ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން މި އަހަރުގެ ތެރޭގައި 270 މިލިއަނަށްވުރެ ގިނަ މީހުން ބަނޑުހައި ހޫނުކަން ތަހައްމަލު ކުރަން ޖެހިދާނެ ކަމަށް އދ އިން އަންދާޒަކޮށްފިއެވެ.
ޔޫއެންގެ ވޯލްޑް ފުޑް ޕްރޮގްރާމްގެ އިސްވެރިޔާ ޑޭވިޑް ބީސްލީ ވިދާޅުވީ، އަލަށް ކުރެވެނު އަންދާޒާތައް ދައްކާ ގޮތުން މި އަހަރު ނިމުމުގެ ކުރިން ބަނޑުހައި ހޫނުކަން ތަހައަމަލު ކުރަން ޖެހޭ މީހުން އަދަދު 270 މިލިއަނަށް އަރާނެއެވެ. ބީސްލީ ވިދާޅުވި ގޮތުގައި މީގެ ތެރެއިން 82 އިންސައްތަ އަކީ ކޮވިޑު ބަލި މަޑުކަމުގެ ކުރިން ބަނޑުހައި ހޫނުކަން ތަހައްމަލު ކުރަމުން އައި މީހުންނެވެ.
އޭނާ ވިދާޅުވީ، މީގެ ކުރިން ބަނޑުހައި ހޫނުކަމުން ސަލާމަތްވެފައިވާ ސަރަހައްދުތަކަށް ވެސް މި ހާލަތުގައި މިހާރު އަސަރުކުރަމުންދާ ކަމަށެވެ.
ލެޓިން އެމެރިކާގައި ބަނޑުހައިހޫނުކަން ތަހައްމަލު ކުރަން ޖެހޭ މީހުންގެ އަދަދު ތިން ގުނަ އިތުރުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވަނީ ބުނެފައެވެ. އެފްރިކާގައި ބަނޑުހައި ހޫނުކަން ތަހައްމަލު ކުރަން ޖެހޭ އަދަދު 135 އިންސައްތަ އަށް އަރާފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.
އެ ފަރާތްތަކަށް އެހީވެ ދިނުމަށް 4.9 ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ޔޫއެންއިން ވަނީ ލަފާކޮށްފައެވެ. މިއަހަރު އޭޕްރީލް މަހު ޔޫއެން އިން އަންދާޒާ ކޮށްފައިވާ ގޮތުން ކޮވިޑުގެ ސަބަބުން ދުނިޔޭގެ 265 މިލިއަނެއްހާ މީހުން ބަނޑުހައިހޫނު ކަމަށް ޖެހޭނެއެވެެ.