ދުނިޔޭގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 8 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.
އެއާއެކު ލެޓިން އެމެރިކާ އާއި އެމެރިކާ އަދި ޗައިނާއިން އަންނަނީ އިތުރު ކޭސްތަކެއް ފެންނަމުންނެވެ. މިވަގުތު ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަނީ އެމެރިކާއެވެ. އެއީ ދެ މިލިއަނަށްވުރެ ގިނަ މީހުންނެވެ. މުޅި ދުނިޔެއިން ވައިރަސް ޖެހިފައިވާ މީހުންގެ 25 އިންސައްތަ ހިއްސާކުރަނީ އެމެރިކާއެވެ.
އެހެންނަމަވެސް ހަލުވިކަމާއެކު މިވަގުތު ވައިރަސް ފެތުރެމުން އަންނަނީ ލެޓިން އެމެރިކާގެ ގައުމުތަކުގަ އެވެ. އެއީ 21 އިންސައްތައިގެ ކޭސްއެވެ. ބްރެޒިލް އަކީ ދެވަނައަށް އެންމެ ގިނަ އަދަދަކަށް މީހުންނަށް ވައިރަސް ޖެހެމުންދާ އަދި ވައިރަސް ޖެހިގެން މަރުވަމުންދާ ގައުމެވެ. މިވަގުތު ދުނިޔޭގައި އެންމެ ހަލުވިމިނުގައި ވައިރަސް ފެތުރެމުންދާ އެއް ގައުމެވެ.
ކޮވިޑް-19 ގެ ފުރަތަމަ ކޭސް ޗައިނާއިން ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހު ފެނުނުއިރު ހަތަރު މިލިއަނަށް ވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އަރާފައިވަނީ މެއި މަހުގެ ކުރީކޮޅުއެވެ. އެހެންނަމަވެސް ފަސް ހަފްތާގެ ތެރޭގައި މިވަނީ އެއަދަދު ދެގުނަވެ އަށް މިލިއަނަށް އަރާފައެވެ. ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 434،000 ށް އަރާފައެވެ.
ބްރެޒިލްގައި ވައިރަސް ޖެހިގެން މަރުވެފައިވާ މީހުންގެ އަދަދު ވަނީ 44،000ށް އަރާފައެވެ. އެހެންނަމަވެސް ސިއްހީ މާހިރުން ލަފާކުރާގޮތުގައި ލެޓިން އެމެރިކާގެ ގައުމުތަކުގައި ޓެސްޓް ކުރެވޭ މިންވަރު މަދުވުމުގެ ސަބަބުން ވައިރަސް ފެތުރޭ މިންވަރު ދެނެގަތުމަށް ވަނީ ދަތިތައްދިމާވެފައެވެ. އެހެންކަމުން މިހާރު މިފެންނަ އަދަދުތަކަށްވުރެ ގިނަ ބަޔަކަށް ވައިރަސް ޖެހި މަރުވެފައިވާނެ ކަމަށް ސިއްހީ މާހިރުން ގަބޫލުކުރެއެވެ.
ވައިރަސް ޖެހިގެން އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެގެން ރިޕޯޓްކުރަމުން އަންނަ އެމެރިކާގައި މަރުވެފައިވަނީ 116،000 މީހުންނެވެ. އެހެންނަމަވެސް އެގައުމުގައިވެސް އަދިވެސް އަންނަނީ ޓެސްޓްކުރެވޭ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ.
ވައިރަސް ފެތުރޭ މިންވަރު ފާއިތުވި ހަފްތާތަކުގައި ދަށަށް ދިޔުމަށްފަހު އެމެރިކާގެ ބައެއް ހިސާބުތަކުން އަނެއްކާވެސް އަންނަނީ ކޭސްތައް ފެންނަ މިންވަރު މައްޗަށް ޖެހެމުންނެވެ. އަދި ދެ ވަނަ ވޭވެއް އަތުވެދާނެކަމުގެ ބިރު ހީވެފައިވާއިރު އެމެރިކާގެ ބައެއް ހިސާބުތަކުގައި އަދިވެސް ފުރަތަމަ ވޭވުން ވަނީ ސަލާމަތްނުވެފައެވެ. އެހެންކަމުން އެމެރިކާގެ ސިއްހީ މާހިރުން އަންނަނީ އާންމުން ބޭރަށް ނިކުމެ އުޅޭއިރު މާސްކު އެޅުމަށް ބާރު އަޅަމުންނެވެ. އަދި ގިނަ މީހުން އެއްވެ ނޫޅުމަށާއި އިޖުތިމާޢީ ގައިދުރުކަން ގެންގުޅުމަށް އަންނަނީ ބާރު އަޅަމުންނެވެ.
އަނެއްކޮޅުން އެންމެ ފުރަތަމަ ކޮވިޑް-19 ފެނުނު ޗައިނާއިން އަލުން އިގްތިޞާދު ހުޅުވާލުމަށް މަސައްކަތްތައް ކުރަމުންދާއިރު އައު ކޭސްތަކެއް ވަނީ ފެންނަންފަށާފައެވެ. ވަކިން ޚާއްސަކޮށް ޗައިނާގެ ވެރިރަށް ބެއިޖިންގ އިން ކޭސްއެއް ނުފެނި ދެ މަސްދުވަސް ފާއިތުވުމަށްފަހު ވަނީ ގިނަ އަދަދެއްގެ ކޭސްތަކެއް ފެންނަން ފަށާފައެވެ.