އެމެރިކާގެ ފްލޮރިޑާގައި ރިކޯޑް އަދަދަކަށް ހޮނިހިރު ދުވަހު މީހުންނަށް ކޮވިޑް-19 ޖެހިފައިވާކަމަށް އެ ސްޓޭޓްގެ ހެލްތު ޑިޕާޓްމަންޓުން ބުނެފިއެވެ.
ފްލޮރިޑާގެ ހެލްތު ޑިޕާޓްމަންޓުން ބުނީ 11،458 މީހުންނަށް ހޮނިހިރު ދުވަހު ކޮވިޑް-19 ޖެހިފައިވާކަމަށެވެ. މިއީ ފާއިތުވި ތިން ދުވަހުގެ ތެރޭގައި ދިހަހާހަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރި ދެވަނަ ފަހަރެވެ.
ފްލޮރިޑާގައި ރިކޯޑް އަދަދަކަށް މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިމިވަނީ އޭގެކުރީ ދުވަހު ހަތް ސްޓޭޓަކުން މީހުންނަށް ރިކޯޑް އަދަދަކަށް ވައިރަސް ޖެހިގެން ރިޕޯޓްކުރި ފަހުންނެވެ. މިހާތަނަށް އެމެރިކާގައި ވައިރަސް ޖެހިގެން 130،000ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ފްލޮރިޑާގައި ދުވާލެއްގެ މައްޗަށް ފެންނަމުންދާ ކޭސްތަކުގެ އަދަދު މިއުޅެނީ ޔޫރަޕްގެ ގިނަ ގައުމުތަކުގައި ޕީކްގައި އޮތްދުވަސް ވަރުވެސް ދުވާލެއްގެ މައްޗަށް ފެންނަމުންދިޔަ އަދަދުތަކަށްވުރެ މަތިންނެވެ.
އުތުރާއި ދެކުނު ކެރޮލިނާ، އަލަސްކާ އަލްބާމާ ފަދަ ސްޓޭޓްތަކުން ހުކުރު ދުވަހު ވަނީ ރިކޯޑް އަދަކަށް މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައެވެ. އަދި ޓެކްސަސްއިން ވަނީ ވައިރަސް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރި މީހުންގެ އަދަދުވެސް ރިކޯޑް މިންވަރަކަށް މައްޗަށް ގޮސްގެން ރިކޯޑްކޮށްފައެވެ.
އެމެރިކާގައި ދުވާލެއްގެ މައްޗަށް 55،000 ށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައެވެ. ނަމަވެސް ހުކުރު ދުވަހު އެގައުމުގައި އަލަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ 53،483 މީހުންނެވެ.
އަލަށް ވައިރަސް ޖެހޭ މީހުންގެ އަދަދުތައް ބައެއް ހިސާބުތަކުގައި އިތުރުވަމުން ދިޔަނަމަވެސް, އެވްރެޖްގޮތެއްގައި އެމެރިކާގައި ވައިރަސް ޖެހޭ މީހުންގެ އަދަދުތައް ވަނީ ދަށަށްދާން ފަށާފައެވެ. އަދި މަރުވެގެން ރިޕޯޓްކުރާ އަދަދުތައްވެސް ވަނީ ފާއިތުވި ހަފްތާތަކުގައި ދަށަށްދާން ފަށާފައެވެ.