ނިއު ޒިލެންޑަށް ކްރޫޒް ޝިޕް އައުން މެދުކަނޑާލާފައި އޮތް މުއްދަތު އިތުރުކޮށްފިއެވެ.
ނިއު ޒިލެންޑުން ކޮވިޑް-19 ޖެހިފައިވާ ހުރިހާ އެންމެން ރަނގަޅުވުމަށްފަހު, މިފަހުން އަނެއްކާވެސް އެގައުމުން ވަނީ ވައިރަސް ޖެހިފައިވާ މީހުން ފެންނަން ފަށާފައެވެ. އެހެންކަމުން މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް ކްރޫޒް ޝިޕް އައުން މެދުކަނޑާލާފައި އޮތްއޮތުން މިހާރު އިތުރުކޮށްފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒީރުޖެސިންޑާއަރޑެން ވަނީ ވިދާޅުވެފައެވެ.
ގައުމަށް އެތެރެވާ މީހުންގެ ގައިން ވައިރަސް ފެންނަމުންދާތީ, ކަރަންޓީނުގައި އަޅާފައިވާ ފިޔަވަޅުތައް އެގައުމުގައި ވަނީ ވަރުގަދަކޮށްފައެވެ. ކްރޫޒް ޝިޕްތަކަށް އެގައުމަށް ނާދެވުނު ނަމަވެސް މުދާ އުފުލާ އުޅަނދުފަހަރަށް މުދާ ބޭލުމާއި މުދާ އެރުވުމުގެ ހުއްދަ އޮންނާނެކަމަށް ޖެސިންޑާ ވިދާޅުވިއެވެ. އަދި މަސްބޯޓު ފަހަރަށްވެސް އެގައުމަށް އާދެވޭނެ ކަމަށް ބޮޑު ވަޒީރު ވަނީ ވިދާޅުވެފައެވެ.
މިމަހު އެގައުމުގައި ވައިރަސް ޖެހިފައިވާ ހުރިހާ އެންމެން ރަނގަޅުވެފައިވާކަން އިއުލާންކުރި ފަހުން ވަނީ ނުވަ މީހަކު ވައިރަސްއަށް ޕޮޒިޓިވްވެގެން ވަނީ ރިޕޯޓްކޮށްފައެވެ. އެއާއެކު އަނެއްކާވެސް ނިއު ޒިލެންޑްގައި ވައިރަސް ފެތުރިގެން ހިނގައިދާނެކަމުގެ ބިރު ހީވެފައިވީ ނަމަވެސް އެގައުމުގެ ސިއްހީ އޮފިޝަލުން ބުނާގޮތުގައި ވައިރަސް ފެނިފައިވަނީ އެގައުމަށް އެތެރެވެފައިވާ މީހުންގެ ގައިން ކަމަށްވާއިރު ގައުމަށް އެތެރެވާ ކޮންމެ މީހަކު ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަންޖެހޭނެތީ އަލުން ވައިރަސް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރެއް ނެތެވެ.