ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު އިޓަލީގެ ސްކޫލްތައް ސެޕްޓަމްބަރު މަހު ހުޅުވާލާނެ ކަމަށް އެގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.
އެގައުމުގެ ސަރުކާރުން ބުނީ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ސްކޫލްތައް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން، ސްކޫލްތައް ހުޅުވުމަށްފަހު ކްލާސްތަކުގައި ކޮންމެ ދަރިވަރަކު ތިބޭނީ އެއް މީޓަރު ދުރުގައި ކަމަށާއި ބްރޭކް ގަޑީގައި ކެެންޓީނުގައި ތިބިގެން ކެއުމުގެ ބަދަލުގައި އެ ގަޑި ކްލާސްރޫމުގައި ހޭދަކުރާ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.
އިޓަލީގެ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ޖާގައިގެ ދަތިކަމާއި ގުޅިގެން ސްކޫލްތަކުގައި އިޖުތިމާއީ ގައިދުރުކަމުގެ ފިޔަވަޅުތައް އެޅުމަށް ދަތިތަކެއް އެބަހުރި ކަމަށެވެ. އެގޮތުން %15 ދަރިވަރުންނަށް މިކަމުގެ އަސަރުކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ މިކަން ހައްލު ކުރުމަށްޓަކައި ކްލާހުން ބޭރުގައި ކިޔަވައިދިނުމުގެ ހަރަކާތްތަކެއް ހިންގިދާނެ ކަމަށެވެ.
ސެޕްޓެމްބަރު މަހު ސްކޫލްތައް ހުޅުވާލުމަށްޓަކައި ވަމުންދާ ތައްޔާރީތައް ހިއްސާ ކުރައްވަމުން އިޓަލީގެ ބޮޑު ވަޒީރު ވިދާޅުވީ ސްކޫލްތައް ރިނޮވޭޓްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި ޓީޗަރުންނަށް ދޭން ޖެހޭ ތަމްރީނުތައް ދިނުމަށް 1 ބިލިއަން ޔޫރޯ އިންވެސްޓު ކުރުމަށް ނިންމާފައިވާ ކަމަށެވެ.