މަސްދުވަސް ފަހުން އޮސްޓްރޭލިއާގައި ކޮވިޑް-19 ޖެހިގެން މީހަކު މަރުވެއްޖެއެވެ.
ކޮވިޑް-19 ޖެހިގެން މަރުވެފައި ވަނީ އުމުރުން 80 ގެ އަހަރުތައް ގުނަމުންދާ މީހެއް ކަމަށް އޮސްޓްރޭލިއާ އިން ބުނެއެވެ. އެ ގައުމުގައި ވައިރަސް ޖެހިގެން މީހަކު މަރުވެފައި މިވަނީ ދެ ވަނަ ވޭވެއް އައުމުގެ ބިރު ހީވެ އެތައް ހާސްބަޔަކު ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ކިޔު ހަދާ އަދި ސުޕަރމާކެޓްތަކުގައި އައު އުސޫލުތަކެއް ގާއިމުކޮށްފައި ވަނިކޮށެވެ.
ވިކްޓޯރިއާ ސްޓޭޓް އިން އެއް ދުވަހާ ވަނީ 20 މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައެވެ. އެއާއެކު އެ ސްޓޭޓްގެ ޗީފް ހެލްތު އޮފިސަރ ބްރެޓް ސަޓަން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ސްޓޭޓުން ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 1900ށް އަރާފައިވާ ކަމަށެވެ. އެ ސްޓޭޓުން އައު ކޭސްތަކެއް ފެންނަން ފެށުމާއެކު ދެ ވަނަ ވޭވެއް އައުމުގެ ބިރުވެރިކަން ވަނީ އުފެދިފައެވެ. މިހާތަނަށް އައިއިރު އެ ސްޓޭޓުން ފެނިފައިވާ 1900 ކޭސްގެ ތެރެއިން 241 ކޭސް ގުޅިފައިވަނީ ކޮމިޔުނިޓީ ޓްރާންސްމިޝަން އާއެވެ.
އެ ސްޓޭޓްގައި ކޭސްތައް ފެންނަ މިންވަރު އިތުރު ވަމުންދިޔުމާއެކު ސްޓޭޓުން ވަނީ އެގައުމުގެ އަސްކަރިއްޔާގެ އެހީތެރިކަމަށް އެދިފައެވެ. އެއީ އޮސްޓްރޭލިއާ އަށް އަންނަ އެގައުމުގެ ރައްޔިތުންނާއި އެގައުމުގައި ދިރިއުޅެމުންދާ ރައްޔިތުން އެނބުރި އައުމުން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމުގެ ކަންކަން ތަންފީޒުކުރުމުގައި އެހީތެރިވެދިނުމަށް ކަމަށް އެސްޓޭޓުން ބުނެއެވެ.
ވިކްޓޯރިއާ އަކީ މިވަގުތު އޮސްޓްރޭލިއާގައި އެންމެ ހަލުވިމިނުގައި ވައިރަސް ފެތުރެމުންދާ ސްޓޭޓެވެ. އެއާއެކު އެސްޓޭޓްގައި ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. ސްޓޭޓްގެ ކަމާބެހޭ އޮފިޝަލުން ގަބޫލުކުރާ ގޮތުގައި އައު ކޭސްތައް އިތުރުވެގެން ގޮސްފައި މިވަނީ އާއިލާއަކުން ބޭއްވި އާއިލީ އެއްވުމުގެ ތެރެއިންނެވެ. އެ އެއްވުމުގައި ވައިރަސް ހަށިގަނޑުގައި ހުރި މީހުން ބައިވެރިވެފައިވާ ކަމަށް އޮފިޝަލުން ގަބޫލުކުރެއެވެ.
ކޭސްތައް ފެންނަ މިންވަރު އިތުރުވަމުން ދިޔުމާއެކު ސްޓޭޓުން ވަނީ ސްޓޭޓް އޮފް އެމަރޖެންސީ އެއް މަސް ދުވަހަށް އިތުރުކޮށް މީހުން އެއްވެ އުޅުމުގައި އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ.
ވިކްޓޯރިއާގައި ކޭސްތައް އިތުރުވެގެންދިޔަ ނަމަވެސް އެސްޓޭޓާއި އެންމެ ކައިރީގައި އޮންނަ ނިއު ސައުތު ވޭލްސް އިން ބުނެފައިވަނީ ދެ ސްޓޭޓް މެދުގައި އޮންނަ ބޯޑަރުގައި ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް އަދި ނުވިސްނާ ކަމަށެވެ. އެހެންނަމަވެސް ނިއު ސައުތު ވޭލްސްގައި އުޅޭ މީހުން ދަތުރުކުރުމުގައި ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކޮވިޑް-19 ފެތުރުން ފެށުމުން ލޮކްޑައުންގެ ފިޔަވަޅުތަކެއް އެޅުމަށްފަހު އޮސްޓްރޭލިއާ އިން ވެސް ވަނީ ފިޔަވަޅުތަކަށް ލުއިތައް ދޭން ފަށާ އިގްތިޞާދު ހުޅުވާލަން ފަށާފައެވެ. އޮސްޓްރޭލިއާގައި މިހާތަނަށް އައިއިރު 7500 މީހުންނަށް ވައިރަސް ޖެހިފައިވާއިރު 103 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފައެވެ.