ކޮވިޑް-19 އިން ރައްކާތެރިވުމަށް އަމަލުކުރުމަށް އަންގާފައިވާ އެންގުންތަކަށް ކިޔަމަންނުވާނަމަ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ކުރީގައި އަޅާފައިވާ ފިޔަވަޅުތައް އަލުން އަޅާނެކަމަށް އެގައުމުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.
އޭޕްރީލް މަހުގެ މެދު ތެރެއިން ފެށިގެން އިރާނުން އަންނަނީ ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދެމުންނެވެ. ނަމަވެސް ފާއިތުވި ހަފްތާތަކުގައި އެގައުމުގައި ވައިރަސް ޖެހޭ މީހުންގެ އަދަދުތައް ވަނީ މައްޗަށް ދާންފަށާފަ އެވެ.
ރޫހާނީ ޓީވީ މެދުވެރިކޮށް ވާހަކަ ދައްކަވަމުން ވިދާޅުވީ މީގެ މަސްދުވަސް ކުރިން އެގައުމުގައި ރައްޔިތުން ސިއްހީ ގޮތުން އަމަލުކުރަންޖެހޭ ކަންކަމަށް އަމަލުކޮށްފައިވާ ނިސްބަތް އުޅެނީ 80 އިންސައްތައަށްވުރެ މަތީގައި ކަމަށެވެ. ނަމަވެސް މިހާރު އެއިންސައްތަ އުޅެނީ 20 ށް ވުރެ ދަށުގައި ކަމަށް ރޫހާނީ ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ވައިރަސް ފެތުރެމުންދާއިރު ރޫހާނީ ވަނީ ކުރިން ވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ހިސާބުތަކަށް މިހާރު ވައިރަސް ފެތުރެމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން ދަތުރުކުރާ މީހުންގެ ސަބަބުން އެސަރަހައްދުތަކަށް ވައިރަސް ފެތުރޭ ކަމަށް ރޫހާނީ ވިދާޅުވި އެވެ.
ހޮނިހިރު ދުވަހު އެގައުމުގައި އަލަށް 2410 މީހުންނަށް ވަނީ ވައިރަސް ޖެހިފައެވެ. އިރާންގައި ވައިރަސް ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދަކީ މިހާރު 184،955(އެއްލައްކަ އަށްޑިހަ ހަތަރުހާސް ނުވަސަތޭކަ ފަންސާސް ފަސް) ކެވެ. ފާއިތުވި 24 ގަޑިއިރު 71 މީހުން މަރުވެފައިވާއިރު ވައިރަސް ޖެހިގެން މިހާތަނަށް 8730 މީހުން ވަނީ މަރުވެފަ އެވެ.
ރޫހާނީ ވަނީ ގިނައިން މީހުން އެއްވެގެން ނަމާދު ކުރަމުންދާ ތަންތަނުގައި އެކަށީގެންވާ ވަރަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. މީހުންގެ ފަރާތުން އެއްބާރުލުން ނުލިބޭނަމަ އަނެއްކާވެސް ޖެހޭނީ ފިޔަވަޅުތައް ވަރުގަދަކުރަން ކަމަށް ރޫހާނީ ވިދާޅުވި އެވެ. އަދި ވިޔަފާރިތައް ހުޅުވާލާ ގައުމު ހުޅުވާލުމަށް ސިއްހީ ގޮތުން ތަބާވާން ޖެހޭ ކަންކަމަށް ހުރިހާ ރައްޔިތުންވެސް ތަބާވާންޖެހޭކަމަށް ރޫހާނީ ވިދާޅުވި އެވެ.