ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޖިމްގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެންމެ ފުރަތަމަ ހުޅުވި ފިޓް ޒޯނުން ސްޕެޝަލް ރިލީފް ޑިސްކައުންޓް ޕެކޭޖާއެކު އެ ޖިމް އަލުން ހުޅުވައިފިއެވެ.
ފިޓްޒޯނުން ބުނީ މި ޕެކޭޖުގެ ދަށުން މަހަކު 800 ރުފިޔާ ދައްކައިގެން ޖިމަށް އެކްސެސް ވެވޭނެ ކަަމަށެވެ.
ކޮވިޑް-19 މި ހާލަތުން ރައްކާތެރިވުމުގެ ޖިމްތައް ބަންދު ކުރުމަށްފަހު ތިން ވަނަ ފޭސްގެ ދަށުން ދިން ލުއިތަކާއެކު ޖިމް ހުޅުވާފައިވާއިރު ކްލާސްތަކަށް އައުމުގެ ކުރިން ފިޓްޒޯންގެ ނަންބަރު 3352030 މައުލޫމާތު ހިއްސާ ކުރުމަށް އެ ޖިމުން ވަނީ އެދިފައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފިޓްޒޯންގެ މެނޭޖަރު ރިޔާޝް ރިޔާޒް ވިދާޅުވީ ގްރޫޕް ޕިޓްނަސް ކްލާސްތައް މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާނެ ކަމަށާއި ގަޑިއިރަކަށް 8 މީހުން ބައިވެރިވެވޭނެ ކަމަށެވެ.
ރޭގަނޑު 11:00 ޖަހަންދެން ޖިމް ހުޅުވާފައި ހުންނާނެކަން ފާހަގަކުރައްވާ ރިޔާޝް ވިދާޅުވީ 15 މީހުންނަށް ކޮންމެ ފްލޯއަކަށް އެރޭނެ ކަމަށެވެ. މިގޮތަށް އިންތިޒާމުތައް ހަމަޖައްސާފައިވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ އެއްގޮތަށް އަމަަލު ކުރުމުގެ ގޮތުން ކަަމަށް ރިޔާޝް ފާހަގަކުރެއްވިއެވެ.
ޖިމުން ސެނެޓައިޒް ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށާއި ޑިސްއިންފެކްޝަން ޗެމްބަރެއް ހުންނާނެ ކަމަށް ފިޓްޒޯނުން މައުލޫމާތުދެއެވެ.
ކޮވިޑް-19 ގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކުގެ ބުރަ މަސައްކަތް ފާހަގަކުރައްވާ ރިޔާޝް ވިދާޅުވީ އެ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ޖިމަށް ރަޖިސްޓަރީވުމުން ދެ ހަފްތާގެ ފްރީ ޓްރައިލެއް ޓްރެއިނަރަކާއެކު ލިބިގެންދާނެ ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން އާންމު ޙާލަތަށް ރުޖޫޢަ ވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ޖިމް އަދި ފިޓްނަސް ސެންޓަރުތަކުގައި ރައްކާތެރިކަމާއެކު ޚިދުމަތްދޭނެ ގޮތުގެ އުސޫލެއް އެޗްޕީއޭ އިން ވަނީ ކަނޑައަޅާފައެވެ.
މި އުސޫލުގެ ދަށުން ކޮންމެ ދުވަހެއްގެ ސެޝަން ނިމުމަށްފަހު ތަނާއި ތަނުގައި ބޭނުންކުރާ ތަކެތި ރަނގަޅަށް ސާފުކޮށް ޑިސްއިންފެކްޓް ކުރަން ޖެހެއެވެ. އަދި ތަނުގައި ހުންނަ ޢާލާތްތައް ބޭނުންކުރާ ފަރާތްތަކުން އެތަކެތި ބޭނުންކުރުމުގެ ކުރިން ސާފުކުރުމާއި، ތަނުގެ ފަރާތުން ސާފުކުރުމަށް ބޭނުންވާތަކެތި ފޯރުކޮށްދިނުމަށް ވަނީ އަންގާފައެވެ.
ޖިމްގައި ބައެއް ހިދުމަތްތައް ނުދިނުމަށް ވެސް މި އުސޫލުގައި ބަޔަން ކުރެއެވެ. އެގޮތުން ސޯނާ އަދި ސްޓީމް ރޫމް ފަދަތަންތަން މިވަގުތު ބޭނުން ނުކުރުމާއި، ކާބޯތަކެތި ވިއްކާ ތަންތަން ޖިމްގައި ބަހައްޓައިގެން ނުވާނެކަމަށް ވަނީ ބުނެފައެވެ. އަދި ފެނުގެ ޚިދުމަތްދޭނަމަ، ހަމައެކަނި އެމީހަކު ގެންދާ ފެން ފުޅި ރީފިލް ކުރެވޭނެ ގޮތަށް މެޝިނެއް ބެހެއްޓުން ނުވަތަ ފެންބުއިމަށް ވަކިން ބޭނުންކޮށް އެއްލާލެވޭ ޑިސްޕޯސަބަލް ތަށި ބޭނުންކުރުމަށް ވަނީ އަންގާފައެވެ.