމެދު ގޮތެއް ނިންމުމުގެ ކުރިން މެމްބަރަކު ހައްޔަރެއް ނުކުރެވޭނެ ކަމަށާއި، މެމްބަރެއް ބަންދު ކުރެވިއްޖެނަމަ އަމަލު ކުރުން ލާޒިމް ކުރަންވީ ގޮތާއި ދެން ކަންކަން ކުރަންވީގޮތް މަޖިލީހުގެ ގަވާއިދުގެ 203 ވަނަ މާއްދާއާއި 204 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. ކަންމިހެން ހުރިއިރު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 215 ވަނަ މާއްދާއަށް ބަލާއިރު، އެގަވާއިދަށް އިސްލާހެއް ނުވަތަ ބަދަލެއް ގެނެވޭނަމަ އެކަން ކުރެވޭނީ ސީދާ މަޖިލީހަށެވެ. މަޖިލީހުން ބަދަލެއް ގެނެސްފައި ނެތް ހާލަތެއްގައި މަޖިލީހުގެ ގަވާއިދުގައި ވަކިގޮތަކަށް ވަކިކަމެއް އޮންނައޮތުން އެއީ ގާނޫނީ ގޮތުން އެކަމެއް އޮންނަ ފަރާތަކުން އެއަށް ތަބާވާންޖެހޭނެ ކަމެކެވެ. ތަބާނުވާނަމަ އެއޮތީ ގާނޫނީ އިމުން ބޭރުވެފަ އެވެ. ދައުލަތް ހިންގައި، ރައްޔިތުން އެމައްޗަށް ތަބާވާންޖެހޭ ގާނޫނުތައް ހެދުމަށް ބާރު ލިބިފައިވާ ގާނޫނު ހަދާ މަޖިލީހުން ހުދު އެ މަޖިލީހުގެ ގާނޫނާއި ގަވާއިދަށް ތަބާނުވާނަމަ އެ މަޖިލީހުން ހަދާ، ފާސްކުރާ ގާނޫނަކަށް ވަކި ތަބާވާނީ ކޮންބައެއްތޯ އެވެ.