އިރާނުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހައްޔަރުކުރުމަށް ވޮރެންޓެއް ނެރެ، އިންޓަރޕޯލްގެ އެހީއަށް އެދިއްޖެއެވެ.
ޓްރަމްޕް ހައްޔަރުކުރުމަށް ވޮރެންޓެއް ނެރެފައިވަނީ އިރާނުގެ ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިޔާ ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުގެ އޯޑަރު ދެއްވިކަމުގެ ތުހުމަތުގައެވެ.
ތެހްރާނުގެ ޕްރޮސެކިއުޓަރ އަލީ އަލްގާސިމެހްރު ވިދާޅުވެފައިވަނީ ސުލައިމާނީ އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން ޓްރަމްޕްގެ މައްޗަށް މީހަކު މެރުމާއި ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ ކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަށް ދައުވާ ކުރާނީ ވެރިކަން ނިމުމަކަށް އައުމުން ކަމަށެވެ. އޭނާ ވިދާޅުވީ ޓްރަމްޕްއާއި މި ހަމަލާ ދިނުމުގައި ފަހަތުގައި ތިބި ކަމަށް ތުހުމަތުކުރެވޭ އިތުރު ފަރާތްތަކުގެ މައްޗަށް ރެޑް ނޯޓިސް އެއް ނެރުމަށް އިންޓަޕޯލްގައި އެދިފައިވާނެ ކަމަށެވެ.
އެހެންނަމަވެސް، އިންޓަޕޯލް އިން މި ނޯޓިސް ނެރެފާނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ.
އިރާނުގެ އެތައް ހާސް ރައްޔިތުންގެ ހިތްތަކުން ޖާގަ ހޯއްދަވާ، އިރާނުގައި ދެވަނަ އަށް އެންމެ ބާރުގަދަ އަދި އެމެރިކާ އާއި އިސްރާއީލް އިތުރުން ސައުދީ އަރަބިއްޔާއިން ފާއިތުވިގެންދިޔަ ވިއްސަކަށް އަހަރު މެދުކެނޑުމެއް ނެތި އެމީހަކަށް ފާރަލަމުންދިޔަ އިރާނުގެ ސަލާމަތީ ބާރުތަކުގެ އެންމެ މަތީވެރިޔާ މޭޖަރ ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަ ކޮށްލާފައިވަނީ ބަޣްދާދުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރުން ކާރުކޮޅެއްގައި ނިކުންނަވަނިކޮށް ދިން ހަމަލާތަކެއްގައެވެ.
ސުލައިމާނީ އަވަހާރަކޮށްލުމުގެ ހުއްދަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އަހަރުގެ ޖޫން މަހު ދެއްވާފައިވާކަން ވަނީ ހާމަވެފައެވެ.