ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް އެޅުމަށް ސްޕެއިންގައި އަޅާފައިވާ ސްޓޭޓް އޮފް އެމަރޖެންސީ ނިމުމަކަށް އައުމާއެކު އެގައުމުގެ ބޯޑަރުތައް ހުޅުވާލައިފި އެވެ.
ސްޕެއިންގެ ބޯޑަރުތައް މިވަގުތު ހުޅުވާލާފައިވަނީ ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށެވެ. ޕޯޗުގަލް ފިޔަވައި އެހެން ގައުމުތަކުގެ ރައްޔިތުން ސްޕެއިންއަށް އައުމުގެ ފުރުސަތު ހުޅުވާލިއިރު މިއާއެކު ސްޕެއިންގެ ފަތުރުވެރިކަންވެސް ފެށިގެންދާނެ އެވެ. އެގޮތުން އިނގިރޭސިވިލާތުން އަންނަ ފަތުރުވެރިން ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަން ނުޖެހޭނެކަމަށް ހޮނިހިރު ދުވަހު އެގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ.
މީގެއިތުރުން ސްޕެއިންގެ ރައްޔިތުންނަށް އެގައުމުގެ އެއްތަނުން އަނެއްތަނަށް ދަތުކުރުމުގެ ފުރުސަތު އާދިއްތަ ދުވަހުން ފެށިގެން މިވަނީ ލިބިގެން ގޮސްފަ އެވެ. އެއާއެކު މަރޗް މަހުގެ 14 ވަނަ ދުވަހުން ފެށިގެން ގެއިން ބޭރަށް ނިކުމެ އެއްތަނުން އަނެއްތަނަށް ދަތުކުރުމުގެ ފުރުސަތު ލިބިފައިނެތް އެގައުމުގެ ރައްޔިތުންނަށް ރަހުމަތްތެރިންނާއި ގާތްތިމާގެ މީހުންގެ ގޭގެއަށް ޒިޔާރަތްކުރުމުގެ ފުރުސަތު މިވަނީ ލިބިގެންގޮސްފަ އެވެ.
މީހުންނަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދިޔަ ނަމަވެސް މާސްކު އެޅުމަށް ވަނީ އަންގާފަ އެވެ.
ބޯޑަރުތައް ހުޅުވާލާ ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދިޔުމާއެކު ގިނަ ބަޔަކު ވަނީ އެމީހުންގެ ލޯބިވާ މީހުން ކައިރިއަށް ދަތުކުރަން ފަށާފަ އެވެ. ސްޕެއިންނަށް އަންނަ ހުރިހާ ފަސިންޖަރުންގެ ޓެމްޕަރޭޗަރ ޗެކްކުރުމަށް ހަމަޖެހިފައިވާއިރު ކޮންމެ މީހަކުވެސް އެމީހަކު އައި ތަނަކާއި ސްޕެއިންގެ ތެރޭގައި އެމީހުން ދާނެތަންތަނާއި އުޅޭނެ ތަންތަނުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ދޭންޖެހޭނެ އެވެ.
ސްޕެއިންގެ ބޯޑަރު ޕޯޗުގަލް އަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 1 ވަނަ ދުވަހު އެވެ.
ސްޕެއިންގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 245،000 އަށް އަރާފަ އެވެ. އަދި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 28،000 ށް ވުރެ މައްޗަށް އަރާފަ އެވެ.