ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ވެކްސިނެއް އުފެއްދުމަށް ކުރާ މަސައްކަތް އަވަސް ކޮށްފައިވަނީ މިކަމުގައި ބައިނަލްއަގްވާމީ ގޮތުން އެކުލަވާލާފައިވާ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް ބުނެ އިންޑިޔާއިން ވެކްސިން އުފެއްދުމަށް ކުރާ މަސައްކަތްތައް އެގައުމުގެ އިސް ކްލިނިކަލް ރިސަރޗް ސެންޓަރުން ދިފާޢުކޮށްފިއެވެ.
އިންޑިޔާގައި ވެކްސިނެއް އުފެއްދުމަށް ކުރާ މަސައްކަތްތައް ވަކިން ޚާއްސަކޮށް ކްލިނިކަލް ޓްރައަލްތައް އަވަސްކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ސިއްހީ މާހިރުން ވަނީ ފާޅުކޮށްފައެވެ.
ކަންބޮޑުވުން ފާޅުކޮށް ލިޔެފައިވާ ސިޓީއެއް ލީކުވުމާއެކު އިންޑިޔާގެ މެޑިކަލް ރިސަރޗް ކައުންސިލުން ވަނީ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި އިންޑިއަން ކައުންސިލް އޮތް މެޑިކަލް ރިސަރޗް(އައިސީއެމްއާރު)ގެ ޑިރެކްޓަރ ޖެނެރަލް ބަލްރަމް ބަރްގަވާ ވިދާޅުވެފައިވަނީ ވެކްސިން މިއަހަރުގެ އޮގަސްޓް މަހުގެ 15 ދުވަހު ނެރެވޭނެކަމަށާއި ވެކްސިންގެ އިންސާނުންގެ ގަޔަށް ޖަހައިގެން ޓެސްޓްތައް މި ޖުލައި މަހުގެ 7 ވަނަ ދުވަހު ފެށޭނެކަމަށެވެ.
މި ޓައިމްލައިނާ އެއްގޮތަށް ވެކްސިން އުފެއްދުމުގެ ކަންކަން ކުރިޔަށް ގެންގޮސްގެން ވައިރަސްއަށް އެކަށީގެންވާވަރުގެ ވެކްސިނެއް އުފެއްދޭނެކަމަށް އައިސީއެމްއާރުން ވަނީ ބުނެފައެވެ. ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުން ދަނީ އިންޑިޔާގެ ބާރަތް ބައޮޓެކް އާއި އައިސީއެމްއާރު ގުޅިގެންނެވެ.
ވެކްސިންގެ ޓްރައަލްތައް އާންމުކޮށް އަހަރެއް ވަންދެން ކުރިޔަށް ގެންދެއެވެ. އެހެންނަމަވެސް ކޮވިޑް-19އަށް އަވަހަށް ވެކްސިނެއް ހޯދަންޖެހިފައިވާތީ ކާމިޔާބުވާނެކަމުގެ ޔަގީންކަން ލިބިފައިވާ ވެކްސިންތަކުގެ ޓެސްޓް ކުރުމުގެ މަރުހަލާ އަވަސްކުރުމަށް ކަމާބެހޭ ފަތާތްތަކުން ވަނީ ހުއްދަދީފައެވެ.
އައިސީއެމްއާރުން ވެކްސިން އުފެއްދުމަށް އެކުލަވާލާފައިވާ ޓައިމްލައިން އާ ގުޅިގެން ސިއްހީ ގިނަ މާހިރުންގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. އެއީ މި ޓެސްޓްތަކުގައި ބައިވެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން އަދި ވެކްސިން އުފެއްދުމުގެ އަޚްލާގާ ޚިލާފުކަމަށް ބުނެއެވެ.
އެކަމާއި ގުޅިގެން އައިސީއެމްއާރުގެ ސްޕޯކްސްމަން ލޯކޭޝް ޝަރްމާ ބުނެފައިވަނީ ހުރިހާ ކަމެއް ވެސް ބިނާވެގެންދާނީ ކްލިނިކަލް ޓްރައަލްއިން ނިކުންނަ ނަތީޖާއަށް ކަމަށެވެ.
އައިސީއެމްއާރުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ބޭނުންވަނީ ވީއެންމެ އަވަހަށް ކްލިނިކަލް ޓްރައަލްތައް ނިންމާ ދެން ހުރި ކަންކަން ވީއެންމެ އަވަހަށް ފެއްޓުމަށްކަމަށެވެ. އަދި ވެކްސިން އުފެއްދުމުގެ ކަންކަން ކުރިޔަށް ގެންދަނީ ބައިނަލް އަގްވާމީ ގޮތުން މިކަމުގައި އެކުލަވާލާފައިވާ އުސޫލުތަކާއި އެއްގޮތަށް ކަމަށާއި އިންސާނުންނަށް ވެކްސިން ޓެސްޓްކުރުމާއި ޖަނަވާރުންނަށް ވެކްސިން ޓެސްޓް ކުރުމުގެ ކަންކަން ކުރިޔަށް ގެންދާނީ އެކުއެކީގައި ކަމަށެވެ.