ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މި ފެށޭ ޖުލައި މަހު އިންސާނުންގެ ގަޔަށް ވެކްސިން ޖަހައިގެން ޓެސްޓްތައް ފަށާނެ ކަމަށް އެ ގައުމުން ބުނެފިއެވެ.
ހައިދަރްއާބާދު ގައި ހުންނަ ބާރަތް ބައޮޓެކް އިން ކުރިޔަށް ގެންދާ މި ޓްރައަލްގައި ވެކްސިން ޓެސްޓް ކުރަނީ ކިތައް މީހުންނަށް ކަމެއް ސާފެއް ނޫނެވެ. މި ވެކްސިން ޖަނަވާރުންނަށް ޓެސްޓް ކޮށްފައިވާއިރު ޓެސްޓްތަކުގެ ނަތީޖާ ރަނގަޅު ކަމަށާއި ވެކްސިންއަށް އިންސާނާގެ ދިފާއީ ނިޒާމު ރަނގަޅަށް މަސައްކަތް ކުރާނެ ކަމަށް ބާރަތް އިން ބުނެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގެ 120ށް ވުރެ ގިނަ ޕްރޮގްރާމް ކުރިޔަށްދާއިރު އިންޑިއާގެ އެކި ފަރމުތަކުގައިވެސް ވެކްސިން އުފެއްދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި ވެކްސިނަކީ ލެބޯޓްރީއެއްގައި އުފައްދައިގެން ތަރައްޤީ ކުރުމުގެ މަސައްކަތް ކުރާ އިންޑިއާގެ އުފެއްދުމެކެވެ. އިންޑިއާގެ ޑްރަގް ކޮންޓްރޯލް އޮތޯރިޓީން ވަނީ ބާރަތްގެ ބައޮޓެކަށް އިންސާނުންގެ ގަޔަށް ވެކްސިން ޖަހައިގެން ޓެސްޓްތައް ކުރިޔަށް ގެންދިޔުމުގެ ހުއްދަ ދީފައެވެ. މީގެ ދެ ފޭސް ކުރިޔަށް ގެންދިޔުމުގެ ހުއްދަ ދީފައިވަނީ ވެކްސިން އާ ގުޅޭގޮތުން ހަދާފައިވާ ދިރާސާތައް ބެލުމަށްފަހުގައެވެ. ދެ ފޭސްގެ ޓެސްޓްތައް ވެސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ވެކްސިން ބޭނުން ކުރުމުގެ ރައްކާތެރިކަން ހުރި މިންވަރު ދެނެގަތުމާއި ގުޅޭ ގޮތުންނެވެ.
މިފަރމުން ބުނާ ގޮތުގައި ވައިރަސްގެ ސްޓްރެއިން އެއް ބޭނުންކޮށްގެން އުފައްދާ މި ވެކްސިން އަކީ އަވަހަށް ތަރައްގީ ކުރެވޭ ގޮތަށް އުފައްދަމުންދާ ވެކްސިނެކެވެ. މިފަރމް އިން މީގެކުރިން ވަނީ އެޗްވަންއެންވަން އަށް ވެސް ވެކްސިނެއް އުފައްދާފައެވެ.
އިންޑިއާއަކީ ވެކްސިން އުފެއްދުމަށާއި ބޭސްތައް އުފެއްދުމުގައި ބޮޑު ހިއްސާއެއް އަދާކުރާ އެއް ގައުމެވެ.
ކަމާބެހޭ މާހިރުން ގަބޫލުކުރާ ގޮތުގައި ކޮވިޑް-19 އަށް ވެކްސިނެއް ލިބޭވަރު ވާނީ އަންނަ 2021 ވަނަ އަހަރުގެ މެދުތެރޭގައެވެ.