ޗައިނާގެ ވެރިރަށް ބެއިޖިންގ ކޮވިޑް-19 ހަލުވި މިނެއްގައި ފެތުރެމުންދާތީ، އެ އަވަށުގެ ޔުނިވަރސިޓީ ކޮލެޖް އަދި ސްކޫލުތައް ދެވަނަ ފަހަރަށް ބަންދު ކޮށްފިއެވެ.
މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ބުދަ ދުވަހު އެކަނި ވެސް ބެއިޖިންގ ކޮވިޑް-19އަށް ޕޮޒިޓިވްވި 31 ކޭސްއެއް ރިޕޯޓު ކޮށްފައެވެ. ޗައިނާގެ ފުރަތަމަ އައުޓް ބްރޭކް މިހާރު ކޮންޓްރޯލް ކުރެވިފައިވާއިރު، ބެއިޖިންގައި ކޮވިޑް-19 ފެތުރެމުންދާތީ ދެވަނަ އައުޓް ބްރޭކެއް އައިސްދާނެކަމުގެ މުރާސިލުން އަންނަނީ ބުނަމުންނެވެ.
ދެވަނަ އައުޓްބްރޭކްގައި، ބުދަ ދުވަހުގެ ނިޔަލަށް 137 ކޭސްއެއް ވަނީ ރިޕޯޓުކޮށްފައިވާ ކަމަށް އެސިޓީގެ ހެލްތް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި ކްލަސްޓާއަކާ ގުޅުން ހުރި ދިހަހާސް މީހުން ފާހަގަކުރެވިފައިވާ ކަމަށެވެ.
ރައްކާތެރިވުމުގެ ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ކޮވިޑް-19އަށް ހައި ރިސްކް އަދި މީޑިއަމް ރިސްކް ކެޓަގަރީގެ މީހުން ދަތުރު ކުރުމުގެ ސަމާލެއް ނެރިފައެވެ. އަދި ސްކޫލްތައް ބަންދުކޮށް އޮންލައިން ކްލާސްތައް ކުރިއަށް ގެންދިއުމަށް މިހާރު ބެއިޖިންގ ސްކޫލުތަކުން ވަނީ ނިންމާފައެވެ.
ކޮވިޑް-19އާ ގުޅިގެން ބެއިޖިންގެ އެއާޕޯޓްތައް ބަންދުކޮށް އެސިޓީން ބޭރަށް ދަތުރުކުރުން ވަނީ މަނާ ކޮށްފައެވެ. އެއާޕޯޓްތައް ބަންދުކުރުމާ ގުޅިގެން ބުދަ ދުވަހުގެ ނިޔަލަށް 1255 އަށް ވުރެ ގިނަ ފްލައިޓްތައް ކެންސަލް ކޮށްފައިވެއެވެ. އަދި ގްރޫޕް ކުޅިވަރުތައް ބޭއްވުން މަނާކޮށް ގިނަ މީހުން އުޅޭ ތަންތަނުގައި މާސްކް އެޅުން ވަނީ މަޖްބޫރުކޮށްފައެވެ.
ބެއިޖިންގެ ހޯލްސޭލް މާރުކޭޓަކުން ކޮވިޑް-19 ފެތުރެން ފެށުމާއެކު މިހާރު ބެއިޖިންގެ 11 މާރުކޭޓެއް ވެސް ބަންދުކޮށްފައިވެއެވެ. ރިޕޯޓުތައް ބުނާ ގޮތުން ބެއިޖިންގެ މީހުން ދިރިއުޅެމުންދާ 30 ސަރަހައްދެއް ލޮކްޑައުން ކޮށްފައިވާއިރު، ޗައިނާގެ އެހެން ޕްރޮވިންސަތަކަށް ބެއިޖިންގއިން ދާ މީހުން ކަރަންޓީން ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.