ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ނުފެންނަތާ 24 ދުވަސް ފަހުން ނިއު ޒިލެންޑުން ދެމީހަކު ވައިރަސް އަށް ޕޮޒިޓިވް ވެއްޖެއެވެ.
ޕޮޒިޓިވްވެފައިވަނީ އިނގިރޭސިވިލާތުން ނިއު ޒިލެންޑަށް ދިޔަ ދެ މީހުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެއް އާއިލާއަކަށް ނިސްބަތްވާ މި ދެމީހުންނަށް ނިއުޒިލެންޑަށް އެތެރެވުމަށް ޚާއްސަ ހުއްދައެއް ދީފައި ވަނީ އެމީހުންގެ މަންމަގެ ހާލު ދެރަވެގެން މަންމަ އަށް ގޮވާލަން ދިއުމަށެވެ.
އުމުރުން 30 އަދި 40 ގެ އަހަރުތަކުގެ މި ދެ އަންހެނުން އިނގިރޭސިވިލާތުން ނިއު ޒީލެންޑަށް ގޮސްފައިވަނީ މިހިނގާ ޖޫން މަހުގެ 7 ވަނަ ދުވަހުއެވެ. އޯކްލޭންޑްގެ ހޮޓެލްއެއްގައި ކަރންޓީންގައި ތިބުމަށްފަހު ޖޫން މަހުގެ 12ގައި، މަންމަގެ ހާލު ދެރަވުމާއި ގުޅިގެން ޚާއްސަ ހުއްދައަކަށް ވަނީ އެދިފައެވެ. އަދި ހަމަ އެރޭ އެ މީހުންގެ މަންމަ ވަނީ މަރުވެފައެވެ. އެމީހުންނަށް ވެލިންޓަނަށް ދަތުރުކުރެވިފައިވަނީ ޖޫން މަހުގެ 13 ގައެވެ.
އެ ދެ މީހުންގެ ތެރެއިން އެކެއްގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ "މައިލްޑް" އަލާމާތްތަކެއް ފެނިފައިވާ ކަމަށާއި ނަމަވެސް އެއީ ކުރިން ހުރި އަލާމަތްތަކެއް ކަމަށް ނިންމާ އެމީހުން އެއިރު ޓެސްޓް ކޮށްފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ މީހުން ވެލިންޓަނަށް ދަރުތުކޮށްފައިވަނީ އަމިއްލަ ވެހިކަލެއްގައި ކަމަށް ނިއުޒީލެންޑުގެ ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތު ޑރ. އޭޝްލީ ބްލޫމްފީލްޑް ވަނީ ވިދާޅުވެފައެވެ.
ވެލިންޓަންގައި އެމީހުން ތިބީ އާއިލާގެ ކައިރީގައި ކަމަށާއި އާއިލާގެ އެންމެން މިހާރު ތިބީ ސެލްފް އައިސޮލޭޝަންގައެވެ. ކަރަންޓީނުގައި ހުންނަ މީހަކު ޚާއްސަ ހާލަތެއްގައި ވެސް ދެން ދޫކޮށްލާނީ ޓެސްޓްކޮށް ނެގެޓިވްވުމުން ކަމަށް ބްލޫމްފީލްޑް ވަނީ ވިދާޅުވެފައެވެ.
ޖޫން 8 އިން ފެށިގެން ނިއު ޒީލެންޑަށް ދަތުރުކުރާ އެންމެން ދަނީ ކޮވިޑް-19 އަށް ޓެސްޓް ކުރަމުންނެވެ. އަދި 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަން ޖެހެއެވެ. ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 8 ވަނަ ދުވަހާ ހަމައަށް ނިއުޒިލެންޑް ގައި ކޮވިޑް-19 ޖެހިފައި ވަނީ 1154 މީހުންނަށެވެ. ވައިރަސް ޖެހިގެން އެޤައުމުގައި މަރުވެފައި ވަނީ 22 މީހުންނެވެ.