ކޮވިޑް-19 ގެ ކޭސްތައް މަދުން ފެންނަ ނުވަތަ ވައިރަސްގެ ރިސްކު ކުޑަ ގައުމުތަކުން އަންނަ މީހުން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަން ނުޖެހޭ ގޮތަށް އިނގިރޭސިވިލާތުގައި ހަމަޖައްސައިފި އެވެ.
މީގެއިތުރުން ރަސްމީ ދަތުރުތައް ކުރުމާއި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ބައެއް ގައުމުތަކަށް ކުރުމުގައިވެސް ލުއިތަކެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އެގައުމުގެ ސަރުކާރުން ބުނެ އެވެ. މިއާއެކު ކުރިޔަށް އޮތް ހޫނު މޫސުމުގެ ޗުއްޓީ ދުވަސްވަރު އިނގިރޭސިވިލާތުގެ ރައްޔިތުންނަށް އެމީހުން ބޭނުންވާ ހިސާބުތަކަށް ދަތުރުކުރުމުގައިވެސް ލުއި ތަކެއް ލިބިގެންދާނެ އެވެ.
މިއީ ކޮވިޑް-19 ފެތުރެންފެށުމާއެކު އެގައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް އެންމެ ފަހުން ދީފައިވާ ލުއިތަކެވެ.
ކޮވިޑް-19 އެކި ގައުމުތަކުގައި އޮތް މިންވަރު ދެނެގަނެ އިނގިރޭސިވިލާތުގެ ކަމާބެހޭ މާހިރުން ހިމެނޭ ޕެނަލަކުން ގައުމުތައް ތިން ކެޓަގަރީއަކަށް ބެހުމަށް ވަނީ ހަމަޖެހިފަ އެވެ. އެއަށްފަހު އެކެޓަގަރީތަކަށް އެކި ކުލަތައް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ފެހި ކުލަ އާއި ގަދަ ރީންދޫ ކުލަ އަދި ރަތް ކުލަ އެވެ. ފެހި އަދި ގަދަ ރީންދޫ ކުލަ ދީފައިވާ ގައުމުތަކުން އަންނަ މީހުންނަށް 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރާކަށް ނުޖެހޭނެ އެވެ.
ދަތުރުފަތުރު ކުރުމުގައި މިގެނައި އައު ބަދަލުތަކާއި ގުޅޭގޮތުން އިނގިރޭސިވިލާތިގެ ސަރުކާރުގެ ސްޕޯކްސްވުމަން ބުނެފައިވަނީ މިބަދަލާއެކު ދުނިޔޭގައި ކޮވިޑް-19 ގެ ނުރައްކާތެރިކަން ކުޑަ ތަންތަން ބަލައިގެން އެތަންތަނަށް ދަތުރުކުރުމަށް ހުޅުވާލުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އެހެންނަމަވެސް ވައިރަސްގެ ނުރައްކާތެރިކަން ފެންނަން ފަށައިފިނަމަ މިނިންމުން ބަދަލުކުރާނެ ކަަމަށް އޭނާ ވަނީ ބުނެފަ އެވެ.
މީހުން ކަރަންޓީނުކުރުމާއި ގުޅޭގޮތުން ޖޫން މަހުގެ 8 ވަނަ ދުވަހު ނެރުނު ޕޮލިސީއަށް އެއަރލައިން ތަކުންނާއި އެއަރޕޯޓްތައް އަދި ހޮސްޕިޓާލިޓީ ދާއިރާގައި މަސައްކަތްކުރާ މީހުން ވަނީ ފާޑުކިޔާފަ އެވެ. އެމީހުން ބުނެފައިވަނީ އެޕޮލިސީގެ ދަށުން މީހުންނަށް ދަތުރުކުރުމަށް ހުރަސްތަކެއް ކުރިމަތިވާކަމަށެވެ.
އައު ކެޓަގަރީތައް އަންނަ ހަފްތާގައި އިއުލާންކުރުމަށް ހަމަޖެހިފައިވާއިރު މި އުސޫލަށް އޭގެ އެއް ހަފްތާފަހުން އަމަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ފޮރިން އޮފީހުން ބުނެފައިވަނީ އަންނަ ހަފްތާ ތެރޭގައި ކޮވިޑް-19 ގެ ނުރައްކާތެރިކަން ނެތް ހިސާބުތަކާއި ގައުމުތައް އިއުލާން ކުރާނެ ކަމަށެވެ.