ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވާ ގައުމަކަށް ބްރެޒިލް ވެއްޖެ އެވެ.
ބްރެޒިލްގައި މިވަގުތު ވައިރަސް ޖެހިގެން މަރުވެގެން ރިޕޯޓްކުރަމުން އަންނަނީ 41,901 އެވެ. މީގެކުރިން ދެ ވަނަ އަށް އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓްކުރަމުން އައީ އިނގިރޭސިވިލާތުންނެވެ. ނަމަވެސް ބްރެޒިލް އިން ވަނީ ހުކުރު ދުވަހު ދެވަނަ އަށް އެންމެ ގިނަ އަދަދެއްގެ މީހުން ވައިރަސް ޖެހިގެން މަރުވަމުންދާ ގައުމަށްވެފަ އެވެ. ބްރެޒިލްއަކީ މިވަގުތު ދެ ވަނަ އަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުންދާ ގައުމުވެސްމެ އެވެ.
ބްރެޒިލްގެ އަދަދުތައް މަތިނަމަވެސް އެގައުމުގެ ސިއްހީ ނިޒާމަށް ނުކަތާވަރަށް ވައިރަސް ފެތުރިގެން ނުދާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ވަނީ ބުނެފަ އެވެ. ޑަބްލިޔުއެޗްއޯގެ އެމަރޖެންސީ އެކްސްޕަރޓް ޑރ މައިކް ރިޔާން ވިދާޅުވީ ބްރެޒިލްގައި 80 އިންސައްތަ އަށްވުރެ މަތިން އައިސީޔޫގެ އެނދުތައް ބޭނުން ކުރަމުންދަނީ މަދު ހިސާބުތަކެއްގައި ކަމަށެވެ.
ބްރެޒިލްގައި ހަލުވިކަމާއެކު ވައިރަސް ފެތުރެމުންދަނީ އާބާދީ ބޮޑު ހިސާބުތަކުގަ އެވެ. އެހެންނަމަވެސް ޑރ މައިކް ވިދާޅުވީ ބްރެޒިލްގެ ސިއްހީ ނިޒާމަށް މިހާރު ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އެދާ އަދަދުތަކަށް ފަރުވާ ދެވޭނެ ކަމަށެވެ.
ބްރެޒިލްގައި މިހާރު 829,902 (އަށްލައްކަ ނަވާވީސް ހާސް ނުވަސަތޭކަ ދެ) މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ.
ޑރ މައިކް ވިދާޅުވީ މިވަގުތު ފެންނަން ހުރި އަދަދުތަކަށް ފަރުވާދެވޭނެ އިންތިޒާމުތައް ހަމަޖެހިފައިހުރި ނަމަވެސް ބޮޑުވަރުވާ މީހުންނަށް ފަރުވާ ދިނުމުގައި ދަތިތަކާދިމާވަމުންދާ ކަމަށެވެ. ބްރެޒިލްގެ ރައީސް ޖައި ބޮއިސޮލަނާރޯ ގެންދަވަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތަކަށް ލުއިތައް ދެއްވަމުންނެވެ. އެއާއެކު މީހުންތައް ވަނީ ފިހާރަތަކާއި އެނޫންވެސް ތަންތަން ފުރާލާފަ އެވެ.
އިޖުތިމާޢީ ގައިދުރުކަމާއި މާސްކު އެޅުންފަދަ ފިޔަވަޅުތަކާއެކު މީހުން ފިހާރަތަކުގައި ތިބިއިރު ބްރެޒިލްގެ 52 އިންސައްތަ މީހުން ވަނީ ފިޔަވަޅުތަކަށް ލުއިތައް ދިނުމަށް ތާޢީދުކޮށްފަ އެވެ. 44 މީހުން ބުނެފައިވަނީ ފިޔަވަޅުތަކަށް ލުއި ދިނުމަށް ދެކޮޅު ކަމަށެވެ. އަދި 61 އިންސައްތަ މީހުން ގަބޫލުކުރާ ގޮތުގައި އަދިވެސް ހާލަތު ގޯސްވާނެ އެވެ.