ކ. މާލެ
|
7 ޖުލައި 2020 | އަންގާރަ 08:59
އިންޑިއާގައި ކޮވިޑަށް އާންމުން ޓެސްޓްކުރަނީ
އިންޑިއާގައި ކޮވިޑަށް އާންމުން ޓެސްޓްކުރަނީ
ދި ގާޑިއަން
ކޮވިޑް-19- އިންޑިއާގެ ހާލަތު
ތިން ވަނައަށް އެންމެ ގިނައިން ކޮވިޑް ޖެހިފައިވާ ގައުމަކަށް އިންޑިއާ!
ބަލި ޖެހިގެން ރިޕޯޓުކުރި މީހުންގެ ޖުމްލަ އަދަދު ވަނީ 720,346ށް އަރާފަ
3 ވަނަ އަށް އެންމެ ގިނައިން ބަލި ފެނުނު ގައުމަކަށް އިންޑިއާ ވެފައިވަނީ ރެކޯޑް އަދަދެއްގެ ކޭސްތަކާއި އެކު ހޯމަ ދުވަހު
ކޭސް އިތުރުވީ ރޭވުންތެރިކަމެއް ނެތި ލޮކްޑައުންއަށް ލުއިތަކެއް ދިނުމާއި ގުޅިގެން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19ށް އެންމެ ގިނައިން މީހުން ޕޮޒިޓިވްވި ގައުމުތަކުގެ ލިސްޓުގެ ތިން ވަނައަށް އިންޑިއާ އަރައިފިއެވެ.

އިންޑިއާގެ ސިއްހީ ވުޒާރާއާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާތަކުގައި ރިޕޯޓުކުރާ ގޮތުން، ފާއިތުދިޔަ 24 ގަޑިއިރު ތެރޭގައި އެ ގައުމުން 22،000ށް ވުރެން ގިނަ ކޭސް ރިޕޯޓުކޮށް، ބަލި ޖެހިގެން ރިޕޯޓުކުރި މީހުންގެ ޖުމްލަ އަދަދު ވަނީ 720,346ށް އަރާފައެވެ. ހޯމަ ދުވަހުގެ ނިޔަލަށް އެންމެ ގިނައިން ކޮވިޑްގެ ކޭސްތައް ރިޕޯޓުކޮށްފައިވާ ގައުމަކަށް ރަޝިއާ އޮތް ނަމަވެސް، އިންޑިއާގެ އެކި ސިޓީތަކުގައި ރެކޯޑް އަދަދުތަކަށް ކޭސްތައް އިތުރުވުމާއި ގުޅިގެން އެ ގައުމުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމި ނިންމުން މުރާޖައާ ކުރުމަށް ނިންމާފައިވާ ކަމަ ށްވެސް ރިޕޯޓުތައް ބުނެއެވެ.

ހޯމަ ދުވަހު އިންޑިއާއިން 23،000 ވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާއިރު، މިއީ އެއްދުވަހާ އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސް އިންޑިއާއިން ރިޕޯޓްކުރި ދުވަހެވެ. ފާއިތުވި ދެ ދުވަހު އެކަނި ވެސް ކޮވިޑް ޖެހިގެން 900 ވުރެ މީހަކު މަރުވެގެން ރިޕޯޓްކޮށްފައިވާއިރު، ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 20،170 ވުރެ މައްޗަށް އަރާފައެވެ. ބަލި ގިނައިން ފެތުރޭ ގައުމުތަކާއި އަޅާކިޔާއިރު އިންޑިއާއިން މަރުވާ މީހުންގެ އަދަދު ދަށެވެ. 7 ލައްކައަށްވުރެ ގިނަ މީހުން މިހާތަނަށް އިންޑިއާގައި ކޮވިޑް-19ށް ޕޮޒިޓިވްވި ނަމަވެސް، 440،000ށް ވުރެ ގިނަ މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ އިންޑިއާގައި ކޭސްތައް އިތުރުވެގެން ގޮސްފައިވަނީ އެއްވެސް ކަހަލަ ރޭވުންތެރިކަމެއް ނެތި ލޮކްޑައުންއަށް ލުއިތަކެއް ދިނުމާއި ގުޅިގެން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް