ކ. މާލެ
|
12 އޭޕްރިލް 2017 | ބުދަ 14:39
ޓެޑްރީ ރާއްޖެއެމްވީއަށް އިންޓަވިއު ދެނީ
ޓެޑްރީ ރާއްޖެއެމްވީއަށް އިންޓަވިއު ދެނީ
ރާއްޖެއެމްވީ
ޓެޑްރީގެ ފިލްމީ ހަޔާތް
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ
އެންމެ  އާދަޔާ ހިލާފު  އަދި ތަފާތު ކަމަކީ ރައިސް ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު މޫދު އަޑީގައި ބޭއްވި "ކެބިނެޓް ލައިވް"
އެއްވެސް ކަމެއްގައި ރިޝްވަތު ހޯދާފައެއް ނުވާނެ
ޑައިރެކްޓަރެއްގެ ގޮތުގައި ބެލުންތެރީންނަށް ޓެޑްރީ މަޝްހޫރު ވެގެން ދިޔައީ "ދެރިޔާ" އިން

އޭނާގެ ހުރި ސިފަތަކުގެ ތެރެއިން މިހާތަނަށް ކާމިޔާބު ނުވެ އޮތްކަމަކީ އަދި "ވީކްނެސް"އަކީ މިއަދު ކުރެވޭ ކަންތައްތައް މާދަމާއަށް ލަސް ކުރުން ކަމަށް މަޝްހޫރު ފިލްމް ޑައިރެކްޓަރު މުހައްމަދު ނިޔާޒް ޓެޑްރީ ބުނެފިއެވެ.

އެންމެ ފިލްމަކުން މުޅި ފިލްމް އިންޑަސްޓްރީ ފަތަހަކުރި ޓެޑްރީ ފިލްމީ ދާއިރާގެ މަސައްކަތްތައް ފެށިތާ މި މަހު ވަނީ 30 އަހަރު ފުރިފައެވެ. ޑައިރެކްޓަރެއްގެ ގޮތުގައި ބެލުންތެރީންނަށް ޓެޑްރީ މަޝްހޫރު ވެގެން ދިޔައީ 1994 ވަނަ އަހަރު އޭނާ ޑައިރެކްޓް ކުރި "ދެރިޔާ" އިންނެވެ.  އެއީ މިހާތަނަށް އޭނާ ޑައިރެކްޓްކުރި ހަމައެކަނި ފީޗާ ފިލްމެވެ. އޭގެ ފަހުން 1998 ވަނަ އަހަރު ޓެޑްރީ ޕްރޮޑިއުސްކުރި "އަމާނާތް" އަކީ ވެސް ފިލްމީ ދާއިރާއަށް އިންގިލާބެއް ގެނުވި އެއް ފިލެމެވެ.

ފިލްމީ ހަޔާތަށް 30 އަހަރު ފުރިމާ ގުޅިގެން ޓެޑްރީ ރާއްޖެއެމްވީއަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ ކަންކަން ފަސްކުރުމުގެ މައްސަލަ އަށް އޭނާ "މެންޓަލީ ފައިޓް" ކޮށްފައިވާ ކަމަށާއި ނަމަވެސް އަދި މިހާތަނަށް އެކަން ކާމިޔާބު ވެފައި ނުވާ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރުމަށް އޭނާ މަސައްކަތް ފަށައި ވަރުގަދަ އަޒުމެއްގައި ހުރި ކަމަށް ޓެޑްރީ ބުންޏެވެ.

"އަހަރެންގެ އެންމެ ބޮޑު ވީކްނެސްއަކީ މިއަދު ކުރެވެން ހުރި ކަންތައް މާދަމާއަށް އަހަރެން ލަސް ކުރުން. އަހަންނަށް އެކަން އެނގޭ. ކޮންމެހެން އެހެން މީހަކު ނުބުންޏަސް ވެސް. މީހަކު ބުނުމުގެ ކުރިން މަށަށް ވެސް އެނގޭ މިއަދު ކުރެވެން ހުންނަ ކަންތައް މާދަމާއަށް ލަސްކުރުން. އެކަމަށް އަހަރެން މެންޓަލީ އަދި ފިޒިކަލީ ފައިޓް ކޮށްފިން. އެއީ އަހަންނަށް ކާމިޔާބު ނުވެ އޮތްކަމެއް" ޓެޑްރީ ބުންޏެވެ.

ޓެޑްރީ ވަނީ މި ދާއިރާއަށް 30 އަހަރު ފުރުމާ ގުޅިގެން  ޓްވީޓެއް ކޮށްފައެވެ. އެ ޓްވީޓްގައިވާ ގޮތުން 30 އަހަރު ދާއިރާގައި ހޭދަކުރެވުނު އިރު އެންމެ ބޮޑު އުފަލަކީ އެއްވެސް ކަމެއް ކުރުމަށް އެއްވެސް ފަރާތަކަށް ރިޝްވަތު ދީފައި ނުވުމެވެ.

 

 

އެކަމާ ބެހޭ ގޮތުން ޓެޑްރީ ބުނީ މިދާއިރާގައި އުޅޭތާ 30 އަހަރު ދުވަހުގެ ތެރޭގައި އެއްވެސް މީހަކަށް އަދި އެއްވެސް ތަނަކުން ޕްރޮޖެކްޓެއް ހޯދަން އެއްވެސް ބަޔަކަށް އެއްޗެއް ދޭން ބުނެފައި ވެސް ނުވާނެ ކަމަށާއި އެއްޗެއް ހުށައަޅާފައި ވެސް ނުވާނެ ކަމަށެވެ. އެންމެ އުފާވަނީ އެކަމާ ކަމަށް ވެސް ޓެޑްރީ ބުންޏެވެ. އެހެން ނަމަވެސް ރާއްޖޭގައި ނާޖާއިޒު ގޮތުގައި ހޯދާ އާމްދަނީ މިހާރު ޖާއިޒު އެއްޗެއްގެ ގޮތުގައި ވެފައިވާ ކަމަށާއި މިހާރު ރާއްޖޭގައި "ކަޓް" ނުލިބޭ ގޮތަށް އެއްވެސް ޕްރޮޖެކްޓެއް ނުލިބެއޭ ބުންޏަސް ދޮގަކަށް ނުވާނެ ކަމަށް ޓެޑްރީ ބުންޏެވެ. 

"އެއްވެސް ތަނަކުން ޕްރޮޖެކްޓެއް ހޯދާކަށް އެއްވެސް ބަޔަކަށް އެއްޗެއް ދޭން ބުނެފައެއް އެއްޗެއް ހުށައަޅާފައެއް ދީފައެއް ނޯންނާނެ. އެކަމަކު މި ފަހަކަށް އައިސް ރާއްޖޭގައި ހުރި ކުދިބޮޑު ކުންފުނިތައް މާކެޓް ޑިޕާޓްމެންޓުގައި އެތިބޭ މީހުންނަކީ އެމީހުންނަށް އެއްބަސް ވެވެގޮތަށް ނޫނީ  ޕްރޮޖެކްޓެއް ހަމަ ނުލިބޭ ބުންޏަސް ރަނގަޅުވާނެ . މިކިޔާ ކަޓް ނުލިބޭ ގޮތަށް ނޫނީ . އޭގެ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ. އެހެން ކަމުން ޔަގީން ކަމާއެކު ބުނެވެން އޮތް ވާހަކައެއް ވީމަ ބުނެލާފައި އެއޮތީ. " ޓެޑްރީ ބުންޏެވެ.

ޓެޑްރީ ގަބޫލު ކުރާ ގޮތުގައި އޭނާގެ ކެރިއާގެ އެންމެ  އާދަޔާ ހިލާފު  އަދި ތަފާތު ކަމަކީ ރައީސް ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު މޫދު އަޑީގައި ބޭއްވި "ކެބިނެޓް ލައިވް" ގެ އިވެންޓެވެ. އެދުވަހުގެ ލައިވް މިލިއަނުން ބެލުމަކީ  ޓެޑްރީ ބުނީި ގޮތުގައި 30 އަހަރުގެ ކެރިއާގައި އެންމެ "ޕީކް" ވި ދަނޑިވަޅެވެ. އަދި ކަމެއް ހާސިލްވި ކަމުގެ އިހްސާސްވެ ވަރަށް އުފާވި ކަމަށް ޓެޑްރީ ބުންޏެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެންގެ ކެރިއާގައި އެންމެ ފާހަގަ ކުރާކަމަކީ 2009 ވަނަ އަހަރު ޑައިވާސް އެސޯސިއޭޝަނުން ބޭއްވި ކެބިނެޓް ލައިވް. ޑައިވާސް އެސޯސިއޭޝަނުން މުޅި އިވެސްޓާ ހަވާލުވާން އަހަންނަށް ރިކުއެސްޓު ކުރީ. ދެން އިވެންޓް ލައިވްކޮށް މިލިއަނުން އެދުވަހު ބެލި. އަދި އޭގެ އިތުރުން އޭގެ ރިޕީޓް ޓެލެކާސްޓް ވެސް މިލިއަނުން ބެލި،" ޓެޑްރީ ބުންނެވެ.

މީގެ އިތުރުން އިންޑިއާގެ އެމްޓީވީއިން މެޒޯ ބޭންޑުގެ "ވިސްނާ ވިސްނާ" ލަވަ ފުރަތަމަ ދެއްކި ވަގުތަކީ ޓެޑްރީއަށް އާދަޔާ ހިލާފް އުފާވެރި އިހުސާސެއް ކުރުވި ވަގުތު ކަމަށް ޓެޑްރީ ބުންޏެވެ.

ޓެޑްރީގެ ކެރިއަރުގައި މިހާ ހިސާބަށް އާދެވުނު އިރު ކޮންމެ ޕްރޮޖެކްޓެއް ނަގާއިރު އަބަދުވެސް ދެ ކަމަކަށް ބަލައެވެ. އޭގެ ތެރޭގައި ކުރާ ކޮންމެ ކަމެއް ޝައުގުވެރިކަމާއެކު ކުރުމާއި އެންމެ މޮޅަށް އެ މަސައްކަތެއް ކޮށް ނިންމުމަށް އަބަދުވެސް ޓެޑްރީ އިސްކަމެއް ދެއެވެ. ފިލްމީ ދާއިރާގައި 30 އަހަރު ހޭދަކުރި އިރު ބެލުންތެރިންގެ އިންތިޒާރުތަކަށް ނިމުމެއް ގެނައުމަށް ޓެޑްރީ މިހާރު ވަނީ މަސައްކަތް ފަށާފައެވެ. އަދި ދިގު ކެރިއަރުގައި ލިބުނު ތަޖުރިބާގެ އަލީގައި މާދަމާ އަށް ފަސްނުކޮށް އޭނާގެ ދެވަނަ ފީޗާ ފިލްމް "ލަސްވިޔަސް" ދާދި އަވަހަށް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ޓެޑްރީ މިހާރު ވަނީ މަސައްކަތް ފަށާފައެވެ. މިއީ ވެސް "ދެރިޔާ" ފަދައިން އިންގިލާބެއް ގެންނޭ ފިލްމެއް ކަމަށް ގިނަ ބަޔަކު މިހާރު ތިބީ އުންމީދުގައެވެ. 

- ކޮމެންޓް