ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މުޅި ސައުދީ އަރަބިއްޔާގައި ކުރިޔަށް ގެންދިޔަ ކާފިއު ތިން މަސް ދުވަސް ފަހުން ޖޫން މަހުގެ 21 ވަނަ ދުވަހު ނިމުމަކަށް ގެންނާނެކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުނެފި އެވެ.
އިންޓީރިއާ މިނިސްޓްރީ އާ ހަވާލާދީ އެގައުމުގެ ދައުލަތުގެ މީޑިޔާއިން ބުނެފައިވަނީ އާދިއްތަ ދުވަހު ކާފިއު ނިމުމަކަށް ގެންނައިރު ވިޔަފާރިތައް ހުޅުވާލުމަށް މީގެކުރިން އަޅާފައިވާ ފިޔަވަޅުތައްވެސް ނިމުމަކަށް ގެންނާނެ ކަމަށެވެ.
ކާފިއު އުވާލިނަމަވެސް އަދިވެސް އަޅުކަންކުރުމާއި ބައިނަލްއަގްވާމީ ދަތުރުތައް ކުރުމާއި މީހުން އެއްވެ އުޅުމުގައި ވަނީ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ފަންސާސް މީހުންނަށް ވުރެ ގިނައިން އެއްވެސް ތާކަށް އެއްވެ ނޫޅެވޭނެކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުނެ އެވެ.
ސައުދީ އަރަބިއްޔާގެ ރަސްކަމުގެ ދަރުބާރުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ކާފިއު އިއުލާންކުރީ މަރޗް މަހު އެވެ. ބައެއް ހިސާބުތަކުގައި 24 ގަޑިއިރުވެސް ވަނީ ކާފިއު ހިންގާފަ އެވެ.
މެއިމަހު އެގައުމުން ވަނީ ފިޔަވަޅުތަކަށް ލުއިތައް ދިނުމަށް ތިން ފޭސް އެއް އެކުލަވާލާ އިއުލާންކޮށްފަ އެވެ. އޭގައިވާގޮތުން ޖޫން މަހުގެ 21 ވަނަ ދުވަހު ސައުދީ އަރަބިއްޔާގައި އިއުލާންކޮށްފައިވާ ކާފިއު ނިމުމަކަށް ގެންނާނެ އެވެ.
މެއި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދޭންފެށުމާއެކު ވައިރަސްޖެހޭ މީހުންގެ ނިސްބަތް ފާއިތުވި ހަފްތާތަކުގައި ވަނީ އިތުރު ވެގެންގޮސްފަ އެވެ.
މިހާތަނަށް އައިއިރު ސައުދީ އަރަބިއްޔާގައި ވަނީ 154،223 (އެއް ލައްކަ ފަންސާސް ހަތަރު ހާސް ދުއިސައްތަ ތޭވީސް) މީހަކަށް ކޮވިޑް-19 ޖެހިފަ އެވެ. އަދި 1230 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ. ސައުދީ އަރަބިއްޔާއަކީ ހަ ގައުމު ހިމެނޭ ގަލްފު ސަރަހައްދުގައި އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ.
ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސައުދީން ވަނީ މިއަހަރުގެ ހައްޖުގެ އަޅުކަމަށް އެގައުމަށް އާދެވޭނެ ހައްޖާޖީންގެ އަދަދުވެސް ވަކި މިންވަރެއްގައި ހިފަހައްޓާފައެވެ. އާންމު ގޮތެއްގައި 2.5 މިލިއަން މީހުން ސައުދީ އަރަބިއްޔާއަށް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުންދެ އެވެ. މަރޗް މަހު ސައުދީ އަރަބިއްޔާއިން ވަނީ އުމްރާގެ އަޅުކަން އަދާކުރުމަށް އެގައުމަށް އަންނަ މީހުން އައުން މެދުކަނޑާލާފަ އެވެ.