އިންޑިއާގައި ހަލުހިމިނެއްގައި ކޮވިޑް-19 ފެތުރި ގިނަ ބަޔަކު މަރުވަމުންދާއިރު، މިމަސް ނިމޭއިރު ނިއު ދިއްލީގެ މުސްލިމުން ވަޅުލާ ސަހަރާގައި ޖާގަ ހުސްވެދާނެ ކަމުގެ އިންޒާރު ދީފިއެވެ.
ގްރެވިއާޑް މެނޭޖްމެންޓް ކޮމެޓީއާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ދިއްލީއާ ކައިރި ސަރަހައްދެއް ކަމަށްވާ ދަރިޔާޖަމްޖް ކޮންމެ ދުވަހަކުވެސް ކޮވިޑް-19ށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން މަދުވެގެން 10 ނުވަތަ 12 މަރުވެގެން ވަޅުލާ ކަމަށެވެ.
މަރުވާ މުސްލިމުން ވަޅުލުމަށް ޚާއްސަ މިސަހަރާގައި އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް 300ށްވުރެ ގިނަ މީހުން މަރުވެ، ވަޅުލާފައިވާ ކަމަށެވެ. އަދި މިސަހަރާއަކީ 150-100ގެ މީހުން ވަޅުލުމުގެ ޖާގަ އޮތް ތަނެއްކަންވެސް ފާހަގަކޮށްފައިވެއެވެ. މި މީހުންގެ ހަށިގަނޑު ވަޅުލާފައިވަނީ ކޮވިޑް-19ގައި މީހުން ވަޅުލުމަށް ކަނޑައަޅާފައިވާ ކޮވިޑް-19ގެ ޕްރޮޓޮކޯލްގެ ތެރެއިންކަމަށްވެސް ގްރެވިއާޑް މެނޭޖްމެންޓް ކޮމެޓީން ބުނެއެވެ.
ގްރެވިއާޑް މެނޭޖްމެންޓް ކޮމެޓީގެ މެމްބަރު މަސްރޫރު ސިއްދީގު ވިދާޅުވެފައިވަނީ ދިއްލީގައި މުސްލިމުންގެ ހަށިގަނޑުތައް ވަޅުލާ ސަހަރާތައް ފުރުނުކަމުގައި ވިޔަސް ކޮވިޑް-19ގައި މަރުވާ މީހުންގެ ހަށިގަނޑު އެހެން ސަރަހައްދެއްގެ ސަހަރާއަށް ގެންދިއުމުގެ ހުއްދަ ވެސް ނުލިބޭ ކަމަށާއި، މިހާރު ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
ދެއްލީގެ ވަގުފް ބޯޑުގެ އޮފިޝަލެއް ވިދާޅުވީ ދިއްލީގެ މަންގޯލްޕޫރި، ޑްވާރްކާ، ކާދަރް އަދި ގާޒީޕޫރު ސަރަހައްދުގެ ސަހަރާތަކުގައި ކޮވިޑް-19ގައި މަރުވާ މީހުން ވަޅުލުމުގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
އިންޑިއާގައި ހަލުހި މިނެއްގައި ކޮވިޑް-19 ފެތުރެމުންދާއިރު، ދިއްލީން އެކަނި ވެސް ބުރާސްފަތި ދުވަހުގެ ނިޔަލަށް 2098 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެ މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
އިންޑިއާގައި ރިޕޯޓް ކުރަމުން އަންނަ ކޭސްތައް އިތުރުވުމާއެކު އިންޑިއާ ވަނީ މުޅި ދުނިޔޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ލިސްޓުގެ ހަތަރު ވަނައަށް އަރާފައެވެ. މިހާތަނަށް އައި އިރު އިންޑިއާއިން ވަނީ 3 ލައްކައާއި ގާތްކުރާ އަދަދަކަށް މީހުން ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައެވެ. އަދި 8000ށް ވުރެ ގިނަ މީހުން އެގައުމުން ވަނީ މަރުވެފައެވެ.
އިންޑިއާގައި ބަލި ފެތުރެމުން އަންނަ މިންވަރު އިތުރުވުމާއެކު އެގައުމުގައި މިހާތަނަށް ރިޕޯޓްކޮށްފައިވާ ކޭސްތަކަށްވުރެ ކޭސްތައް އިތުރުވާނެކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ސަބަބެއްކަމަށް ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ބުނެފައިވަނީ އިންޑިއާގައި ޓެސްޓް ކުރެވޭ މިންވަރު ނިސްބަތުން ދަށް ކަމަށެވެ.