ކ. މާލެ
|
14 ޖޫން 2020 | އާދީއްތަ 21:12
ނަމާދަށްފަހު މީހަކު ދުޢާ ކުރަނީ
ނަމާދަށްފަހު މީހަކު ދުޢާ ކުރަނީ
މުހައްމަދު ޝަރުހާން
ދުޢާ ކުރުން
ނަމާދަށް ފަހުގައި ދުޢާ ކުރުމާއި ދުޢާގައި އަތް އުފުލުމާއި މޫނުގައި ފިރުމުން
ދުޢާ އަކީ އަޅުކަމުގެ ސިކުނޑި
ސިކުނޑިއަކާ ނުލައި އިންސާނަކަށް ނުވާފަދައިން އަޅުކަން އަޅުކަމަކަށް ވާނީ އެއާއެކު ދުޢާކުރުން ޝާމިލުވެގެން

މިހާރަކަށް އައިސް މާގިނައިން ކުރެވެމުންދާ ސުވާލެކެވެ. މީސްމީޑިޔާގެ ފަލަސުރުޚީގައި ކުޅެމުންދާ ބަސްތަކެކެވެ. ފަރުޟު ނަމާދަށް ފަހުން ދުޢާ ކުރުން އޮވޭހެއްޔެވެ؟ ދުޢާ ކުރާއިރު ދެ އަތް އުފުލުމަކީ ސުންނަތެއްހެއްޔެވެ؟ ދުޢާކުރުމަށްފަހު މޫނުގައި އަތްއެޅުމަކީ ބިދުޢައެކޭ ބައެއް މީހުން އެބަބުނެއެވެ. އެއީ ޙަޤީޤަތެއް ހެއްޔެވެ؟

އިސްލާމް ދީނުގެ ކަންތައްތަކަކީ ދީނުގައި ވަރަށް ސާފުކޮށް ސާބިތުވާންހުރި ކަންތައްތަކެވެ. ޤުރުއާނާއި ކީރިތި ރަސޫލާ އަރިހުން ސާބިތުވެ ސަލަފުއްޞާލިޙުންގެ ދުވަސްވަރުން ފެށިގެން އެއަށް ޢަމަލުވަމުން އަންނަ ސުންނަތުގެ އަލީގައެވެ. ހަމައެއާއެކު އަޅުކަމުގެ ބައެއް ކަންކަމަކީ ލޮބުވެތި ރަސޫލާގެ އަޞްޙާބު ބޭކަލުންނާއި ސަލަފުއް ޞާލިޙުންގެ ދުވަސްވަރުން ފެށިގެން އެއްޖީލުން އަނެއް ޖީލަށް ނަގުލުވަމުން އެކަންކަމުގެ މައްޗަށް ތަވާތުރުކޮށް މުސްލިމުން ޢަމަލުކުރަމުން އަންނަ ކަންކަމެވެ. މިފަދަ ކަންކަމަކަށް ނުވަތަ އެއިންކަމަކަށް މިޒަމާނުގެ ބޭފުޅަކަށް ޙަދީޘަކުން ނެރެވޭ މާނައަކާހުރެ ޢަމަލުވަމުން އައި ގޮތް ބަދަލު ކުރުމަކީ ދީން އެކަންކަމަށް ތަރްޙީބުދޭ ކަމެއް ނޫނެވެ. މިސާލަކަށް ނަމާދުން ސަލާމް ދިނުމަށްފަހު ދުޢާ ކުރުން ނުވަތަ ދުޢާ އަށް އަތް އުފުލުމުގެ މައްސަލައެވެ.

އަޅުކަމުގެ ސިކުނޑިއަކީ ދުޢާއެވެ.

ދުޢާ އަކީ އަޅުކަމުގެ ސިކުނޑިއެވެ. އިންސާނާ ސިކުނޑިއަކާ ނުލައި އިންސާނަކަށް ނުވާފަދައިން އަޅުކަން އަޅުކަމަކަށް ވާނީ އެއާއެކު ދުޢާ ކުރުން ޝާމިލުވެގެންނެވެ. އަޅުކަމަކީ ދުޢާ ކުރުމެވެ. ތިމާގެ ހިތާއި ސިކުނޑިން ﷲގެ ޙަޟުރަތަށް ކުއްތަންވުމެވެ. އިމާމު އަބޫދާއޫދާއި ތިރްމިޛީ ސައްޙަ ސަނަދުން، މާތް ﷲ ރުއްސުންލެއްވި ނުޢުމާނު އިބްނި ބަޝީރުގެ ކިބައިން ރިވާކުރަށްވާފައި ވެއެވެ. ކީރިތި ރަސޫލާ ޙަދީޘު ކުރެއްވިއެވެ. [الدُّعَاءُ هُوَ الْعِبَادَةُ] މާނައީ: އަޅުކަމުގެ ޙަޤީޤަތަކީ ދުޢާ އެވެ. އެހެންކަމުން މިސާލަކަށް ނަމާދަށް ބަލާއިރު ނަމާދަށް ފެށުމުގެ ކުރިންނާއި ނަމާދުގެ ތެރޭގައްޔާއި ސަލާމް ދިނުމަށްފަހު ތިމާ މިސްކިތުން ނިކުންނަންދެން ދުޢާ ކުރުމަށް ވަނީ ކީރިތި ރަސޫލާގެ އަރިހުން އިރުޝާދުތައް އައިސްފައެވެ.

އިމާމު ނަވަވީ އެކަލޭގެފާނުންގެ ފޮތެއް ކަމުގައިވާ "އަލްއަޛްކާރު" ގައި ވިދާޅުވެފައި ވެއެވެ. ދަންނާށެވެ! އިހާއިފަހުގެ ޢިލްމުވެރިންނާއި ފިޤުހުވެރިންނާއި މުޙައްދިޘުންގެ ތެރެއިން ޖުމްހޫރު ދަންނަބޭކަލުން އިޚްތިޔާރު ކުރަށްވާފައިވާ މަޛްހަބަކީ ދުޢާކުރުމަކީ މުސްތަޙައްބު ކަމެއް ކަމެވެ. މާތް ﷲ (ޣާފިރު ސޫރަތުގެ 60 ވަނަ އާޔަތުގައި) ވަޙީ ކުރަށްވާފައިވާ ފަދައިންނެވެ. [وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ]މާނައީ: ތިޔަބައިމީހުން ހައްދަވައި ގެންގުޅުއްވާ އިލާހު އެބަ ވަޙީކުރަށްވައެވެ. އޭ އަހުރެންގެ އަޅުތަކުންނޭވެ! އަހުރެންގެ އަރިހުގައި ދަންނަވާށެވެެ. އަހުރެން ތިޔަބައިމީހުންގެ ދުޢާ ޤަބޫލު ކުރަށްވާހުށީމެވެ. އަދިވެސް (އަޢުރާފު ސޫރަތުގެ 55 ވަނަ އާޔަތުގައި) ވަޙީ ކުރަށްވާފައި ވެއެވެ. [ادْعُوا رَبَّكُمْ تَضَرُّعًا وَخُفْيَةً ۚ]މާނައީ: އޭ އަހުރެންގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ތިމާމެން ހައްދަވައި ގެންގުޅުއްވާ އިލާހުގެ ޙަޟުރަތުގައި މަޑުމޮޅިކަމާއި ވަންހަނާކަމާއެކު ދުޢާ ދަންނަވާށެވެ. މިއެވެ. މިފަދަ އާޔަތްތައް ވަރަށް ގިނައެވެ. އަދިވެސް ނަވަވީ ވިދާޅުވެފައި ވެއެވެ. މިކަމާބެހޭގޮތުން ޞައްޙަ، މަޝްހޫރު ގިނަގުނަ ޙަދީޘުތައް ވާރިދުވެފައި ވެއެވެ. އޭގެ ތެރެއިން އެއް ޙަދީޘު މިތާ އަޅުގަނޑު ހާމަކޮށްލާނަމެވެ. އިމާމު ތިރްމިޛީ ޞައްޙަ މަގުން ނެރުއްވާފައި ވެއެވެ. ކީރިތި ރަސޫލާ ޙަދީޘު ކުރެއްވިއެވެ. [لَيْسَ شَيْءٌ أَكْرَمَ عَلَى اللَّهِ تَعَالَى مِنَ الدُّعَاءِ] މާނައީ: އަޅާގެ ކިބައިން ކުރެވޭ ކަންތައްތަކުގެ ތެރެއިން ދުޢާ ކުރުމަށް ވުރެން މާތް ކަމެއް ﷲގެ ޙަޟުރަތުގައި ނުވެއެވެ.

އަޅުކަންތައް އައިސްފައިވަނީ ކީރިތި ރަސޫލާގެ އަރިހުން އެއްޖީލުން އަނެއްޖީލަށް ނަގުލުވަމުން:

މިހާރަކަށް އައިސް އަޑު އިވެމުންދަނީ ފަރުޟު ނަމާދަށްފަހު ދުޢާ ކުރުމެއް ނޯންނަ ކަމަށެވެ. މިއީ އެހެންނާ ސާދަ ޤަރުނު ވަންދެން މުސްލިމުން އެއް ޖީލުން އަނެއް ޖީލަށް ޢަމަލުކުރަމުން ތިމާމެންގެ ސަލަފުއް ޞާލިޙުންނަށް ތަބާވަމުން ނަގުލު ކުރަމުން އައިސްފައިވާ ކަމެކެވެ. މިއަކާ މީހަކު ދެކޮޅުހަދައި އެއަށް ބަޙުސު ކުރެވިފައެއް ނުވެއެވެ. ކީރިތި ރަސޫލާގެ އަރިހުން ވާރިދުވެފައިވާ މަޝްހޫރު ޙަދީޘެއްގައި އައިސްފައި ވެއެވެ. [صَلُّوا كَمَا رَأَيْتُمُونِي أُصَلِّي] (މާނައީ: ތިޔަބައިމީހުން ތިމަން ރަސޫލާ ނަމާދު ކުރެއްވިތަން ތިޔަބައިމީހުންނަށް ފެނުނުގޮތަށް ނަމާދު ކުރަމުންދާށެވެ.) މުސްލިމުން މިއަދާ ހަމައަށް ވެސް ނަމާދު ކުރަމުން އަންނަނީ އަޞްޙާބު ބޭކަލުންގެ ކިބައިން ފެށިގެން އެއްބަޔަކު އަނެއްބައެއްގެ ޢަމަލުތަކަށް ބަލައިގެން ޖީލުން ޖީލަށް ނަގުލު ކުރަމުންނެވެ. ފެންނަން ހުންނަ ކުދި ތަފާތުތަކަކީވެސް ލޮބުވެތި ރަސޫލާގެ އަރިހުން އެތަފާތު ފެންނާން ހުރި ތަފާތުތަކަށްވާތީ އެކަންކަންވެސް ކޮންމެވެސް އެއް ޖަމާޢަތަކުން އަައީ ނަގުލު ކުރަމުންނެވެ. އަޅުކަމުގެ ކަންތައްތަކަކީ ސައިންޓިފިކް ހޯދުމެއްނޫނެވެ. ދެއްކެވިގޮތަށް ކުރަން އޮންނަ ކަންކަމެވެ. އެހެންކަމުން އަޅުކަމުގެ ކަމެއް އަލަކަށް މިއަދަކު ނުފެންނާނެއެވެ. އަދި އެފަދަ ކަމެއް ސާބިތެއްވެސް ނުވާނެއެވެ. އެފަދަ ކަމެއް އަލަށް ސާބިތުކޮށްފިއްޔާ އެކަމެއްވާނީ ބިދުޢައަކަށެވެ. ނުވަތަ ހައްދުފަހަޅައި ދިއުމަކަށެވެ. ނުވަތަ ކުށް އިޖްތިހާދަކަށެވެ. އެފަދަ ކަމަކަށް ތަރްޙީބު ދެވިގެން ނުވާނެއެވެ.

1- ނަމާދުގެ ފަހުން ދުޢާކުރުން:

ކުރިންވެސް ދެންނެވިހެން ނަމާދުގެ އަސްލަކީ ދުޢާ އެވެ. ޢަރަބި ބަހުގައި ނަމާދަށް [الصَّلاَةُ] ކިޔަނީ ވެސް އެކަމާހުރެއެވެ. ނަމާދުގެ ސަޖިދާގައްޔާއި އައްތަޙިއްޔާތުގައި ދުޢާ ކުރުމަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވި ފަދައިން ސަލާމް ދިނުމަށްފަހު ގައި ދުޢާކުރުމަށް ވެސް އިރްޝާދު ދެއްވާފައި ވެއެވެ. ޚުދު އިތުރު އެކަލޭގެފާނު ވަނީ އެގޮތަށް ޢަމަލު ކުރަށްވާފައެވެ. މުސްލިމުން އައީ އެގޮތަށް އެކަން ކުރަމުންނެވެ. ކަމެއް ސާބިތުކުރުމުގައި ދަލީލުގެ ގޮތުގައި ބެލެވޭ ރިވާޔަތެއްގެ ސަނަދު ޞައްޙަ ނުވުމަކީ އެކަމެއް ސާބިތުނުވުމެއް ނޫނެވެ. ނުވަތަ އެކަން ބިދުޢައަކަށްވާ ކަމެއްވެސް ނޫނެވެ. ފަހަރެއްގައި އެއީ ޢިލްމުވެރިިއެއްގެ ތަޙްޤީޤީ ނަޒަރިއްޔާއަކަށް ވެދާނެއެވެ. މިސާލަކަށް ކީރިތި ރަސޫލާ ނަމާދުގެ ފަހުން ދުޢާ ނުކުރަށްވާ ވާހަކައެވެ.

ޢައްލާމާ ޢަބްދުއް ރަޙްމާން މުބާރަކްޕޫރީ (އަވަހާރަވީ 1934މ ގައެވެ.) ތިރްމިޛީގެ ޝަރަޙަ ތުޙްފަތުލް އަޙްވަޛީގައި ވިދާޅުވެފައި ވެފައެވެ.] اعْلَمْ أَنَّ عُلَمَاءَ أَهْلِ الْحَدِيثِ قَدِ اخْتَلَفُوا فِي هَذَا الزَّمَانِ فِي أَنَّ الْإِمَامَ إِذَا انْصَرَفَ مِنَ الصَّلَاةِ الْمَكْتُوبَةِ هَلْ يَجُوزُ لَهُ أَنْ يَدْعُوَ رَافِعًا يَدَيْهِ وَيُؤَمِّنَ مَنْ خَلْفَهُ مِنَ الْمَأْمُومِينَ رَافِعِي أَيْدِيَهُمْ فَقَالَ بَعْضُهُمْ بِالْجَوَازِ وَقَالَ بَعْضُهُمْ بِعَدَمِ جَوَازِهِ ظَنًّا مِنْهُمْ أَنَّهُ بِدْعَةٌ قَالُوا إِنَّ ذَلِكَ لَمْ يَثْبُتْ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِسَنَدٍ صَحِيحٍ بَلْ هُوَ أَمْرٌ مُحْدَثٌ، وَكُلُّ مُحْدَثٍ بِدْعَةٌ وَأَمَّا الْقَائِلُونَ بِالْجَوَازِ فَاسْتَدَلُّوا بِخَمْسَةِ أَحَادِيثَ] (التحفة: 2/168) މާނައީ: ދަންނާށެވެ! މިދުވަސްވަރު ޙަދީޘު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިވަފައިވާ މައްސަލައެއް އެބަ އޮވެއެވެ. އެއީ ފަރުޟު ނަމާދުން ނިމިގެން އިމާމާ އަތްއުފުލައިގެން ދުޢާކުރުމާއި މައުމޫމުން ފަތަހުގައި އަތްއުފުލައިގެން އާމީން ކިޔައި ދުޢާ ކުރުމީ ހުއްދަ ކަމެއްތޯއެވެ؟ ބައެއްޢިލްމުވެރިން އެކަން ހުއްދަކުރަށްވާއިރު އަނެއްބައިބޭކަލުން އެކަން ހުއްދަ ނުރަށްވައެވެ. އެބޭފުޅުންގެ ނަޒަރުގައި އެއީ ބިދުޢައެކެވެ. އަދި އެބޭފުޅުންގެ ޙުއްޖަތަކީ ކީރިތި ރަސޫލާ އަރިހުން ޞައްޙަ ސަަނަދަކުން ސާބިތުވާންނެތުމުން އެކަން ވާނީ އާކަމަކަށެވެ. ދެން ހުއްދަ ކުރަށްވާ ބޭފުޅުން ދަލީލުުގެ ގޮތުގައި ގެންނަވާ ފަސް ޙަދީޘެއް ވެއެވެ.

ޝައިޚުގެ ވާހަކަފުޅުން އަޅުގަނޑަށް ދެކަމެއް ސާބިތުވެއެވެ. އެއް ކަމަކީ މިވާހަކައަކީ މިޒަމާނުގައި އުފެދުނު މައްސަލައެއް ކަމެވެ. ދެވަނަ ވާހަކައަކީ މީގެ ކުރިން މިކަމާމެދު ޢިލްމުވެރިން ވާހަކަ ދައްކަވާފައި ނެތްކަމެވެ. ކޮންމެއަކަސް ނަމާދުގެފަހުގައި ދުޢާ ކުރުމަކީ ސުންނަތެއް ކަމުގައި ވިިއަސް ޢާއްމުކޮށް ނަމާދުގެ ފަހުގައި ސަލާމް ދިނުމަށްފަހު އިމާމާ އިސްވެހުރެ އާދަވެގެން ޖަމާޢަތުގައި ދުޢާކުރުމީ ހަތްވަނަ ޤަރުނުގައި އުފެދުނު ކަމެއްކަމުގައި އަލްމަޖްމޫޢުގައި އިމާމު ނަވަވީ (631-676ހ) ވިދާޅުވެފައި ވެއެެވެ. އަދިވެސް ނަވަވީ ވިދާޅުވެފައި ވެއެވެ. މިގޮތަށް ޢާއްމުކޮށް ޖަމާޢަތުގައި ދުޢާ ކޮށް އުޅުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އެހެނަސް ތަޢުލީމުގެ ގޮތުން ޢަމަލު ކުރުމަކުން މައްސަލައެއްނެތެވެ.

ކޮންމެއަކަސް ޝައިޚުގެ ބަސްފުޅުން އަޞްލު އިޝާރަތް ކުރަށްވަނީ ޙަންބަލީ މަޛްހަބުގެ އިމާމެއް ކަމުގައިވާ އިމާމު އިބްނިލް ޤައްޔިމު (691-751ހ) އެކަލޭގެފާނުންގެ ފަޮތް ޒާދުލް މަޢާދުގައި ވިދާޅުވެފައި އޮތް ބަސްފުޅަކަށެވެ. [وَأَمَّا الدُّعَاءُ بَعْدَ السَّلَامِ مِنَ الصَّلَاةِ مُسْتَقْبِلَ الْقِبْلَةِ أَوِ الْمَأْمُومِينَ فَلَمْ يَكُنْ ذَلِكَ مِنْ هَدْيِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَصْلًا وَلَا رُوِيَ عَنْهُ بِإِسْنَادٍ صَحِيحٍ وَلَا حَسَنٍ. وَأَمَّا تَخْصِيصُ ذَلِكَ بِصَلَاتَيِ الْفَجْرِ وَالْعَصْرِ فَلَمْ يَفْعَلْ ذَلِكَ هُوَ وَلَا أَحَدٌ مِنْ خُلَفَائِهِ وَلَا أَرْشَدَ إِلَيْهِ أُمَّتَهُ وَإِنَّمَا هُوَ اسْتِحْسَانٌ رَآهُ مَنْ رَآهُ عِوَضًا مِنَ السُّنَّةِ بَعْدَهُمَا وَاللَّهُ أَعْلَمُ] (1/249) މާނައަކީ: ދަންނައެވެ. ފަރުޟު ނަމާދުގެ ސަލާމް ދިނުމަށްފަހު އިމާމު މީހާ ޤިބުލައަށް އިނދެ ނުވަތަ މުޤްތަދީންނާ ދިމާއަށް ކުރިމަތިލައިގެންއިނދެ ދުޢާ ކުރުމަކީ ކީރިތި ރަސޫލާގެ ހިދާޔަތުން އެއްގޮތަކަށްވެސް އެނގެންއޮތް ކަމެއްނޫނެވެ. އަދި ޞައްޙަ ނުވަތަ ޙަސަން ދަރަޖައިގެ ރިވާޔަތަކުންވިއަސް ރިވާވެފައި އޮތް އެއްޗެއްވެސް ނޫނެވެ. ހަމައެއާއެކު ޚާއްޞަކޮށް ފަތިސްނަމާދުގެ ފަހުގައްޔާއި ޢަޞުރު ނަމާދުފަހުގައި އެންމެން އެކުގައި ދުޢާ ކުރުމީ އެކަލޭގެފާނުންގެ އަރިހުންވެސް އަދި ޚަލީފާވެރި ބޭކަލެއްގެ ކިބައަކުންވެސް ސާބިތުވާ ކަމެއް ނޫނެވެ. އަދި އެއީއަކީ އިތުރު އެކަލޭގެފާނު މިއުއްމަތަށް އިރުޝާދު ދެއްވާފައިއޮތް ކަމެއްވެސް ނޫނެވެ. އެހެނެއްކަމަކު އެކަން އިޚްތިޔާރު ކުރިމީހުން އެދެނަމާދުގެ ފަހުގައި އެކަން ކުރަނީ ފިޤުހުގެ އުޞޫލެއް ކަމުގައިިވާ އިސްތިިޙްސާނު (ޤަބޫލުވެވޭ) މާތް ކަމެއްގެ ގޮތުގައެވެ.

މައްސަލައިގެ އަސްލު ސަަބަބު:

މިމައްސަލައިގެ އަސްލު ބިނާވެފައި ވަނީ، ޙަންބަލީ މަޛްހަބުގެ ވަރަށް ފުންނާބު އުސް އިމާމެއް ކަމުގައިވާ އިމާމު އިބްނި ތައިމިޔާގެ (661-728ހ) ރައުޔެއްގެ މައްޗަށެވެ. އެކަލޭގެފާނުންގެ ފޮތް އަލްފަތާވާގައި ވިދާޅުވެފައި ވެއެވެ. [أَنَّ الدُّعَاءَ لاَ يُشْرَعُ بَعْدَ الصَّلاَةِ وَإِنَّمَا مَحَلُّ الدُّعَاءِ فِي الصَّلاَةِ لاَ خَارِجِهَا] މާނައީ: ޝައްކެއްނެތި ދުޢާކުރުމަކީ ނަމާދުފަހުން މަޝްރޫޢުވެގެންވާ ކަމެއް ނޫނެވެ. މިހެނީ ދުޢާގެ މަޤާމަކީ ނަމާދުގެ އެތެރެއެވެ. އޭގެ ބޭރުގައެެއް ނޫނެވެ. ދެން ވިދާޅުވަނީ ޙަދީޘުތަކުގައި [فِي دُبُرِ الصَّلاَةِ]ނަމާދުގެ ފަހުގައި ދުޢާކުރުމަށް އައިސްފައިވާ ބަސްފުޅުތަކުގެ މުރާދަކީ ނަމާދުގެ ފަހުކޮޅެވެ. [لِأَنَّ دُبُرَ كُلِّ شَيْءً جُزْءٌ مِنْهُ كَدُبُرِ الْحِمَارِ](މިހެނީ ކޮންމެ އެއްޗެއްގައި ވެސް ދުބުރު ކިޔަނީ އެއެއްޗެއްގެ ފަހަތު ބަޔަށެވެ. މިސާލަކަށް ޙިމާރުގެ ދުބުރަކީ އެސޮރުގެ ފޫކޮޅެވެ.) މިގޮތުން ނަމާދުގެ ފޫކޮޅަކަށްވާނީ ފަހު އައްތަޙިއްޔާތުގައި ސަލާމް ދިނުމުގެ ކުރިއެވެ. މިހެނީ އެއީ ދުޢާ ކުރުމުގެ މަޤާމަކަށްވާތީއެވެ. ދެން އެކަލޭގެފާނު ވިދާޅުވަނީ ނަމާދުކުރާމީހާ ތިމާގެ ނަމާދުގައި ދުޢާގެ ބަސްތަކުން ﷲ އަށް ކުއްތަންވުމަކީ އެންމެ ގުޅޭ ގޮތެވެ. އެހެނަސް ނަމާދުން ނިމުމަށްފަހު ދެން ﷲ އަށް ކުއްތަންވެ ﷲ އަށް ދެންނެވުމަކީ ގުޅޭކަމެއްނޫނެވެ. ކޮންމެއަކަސް ސުންނަތް ގޮތަކީ ނަމާދުން ނިމުމަށްފަހު ސުންނަތުން ސާބިތުވާ ޛިކުރު ކުރުމެވެ.

އަދިވެސް އިމާމު އިބްނި ތައިމިޔާ ވިދާޅުވެފައި ވެއެވެ. [فَالدُّعَاءُ الْمَذْكُورُ فِي دُبُرِ الصَّلاَةِ إِمَّا أَنْ يُرَادُ بِهِ آخِرُ جُزْءٍ مِنْهَا لِيُوَافِقَ بَقِيَّةُ اْلأَحَادِيثِ أَوْ يُرَادُ بِهِ مَا يَلِي آخِرُهَا وَيَكُوْنُ ذَلِكَ مَا بَعْدَ التَّشَهُّدِ أَوْ يَكُونَ مُطْلَقاً أَوْ مُجْمَلاً وَبِكُلِّ حَالٍ فَلاَ يَجُوزُ أَنْ يُخَصَّ بِهِ مَا بَعْدَ السَّلاَمِ لِأَنَّ عَامَّةَ اْلأَدْعِيَةَ الْمَأْثُورَةَ كَانَتْ قَبْلَ ذَلِكَ وَلاَ يَجُوزُ أَنْ يَشْرَعَ سُنَّةً بِلَفْظٍ مُجْمَلٍ يُخَالِفُ السَّنَّةَ الْمُتَوَاتِرَةِ بِالْأَلفَاظِ الصَّرِيحَةِ] މާނައީ: ނަމާދުގެ ފަހުގައި ކިއުމަށް ޙަދީޘުގައި ވާރިދުވެފައިވާ ދުޢާތަކެއް ވެއެވެ. އޭގެ އެއް މުރާދަކީ ނަމާދުގެ އެންމެ ފަހުކޮޅުގައި ކިއުމެވެ. އެއީ އެއާގުޅޭ އެހެން ޙަދީޘުތަކާ އެއްގޮތް ކުރުމުގެ ގޮތުންނެެވެ. ނުވަތަ އަނެއް މުރާދަކީ އެންމެފަހާ ޖެހިގެން ކިއުމެވެ. އޭރުން ދުޢާ ކުރެވޭނީ އައްތަޙިއްޔާތުގެ ޞަލަވާތަށް ފަހުގައެވެ. ނުވަތަ އަނެއް މުރާދަކީ ޢާއްމުކޮށް ވަކި ޤައިދެއް މަޤާމެއް ކަނޑަނޭޅުމެވެ. މިހުރިހާ ޙާލަތްތަކުގައިވެސް ސަލާމް ދިނުމަށްފަހު ދުޢާ ޚާއްޞަކުރުމެއް ހުއްދަވެގެނެއް ނުވެއެވެ. މިހެނީ ޙަދީޘުގައި އަންނަ ޢާއްމު ދުޢާތަށް އައިސްފައިވަނީ ސަލާމުގެ ކުރިން ކިއުމަށް ކަމަށްވާތީއެވެ. އެހެންކަމުން ކަނޑައެޅިގެން ސާފު ޞަރީޙަ ބަސްތަކަކުން މުތަވާތިރު ގޮތަކަށް ޢަމަލުވަމުން އަންނަ ސުއްނަތަކާ ޚިލާފަށް ޤައިދެއް ކުރެވިފައި ނުވާ ބަސްފުޅުތަކުގެ އެހީގައި އެހެންތަނެއްގައި ޝަރުޢު ކުރުމީ ހުއްދަވެގެންވާނޭ ކަމެއް ނޫނެވެ.

އިމާމު އިބްނި ތައިމިޔާގެ ބަސްފުޅުން ނެރެވޭ ނުކުތާތައް:

(ހ) ދުޢާގެ މަޤާމަކީ ނަމާދުގައި ސަލާމް ދިނުމުގެ ކުރިއެވެ. އޭގެ ފަހެއް ނޫނެވެ.

(ށ) މުޅި ނަމާދަކީ ދުޢާގެ މަޤާމެވެ.

(ނ) ދުޢާ ކުރުމާމެދު ވާރިދުވެފައިވާ ދުޢާތަކުގައި "ދުބުރު" މިލަފުޒު ބޭނުންވެފައިއޮތް ހުރިހާ ތަނެއްގައިވެސް އެއާ ގުޅޭ ތަނަކީ ސަލާމުގެ ކުރިއެވެ. އެހެނީ އެއްޗެއްގެ ދުބުރަކީ އެއެއްޗެއްގެ އެންމެ ފަހު ބައި ކަމުގައިވާތީއެވެ.

(ރ) ނަމާދުފަހުން ދުޢާ ކުރުން ސުންނަތެއް ކަމުގައި ބުނުމީ ހުއްދަ ކަމެއް ނޫނެވެ.

(ބ) ނަމާދު ފަހުގައި ދުޢާކުރުމީ މަޝްރޫޢުވެ، ޝަރީޢަތުން ސާބިތުވެގެންވާ ކަމެއް ނޫނެވެ.

(ޅ) ނަމާދުގެ ފަހުން މަޝްރޫޢުވެގެންވަނީ ހަމައެކަނި ޛިކުރު ކުރުމެވެ. ދުޢާކުރުމެއް ނޫނެވެ.

އިބްނި ތައިމިޔާގެ ބަސްފުޅާ ދީނުގެ އެހާރާއި މިހާރުގެ ޢިލްމުވެރިންގެ ބަސްފުޅާ ފުށުއަރައެވެ.

(1) ފަލްސަފާ ބޭނުން ކުރެއްވުން:

އިމާމު އިބްނި ތައިމިޔާއަކީ ބޮޑު ޢިލްމުވެރިިއެއްގެ އިތުރުން ވަރަށް މޮޅު ފަލްސަވާ ވެރިއެކެވެ. [دُبُرِ الصَّلاَةِ]- (ނަމާދުގެ ފަސް) ގެ މައްސަލާގައި އެކަލޭގެފާނު މިވަނީ ނަމާދުގެ ފަހުގައި ދުޢާ ނުކުރެވޭނެ ކަމަށް އެކަލޭގެފާނުން އިޚްތިޔާރު ކުރެއްވި ރައުޔު ގަދަ ކުރެއްވުމުގެ ގޮތުން ވަރަށް ގަދައަށް ފަލްސަފާ ބޭނުން ކުރަށްވާފައެވެ.

(2) އިބްނި ތައިމިޔާގެ ދަރިވަރުންވެސް އެކަލޭގެފާނުންގެ ބަސްފުޅަށް މުޅިން ތާއީދު ނުކުރެއްވުން:

އެކަލޭގެފާނުންގެ މިފަލްސަފާގެ ނަތީޖާއަކަށް ވެގެންދިޔައީ އެކަލޭގެފާނުންގެ އެންމެ އިސް ދަރިވަރު އިބްނި ޤައްޔިމު ވެސް އެއްކޮޅުން އެކަލޭގެފާނުންގެ ބަސްފުޅަށް އެއްބަސްވެ ވަަޑައިގެންފައި އަނެއްކޮޅުން އިދިކޮޅު ހެއްދެވީއެވެ. އިބްނި ޤައްޔިމު ޒާދުލް މަޢާދުގެ (1/295) ގައި ވިދާޅުވެފައި ވެއެވެ. [وَدُبُرُ الصَّلَاةِ يَحْتَمِلُ قَبْلَ السَّلَامِ وَبَعْدَهُ وَكَانَ شَيْخُنَا يُرَجِّحُ أَنْ يَكُونَ قَبْلَ السَّلَامِ فَرَاجَعْتُهُ فِيهِ فَقَالَ دُبُرُ كُلِّ شَيْءٍ مِنْهُ]މާނައީ: ނަމާދުގެ ފަސް މާނަކުރާއިރު އެއީ ސަލާމް ދިނުމުގެ ކުރިކަމުގައި ވެސް އެކަށީގެން ވެއެވެ. އަދި އެއީ ސަލާމް ދިނުމުގެފަސް ކަމުގައިވެސް އެކަށީގެންވެއެވެ. ތިމަންމެންގެ ޝައިޚު (އެބަހީ އިބްނިތައިމިޔާ) ބުރަވެ ވަޑައިގަންނަވަނީ އެއީ ސަލާމުގެ ކުރި ކަމަށެވެ. ތިމަން އެބަސްފުޅު ދިރާސާ ކުރިއިރު އެކަލޭގެފާނު ވިދާޅުވެފައި ވަނީ ކޮންމެ އެއްޗެއްގެ ވެސް ފަހަތަަކީ އެއެއްޗެއްގެ ފަހަތު ބައެވެ. އަނެއް ފަހަރަކު އެކަލޭގެފާނު ވިދާޅުވެފައި އޮންނަނީ [فَمُرَادُهُ قَبْلَ السَّلَامِ وَبَعْدَهُ] އެވެ. (އެބަސްފުޅުތަކުގެ މުރާދަކީ ސަލާމުގެ ކުރިންނާއި ސަލާމުގެ ފަހުންނެވެ.)

(3) ނަމާދުގެފަހުން ދުޢާކުރުމާ ބެހޭ ބާބެއް އިބްނި ޤައްޔިމު ގެންނަވާފައިވުން:

އެހެންކަމުން ނަމާދު ފަހުގައި ދުޢާކުރުމާ ބެހޭ މުސްތަޤިއްލު ބާބެއް އިބްނި ޤައްޔިމު ޒާދުލް މަޢާދުގައި ގެންނަވާފައިވެއެވެ. އޭގައި ވިދާޅުވަނީ [فَصْلِ: مَا كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ بَعْدَ انْصِرَافِهِ مِنَ الصَّلَاةِ] (މިއީ ނަމާދުން ނިމިވަޑައިގެން ކީރިތި ރަސޫލާ ވިދާޅުވެއުޅުއްވާ ދުޢާތަކާ ބެހޭ ބާބެވެ.) ދެން އެބާބުގެ ދަށުގައި ކީރިތި ރަސޫލާ ވިދާޅުވި ބައެއް ދުޢާފުޅުތައް ގެންނަވާފައި ވެއެވެ. އޭގެ ތެރޭގެ [كَانَ يَقُولُ عِنْدَ انْصِرَافِهِ مِنْ صَلَاتِهِ اللَّهُمَّ أَصْلِحْ لِي دِينِي الَّذِي] (އިތުރު އެކަލޭގެފާނު ނަމާދުން ނިމިވަޑައިގެން މިދުޢާ ވިދާޅުވެތެވެ.) އަދިވެސް ގެންނަވާފައި ވެއެވެ. [اللَّهُمَّ إِنِّي أَعُوذُ بِرِضَاكَ مِنْ سَخَطِكَ وَأَعُوذُ بِعَفْوِكَ] (މިއީވެސް އެކަލޭގެފާނު ނަމާދުން ނިމިވަޑައިިގެން ވިދާޅުވެ އުޅުއްވި ދުޢާއެކެވެ.) އަދިވެސް ގެންނަވާފައި ވެއެވެ. [عَنْ أَبِي أَيُّوبَ أَنَّهُ قَالَ مَا صَلَّيْتُ وَرَاءَ نَبِيِّكُمْ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَّا سَمِعْتُهُ حِينَ يَنْصَرِفُ مِنْ صَلَاتِهِ يَقُولُ اللَّهُمَّ اغْفِرْ لِي خَطَايَايَ وَذُنُوبِي كُلَّهَا] (މާތް ﷲ ރުއްސުންލެއްވި އަބޫ އައްޔޫބުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. ކީރިތި ރަސޫލާ އެކަލޭގެފާނުންގެ ނަމާދުން ނިމިވަޑައިގެން މިދުޢާވިދާޅު ނުވާ އެއްމެ ފަރަހަކުވެސް ތިމަންކަލޭގެފާނު އެކަލޭގެފާނުންގެ ފަހަތްޕުޅުގައި ނަމާދު ނުކުރަށްވަމެވެ. އެދުޢާއަކީ [اللَّهُمَّ اغْفِرْ لِي خَطَايَايَ وَذُنُوبِي كُلَّهَا...] އަދިވެސް އިބްނި ޤައްޔިމު އިމާމު ޙާކިމުގެ އަރިހުން ޞައްޙަ މަގުން ރިވާކުރަށްވާފައި ވެއެވެ. ކީރިތި ރަސޫލާ ޙަދީޘު ކުރެއްވިއެވެ. [إِذَا صَلَّيْتَ الصُّبْحَ فَقُلْ قَبْلَ أَنْ تَتَكَلَّمَ اللَّهُمَّ أَجِرْنِي مِنَ النَّارِ سَبْعَ مَرَّاتٍ فَإِنَّكَ إِنْ مُتَّ مِنْ يَوْمِكَ كَتَبَ اللَّهُ لَكَ جِوَارًا مِنَ النَّارِ وَإِذَا صَلَّيْتَ الْمَغْرِبَ فَقُلْ قَبْلَ أَنْ تَتَكَلَّمَ اللَّهُمَّ أَجِرْنِي مِنَ النَّارِ سَبْعَ مَرَّاتٍ فَإِنَّكَ إِنْ مُتَّ مِنْ لَيْلَتِكَ كَتَبَ اللَّهُ لَكَ جِوَارًا مِنَ النَّارِ] މާނައީ: ކަލޭ ފަތިސް ނަމާދުން ނިމި އެއްވެސް ވާހަކައެއް ދެއްކުމުގެ ކުރިން [اللَّهُمَّ أَجِرْنِي مِنَ النَّارِ] މިފަދައިން ހަތް ފަހަރު ކިޔާށެވެ. އެދުވަހަކު ކަލޭ މަރުގަންނަވަައިފިނަމަ ކަލޭ ނަރަކައިން ސަލާމަތް ވާނެކަމުގެ ޢަހުދުކަށަވަރު ލިއުއްވާފައިވާނެއެވެ. އަދި މަޣުރިބު ނަމާދުން ނިމިގެން އަނގައިން ބުނުމުގެ ކުރިން [اللَّهُمَّ أَجِرْنِي مِنَ النَّارِ] މިފަދައިން ހަތް ފަހަރު ކިޔާށެވެ. އެރޭ ކަލޭގެ މަރުގަންނަވަައިފިނަމަ ކަލޭ ނަރަކައިން ސަލާމަތް ވާނެކަމުގެ ޢަހުދުކަށަވަރު ލިއުއްވާފައިވާނެއެވެ.

(4) އެކަލޭގެފާނުންގެ ރައުޔު އިހުގެ އެންމެހާ ޢިލްމުވެރިންގެ ރައުޔާ ޚިލާފުވުން:

މިގޮތުން އިބްނި ތައިމިޔާ [دُبُرِ الصَّلاَةِ](ނަމާދުގެ ފަސް) މިބަހުގެ މުރާދަކީ ސަލާމް ދިނުގެ ކުރިން ކަމުގައި ވިދާޅުވި ބަސްފުޅަކީ އެންމެހައި މުޙައްދިޘުންނާއި ހަތަރު މަޛްހަބުގެ ފިޤުހުވެރިންނާއި ޚާއްޞަކޮށް ޙަންބަލީ މަޛްހަބުގެ ފިޤުހުވެރިންނާއި ސަލަފުއްޞާލިޙުންގެ އެންމެހައި ޢިލްމުވެރިންނާއި ޚިލާފަށް އެކަލޭގެފާނަށް ވިދާޅުވެވުނު ބަސްފުޅެކެވެ. (ހ) ޙަންބަލީ މަޛްހަބުގެ އެންމެ ބޮޑު ފޮތްކަމުގައިވާ އަލްމުޣްނީގައި އިމާމު އިބްނި ޤުދާމާ ވިދާޅުވެފައި ވެއެވެ. [فَصْلٌ ذِكْرُ اللَّهِ تَعَالَى وَالدُّعَاءُ عَقِيبَ صَلَاتِهِ --- وَيُسْتَحَبُّ ذِكْرُ اللَّهِ تَعَالَى وَالدُّعَاءُ عَقِيبَ صَلَاتِهِ وَيُسْتَحَبُّ مِنْ ذَلِكَ مَا وَرَدَ بِهِ الْأَثَرُ مِثْلُ مَا رَوَى الْمُغِيرَةُ قَالَ كَانَ النَّبِيُّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - يَقُولُ فِي دُبُرِ كُلِّ صَلَاةٍ مَكْتُوبَةٍ اللَّهُمَّ لَا مَانِعَ لِمَا أَعْطَيْتَ وَلَا مُعْطِيَ لِمَا مَنَعْتَ وَلَا يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ مُتَّفَقٌ عَلَيْهِ] މާނައީ: މިއީ ނަމާދުގެ ފަހުން މަތިވެރި މާތް ﷲ އަށް ޛިކުރު ކުރުމާއި ދުޢާ ކުރުމުގެ ބާބެވެ. ނަމާދުގެ ފަހުން ﷲ އަށް ޛިކުރު ކުރުމާއި ދުޢާ ކުރުމަކީ މުސްތަޙައްބު ވެގެންވާ ސުއްނަތެކެވެ. މިގޮތުން ޙަދީޘުތަކުން ވާރިދުވެފައިވާ ދުޢާތައް ބޭނުންކުރުން ސުންނަތް ވެެގެންވެއެވެ. މިސާލަކަށް އިމާމު ބުޚާރީއާއި މުސްލިމާ ދެބޭކަލުން މާތް ﷲ ރުއްސުންލެއްވި މުޣީރާގެ ކިބައިިން ރިވާކުފަށްވާފައިވާ މިޙަދީޘެވެ. ކީރިތި ރަސޫލާ ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި [اللَّهُمَّ لَا مَانِعَ لِمَا أَعْطَيْتَ ... ] މިދުޢާ ވިދާޅުވެ އުޅުއްވަތެވެ.

(5)ދަންނަބޭކަލުންގެ އިޖްމާޢާ ޚިލާފުވެ ވަޑައިގަތުން:

އިމާމު އިބްނި ޙަޖަރު ފަތުޙުލް ބާރީގެ 11/138 ގައި މިބޭކަލުންނަށް ރައްދު ދެއްވަމުން ވިދާޅުވެފައި ވެއެވެ. [فَإِنْ قِيلَ الْمُرَادُ بِدُبُرِ كُلِّ صَلَاةٍ قُرْبَ آخِرِهَا وَهُوَ التَّشَهُّدُ قُلْنَا قَدْ وَرَدَ الْأَمْرُ بِالذِّكْرِ دُبُرَ كُلِّ صَلَاةٍ وَالْمُرَادُ بِهِ بَعْدَ السَّلَامِ إِجْمَاعًا فَكَذَا هَذَا حَتَّى يَثْبُتَ مَا يُخَالِفُهُ] (މާނައީ: މިސާލަކަށް ކޮންމެ ނަމާދެއްގެ ފަހުގެ މުރާދަކީ ނަމާދުން ނިމެން ކައިރިވެ އައްތަޙިއްޔާތުގެ ފަހުން ކަމަށް ބަޔަކު ބުނާނަމަ ތިމަންމެން ޖަވާބުގައި ބުނާނީ ނަމާދުގެ ފަހުން ޛިކުރުކުރުމާ ބެހޭގޮތުން [دُبُرَ كُلِّ صَلَاةٍ] މިބަސް ބޭނުންވެގެން އައިސްފައި އޮތުމާމެދު އެއީ ސަލާމުގެ ފަހުންކަމަށް އުއްމަތް ވަނީ އިޖްމާވެފައެވެ. އެހެންކަމުން ދުޢާއާ ބެހޭގޮތުންވެސް އެގޮތަށް ބޭނުންކުރެވިފައި އޮވެ، އެއާޚިލާފަތް ޝަރުޢީ ބަސްފުޅެއް ނެތްހައިހިނދަކު އެބަހުގެ މުރާދަކަށް މިތާގައި ބެލެވޭނީ ހަމަ އެމާނައެވެ. ދެން އިބްނި ޙަޖަރު ތަފާތު ދަލީލު ގެންނަވާފައި ވެއެވެ. އެއް ދަލީލަކީ އިމާމު ތިރްމިޛީ ޞައްޙަ ޙަސަން މަގުން ރިވާކުރަށްވާފައި ރިވާޔަތެކެވެ. [قِيلَ يَا رَسُولَ اللَّهِ أَيُّ الدُّعَاءِ أَسْمَعُ قَالَ جَوْفَ اللَّيْلِ الْأَخِيرَ وَدُبُرَ الصَّلَوَاتِ الْمَكْتُوبَاتِ] (ބޭކަލަކު ދެންނެވިއެވެެ. އޭ ﷲގެ ރަސޫލާއެވެ! އެންމެ އަވަހަށް ޤަބޫލުކުރެއްވެވޭ ދުޢާއަކީ ކޮބައިތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. އެއީ ރޭގަނޑުގެ ފަހު ދަމާއި ފަރުޟު ނަމާދުތަކުގެ ފަހެވެ.) އަދިވެސް އެހެން ބަސްފުޅެއް ގެންނަވާފައި ވެއެވެ. އިމާމު ޠަބަރާނީ ޞައްޙަސަނަދުން އިމާމު ޖަޢުފަރުއް ޞާދިޤުގެ ކިބައިން ރިވާކުރަށްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [الدُّعَاءُ بَعْدَ الْمَكْتُوبَةِ أَفْضَلُ مِنَ الدُّعَاءِ بَعْدَ النَّافِلَةِ كَفَضْلِ الْمَكْتُوبَةِ عَلَى النَّافِلَةِ] (މާނައީ: ސުންނަތް ނަމާދުގެ ފަހުގައި ކުރެވޭ ދުޢާއަށް ވުރެން ފަރުޟު ނަމާދުގެ ފަހުގައި ކުރެވޭ ދުޢާގެ މާތްކަން ބޮޑެވެ. އެއީ ސުއްނަތް ނަމާދުގެ މައްޗަށް ފަރުޟު ނަމާދަށް މާތްކަން ލިބިގެންވާ ފަދައިންނެވެ. މިނޫންވެސް ތަފާތު ދަލީލުތައް އިބްނު ޙަޖަރު ގެންނަވާފައި ވެއެވެ. ފަހުން އަޅުގަނޑު އެދަލީލުތައް ގެންނާތީ ކުރުކޮށްލުމުގެ ގޮތުން ތަކްރާރު ނުކޮށް ދޫކޮށްލީއެވެ.

(6) އެންމެހައި މުޙައްދިޘުންގެ ރައުޔު އިބްނި ތައިމިޔާގެ ރައުޔާ ތަފާތު:

އިމާމު ބުޚާރީއާއި މުސްލިމާއި އިބްނި ޚުޒައިމާއާއި ޙާކިމާއި އެނޫންވެސް މުޙައްދިޘުން ދުޢާ އާއި ޛިކުރުގެ ޙަދީޘުތަކުގައި އަންނަ [دُبُرَ كُلِّ صَلَاةٍ] މިބަސްފުޅުގެ މާނަ ކުރަށްވާފައި ވަނީ ނަމާދުން ނިމިގެން ކަމަށެވެ. މިޙަދީޘުތައް ބަޔާން ކުރެއްވުމުގެ ގޮތުން:

- އިމާމު ބުޚާރީ ގެންނެވި ސުރުޚީގައި ވިދާޅުވެފައި ވަނީ [بَاب مَنْ لَمْ يَتَطَوَّعْ فِي السَّفَرِ دُبُرَ الصَّلَاةِ وَقَبْلَهَا] މިފަދައިންނެވެ. (ފަރުޟު ނަމާދުގެ އިހާއި ފަހުގައި ދަތުރުވެރިޔާއަށް ސުއްނަތް ކުރުން ނޯންނަކަމަށް ވިދާޅުވާ ބޭކަލުންގެ ވާހަކައިިގެ ބާބު)

- އިމާމު އިބްނި ޚުޒައިމާ ވިދާޅުވެފައި ވެއެވެ. [بَابُ جَامِعِ الدُّعَاءِ بَعْدَ السَّلَامِ فِي دُبُرِ الصَّلَاةِ] (ސަލާމް ދިނުމަށްފަހު ނަމާދުގެ ފަހުގައި ކިއުމަށް އެއްކުރެވިފައިވާ ދުޢާގެ ބާބު) ދެން އެކަލޭގެފާނު ބަޔާންކުރެއްވި ޙަދީޘުތަކުގެ ތެރެއިން އެއް ޙަދީޘަކީ މާތް ﷲ ރުއްސުންލެއްވި ޢަލީގެފާނުންގެ ކިބައިން ރިވާވެގެންވާ ޙަދީޘެކެވެ. އޭގައިވަނީ [عَنْ عَلِيِّ بْنِ أَبِي طَالِبٍ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ كَانَ إِذَا فَرَغَ مِنْ صَلَاتِهِ فَسَلَّمَ قَالَ اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ.... ] (މާނައީ: އެކަލޭގެފާނު ވިދާޅުވަނީ ކީރިތި ރަސޫލާ ނަމާދުން ނިމިވަޑައިގަތުމުން ސަލާމް ދެއްވަތެވެ. ދެން [اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ.... ]މިދުޢާ ވިދާޅުވެތެވެ.

- އަދިވެސް އިބްނި ޚުޒައިމާ އެހެންބާބެއް ގެންނަވާފައި ވެއެވެ. [بَابُ التَّعَوُّذِ بَعْدَ السَّلَامِ مِنَ الصَّلَاةِ] (ނަމާދުގެ ސަލާމް ދިނުމަށްފަހު ސަލާމަތަށް އެދި ދުޢާކުރުމާބެހޭ ބާބު) ދެން ގެންނަވާފައި ވަނީ އަންނަނިވި [اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبُخْلِ ... ] ދުޢާއެވެ.

- އިމާމު މުސްލިމު ބާބު ގެންނަވާފައި ވަނީ މިފަދައިިިންނެވެ. [بَابُ اسْتِحْبَابِ الذِّكْرِ بَعْدَ الصَّلاَةِ] (މާނައީ: ނަމާދުގެ ފަހުން ޛިކުރު ކުރުން ސުންނަތް ވެގެންވާކަން ބަޔާންވެގެންވާ ބާބު) ދެން ގެންނަވާފައިވަނީ [سَمِعْتُ عَبْدَ اللَّهِ بْنَ الزُّبَيْرِ يَخْطُبُ عَلَى هَذَا الْمِنْبَرِ وَهُوَ يَقُولُ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ إِذَا سَلَّمَ فِي دُبُرِ الصَّلَاةِ أَوْ الصَّلَوَاتِ وَذَكَرَ فِيهَا] މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ އިބްނި ޒުބައިރު ޚުޠުބާ ދެއްވަމުން ވިދާޅުވި މިބަސްފުޅެވެ. ކީރިތި ރަސޫލާ ސަލާމް ދެއްވައި ނަމާދުގެ ފަހުން މިދުޢާ ވިދާޅުވަތެވެ. އޭގެ ތެރެއިން އެއް ދުޢާއަކީ،[اللَّهُمَّ أَنْتَ السَّلَامُ وَمِنْكَ السَّلَامُ تَبَارَكْتَ ذَا الْجَلَالِ وَالْإِكْرَامِ] މިއެވެ.

- އިމާމު ތިރްމިޛީ ބާބު ގެންނަވާފައި ވަނީ މިފަދައިިިންނެވެ. [بَاب فِي دُعَاءِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَتَعَوُّذِهِ فِي دُبُرِ كُلِّ صَلَاةٍ] (މާނައީ: ކޮންމެ ނަމާދެއްގެ ފަހުގައި ކީރިތި ރަސޫލާ ސަލާމަތަށް އެދި ދުޢާކުރެއްވުމުގެ ބާބު) އެއަށްފަހު [اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ]މިދުޢާއާއި އެހެނިހެން ދުޢާތައް ބަޔާން ކުރެއްވިއެެވެ.

- ބަޔާންވެ ދިޔައީ އިމާމު އިބްނި ތައިމިޔާއަށްވުރެން ކީރިތި ރަސޫލާގެ ދުވަސްވަރާ މާދުރު ނޫން ދުވަސްވަރެއްގައި އުޅުއްވައި ސީދާ އެބޭކަލުންގެ އަމިއްލަފުޅު ސަނަދުން ޙަދީޘުތައް ރިވާކުރެއްވި ބައެއް މުޙައްދިޘުން މިބުނެވުނު ބަހާއި އެޙަދީޘުތައް މާނަކުރެއްވި ބޭކަލުންގެ ނަންފުޅު ތަކެވެ. އަދި ސަލަފުއްޞާލިޙުންގެ ލިސްޓުގައި އިސްދައުރެއް އަދާކުރެއްވި ބޭކަލުންނެވެ. ޙަދީޘު ޢިލްމަށާއި ފިޤުހަށް އަރައިތިއްބެވި ބޭކަލުންނެވެ. އެބޭކަލުން ނަމާދުގެ ފަހުން ދުޢާކުރުމާ ބެހޭ ގޮތުން ދެކެވަޑައިގަަންނަވާ ގޮތެވެ.

(7) އެއްވެސް ޙަދީޘެއްގައި ސަލާމް ދިނުގެ ކުރިން ކިއުމަށް ވާރިދުވެފައިވާ ދުޢާތަކުގައި [دُبُرَ الصَّلَاةِ] މިބަސްފުޅު ބޭނުންވެފައި ނެތް:

ޙަދީޘުތަކުގައި އައިސްފައިހުރި ހުރިހާ ތަނެއްގައި [دُبُرَ كُلِّ صَلَاةٍ] މިބަސްފުޅު ބޭނުންވެފައި ހުރީ މުޅިންވެސް ނަމާދުން ސަލާމް ދެއްވުމަށްފަހުގެ މާނާގައެވެ. ކުރިއާ ބެހޭގޮތުން ދުޢާގެ ވާހަަކަ އައިސްފައި ހުރީ އެހެން ޢިބާރާތްތަކަކުންނެވެ. އެއީ ޛިކުރު ކަމުގައި ވިއަސް އަދި ދުޢާ ކަމުގައި ވިއަސް ވެހެވެ. އަދި ދުޢާނޫން އެހެންކަންތައްވެސް އެލަފްޒާއެކު ބޭނުން ކުރެވައި އެބަހުއްޓެވެ. ބައެއް ފަހަރު ނަމާދު ތެރޭގެވާހަކައެވެ. އަނެއްބައި ފަހަރު އައްތަޙިއްޔާތުގެ ފަހުގެ ވާހަކައެވެ. އަނެއްބައި ފަހަރު ސަލާމާއި އައްތަޙިއްޔާތާއި ދެމެދުގެ ވާހަކައެވެ. އަނެއްބައި ފަހަރު ސަލާމް ދިނުމުގެ ކުރީގެ ވާހަކައެވެ. އެހެންނަމަވެސް [دُبُرَ كُلِّ صَلَاةٍ] މިބަސްފުޅު މުޅިންވެސް އައިސްފައި ހުރީ ނަމާދުން ނިމިގެން ކުރަންވާ ކަންތަކާ ބެހޭގޮތުންނެވެ.

- އިމާމު މުސްލިމު ރިވާކުރަށްވާފައި ވެއެވެ. [فَصَلَّى رَكْعَتَيْنِ ثُمَّ أَحْرَمَ فِي دُبُرِ الصَّلَاةِ بِحَجَّةٍ وَعُمْرَةٍ مَعًا]މާނައީ: ކީރިތި ރަސޫލާ އިޙްރާމް ބަންނަވަން ވެގެން ދެރަކުޢަތް ނަމާދު ކުރެއްވިއެވެ. ދެން ނަމާދަށް ފަހު ޙައްޖަށާއި ޢުމުރާއަށް ނިޔަތް ގެންނެވިއެވެ.

- އިމާމު އަބޫ ދާއޫދާއި ޠަބަރާނީ ރިވާކުރަށްވާފައި ވެއެވެ. [مَنْ قَرَأَ آيَةَ الْكُرْسِيِّ فِي دُبُرِ الصَّلَاةِ الْمَكْتُوبَةِ كَانَ فِي ذِمَّةِ اللَّهِ إِلَى الصَّلَاةِ الْأُخْرَى] މާނައީ: ފަރުޟު ނަމާދުގެ ފަހުގައި އާޔަތުލް ކުރުސި ކިޔަވައިފި މީހާ އަނެއް ނަމާދު އައުމާ ހަމައަށް ހުންނާނީ ﷲގެ ޒިއްމާގެ ދަށުގައެވެ.

- އިމާމު ދާރިމީ ރިވާކުރަށްވާފައި ވެއެވެ. [عَنْ اِبْنِ عَبَّاسٍ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَحْرَمَ دُبُرَ الصَّلَاةِ] މާނައީ: އިބްނި ޢައްބާސްގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ނަމާދަށް ފަހުން އިޙްރާމް ބެންނެވިއެވެ.

- އިމާމު ނަސާއީ ރިވާކުރަށްވާފައި ވެއެވެ. [كَانَ يَقُولُ دُبُرَ الصَّلَاةِ إِذَا سَلَّمَ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ اللَّهُمَّ لَا مَانِعَ لِمَا أَعْطَيْتَ وَلَا مُعْطِيَ لِمَا مَنَعْتَ وَلَا يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ] މާނައީ: ކީރިތި ރަސޫލާ ސަލާމް ދެއްވާފައި ނަމާދަށް ފަހު މިދުޢާ ވިދާޅުވަތެވެ. މިއެވެ.

- އިމާމު ބުޚާރީ ރިވާކުރަށްވާފައި ވެއެވެ. [عَنْسَعْدٍبْنِوَقَّاصٍيَقُولُإِنَّرَسُولَاللَّهِصَلَّىاللَّهُعَلَيْهِوَسَلَّمَكَانَيَتَعَوَّذُمِنْهُنَّدُبُرَالصَّلَاةِاللَّهُمَّإِنِّيأَعُوذُبِكَمِنَالْجُبْنِوَأَعُوذُبِكَأَنْأُرَدَّإِلَىأَرْذَلِالْعُمُرِوَأَعُوذُبِكَمِنْفِتْنَةِالدُّنْيَاوَأَعُوذُبِكَمِنْعَذَابِالْقَبْرِ] މާނައީ: ސަޢުދުގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ ނަމާދުގެ ފަހުގައި [اللَّهُمَّإِنِّيأَعُوذُبِكَمِنَالْجُبْنِ... ]މިދުޢާ ވިދާޅުވެ ރައްކައުތެރި ކަމަށް އެދިވަޑައި ގަންނަވަތެވެ. މިނޫންވެސް މިފަދަ އެތަކެއް ޙަދީޘެއް މިމޭރުމުން ފެންނާން އެބަހުއްޓެވެ

(8) (دُبُرَ كُلِّ صَلَاةٍ) މިބަސްފުޅާހުރެ ދުޢާކުރުމާއި ޛިކުރު ކުރުން ތަފާތު ވެވުނީ ކީއްވެގެންބާ:

ދެން މިތާގައި އުފެދޭ ސުވާލަކީ ޙަދީޘުތަކުގައި [دُبُرَ كُلِّ صَلَاةٍ]މިގޮތަށް އައިސްފައި ހުރި ދުޢާތަކާއި ޛިކުރުތައް އިބްނި ތައިމިޔާ ތަފާތު ކުރެއްވީ ކޮންގޮތަކުންބާއެވެ! ދީނުގައި ކަމެއް ވަކިގޮތަކަށް ކަނޑައަޅާއިރު އޭގެ ޙުއްޖަތަކާއި ދަލީލެއް ބޭނުންވާނެއެވެ. ނަމާދުގެ ފަހުން ދުޢާ ކުރުމީ ހުއްދަ ނޫންކަމެކޭ ވިދާޅުވާއިރު އެއްވެސް ދަލީލެއް ނެތި "ދުބުރުގެ" މާނައަކީ އެއްޗެއްގެ ފުރަގަސްފަރާތޭ ވިދާޅުވުމަކުން އެކަން ސަލާމުގެ ކުރިއަކަށް ޚާއްޞަ ނުކުރެވޭނެއެވެ. މިގޮތުން ބަލާއިރު ނަމާދުގެފަހުން ކުރުމަށް އައިސްފައިހުރި ޛިކުރުތަކާ ބެހޭގޮތުން ވެސް ހަމަ އައިސްފައިހުރީ ހަަމަ އެ އިބާރާތްތަކެވެ. އެހެންކަމަށްވާނަމަ ދެބައި ވަކިކުރެއްވި އުޞޫލެއް އޮންނަން ވާނެއެވެ. އެކަތި ސުންނަތަކަށް ވެފައި އަނެކަތި ބިދުޢަކަށްވެ، ޙަރާމްކަމެކޭ ބުނުމަކީ އާދައިގެ ވާހަކައެއް ނޫނެވެ. އަދި އެއީ ސަލާމަތް ބުއްދިއަކަށް ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.

(9) ނަމާދުގެ ފަހުގައި ދުޢާކުރުން ހުއްދަނޫން ކަމުގެ ދަލީލަކީ ކޮބައިކަން އެނގެންޖެހޭ:

ދުޢާ ކުރުމަކީ ހުރިހާ ހިނދުކޮޅެއްގައި މުސްލިމުން ކުރަން އޮންނަ ކަމެކެވެ. ވަކިމިވެނި ތަނެއްގައި ދުޢާކުރުން ހުއްދަ ނުވާނެއޭ ބުނެވޭނީ އެކަމަށް ކީރިތި ރަސޫލާގެ އަރިހުން މަނާވުމުގެ ބަސްފުޅެއް އޮވެގެންނެވެ. އިމާމު އިބްނި ތައިމިޔާގެއަރިހުގައި ފަރުޟު ނަމާދުން ނިމިގެން ދުޢާކުރުމަކީ ހުއްދަކަމެއް ނޫނެވެ. އަދިކިއެއްތަ! އެކަލޭގެފާނު ވިދާޅުވާ ގޮތުގައި އެއީ ބިދުޢައެކެވެ. އަޅުގަނޑުގެ ސުވާލަކީ މިކަމުގެ ދަލީލަކީ ކޮބައިތޯއެވެ؟ ކީރިތި ޤުރުއާނާއި ލޮބުވެެތި ރަސޫލާގެ ޙަދީޘުގައި އެކަން މަނާވާނެ ބަސްފުޅެއް އެބައޮތްތޯއެވެ؟ އެހެންނާ ކީރިތި ރަސޫލާގެ ބަސްފުޅުންނާއި ޢަމަލުފުޅުން ސާބިތުވާން ހުރީ އެބަސްފުޅުގެ އިދިކޮޅެވެ. އަދި އަނެއްކޮޅުން ސުންނަތް ނަމާދުގެފަހުން ދުޢާކުރުން ސުންނަތެއްގެ ގޮތުގައި މަޝްރޫޢު ވެގެންވާނަމަ އައުލާވެގެންވަނީ ފަރުޟު ނަމާދުގައި އެކަން މަޝްރޫޢުވެގެން ވުމެވެ. އެހެންޏާ ސުންނަތް ވެގެންވަނީ ހުރިހާ ޙާލަތެއްގައި ގިނަގިނައިން ދުޢާކުރުމާއި ޛިކުރު ކުރުމުގައި ﷲ އަށް ކުއްތަންވުމެވެ. މާތް ﷲ ވަޙީކުރަށްވާފައި ވެއެވެ. [وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ] މާނައީ: ތިޔަބައިމީހުން ހައްދަވައި ގެންގުޅުއްވާ އިލާހު އެބަ ވަޙީ ކުރަށްވައެވެ. އޭ އަހުރެންގެ އަޅުތަކުންނޭވެ! އަހުރެންގެ އަރިހުގައި ދަންނަވާށެވެެ. އަހުރެން ތިޔަބައިމީހުންގެ ދުޢާ ޤަބޫލު ކުރަށްވާހުށީމެވެ. މިގޮތުން ނަމާދު ކުރުން މަނާ ވަގުތުތަކުގައި ވެސް ދުޢާކުރުމީ ސުންނަތް ވެގެންވާ ކަމެކެވެ. މިސާލަކަށް ފަތިސް ނަމާދު ފަހުގައްޔާއި ޢަޞުރު ނަމާދު ފަހުގައެވެ. އެހެންކަމަށް ވާނަމަ އެކަލޭގެފާނުންގެ މިބަސްފުޅުގެ ޝަރުޢީ ދަލީލު ފެންނަން އެބަޖެހެއެވެ.

(10) ތިރީގައި މިވަނީ ނަމާދުގެ ފަހުން ދުޢާކުރުން މަޝްރޫޢުވެގެންވާ ހެކިތައް:

ނަމާދުކޮށް ނިމިގެން ދުޢާ ކުރުމީ ހުއްދަކަމެއް ނޫންކަމެކޭ ބުނެވޭނެ އެންމެ ދަލީލެއް ނެތްހިނދު އެކަމަކީ ސުންނަތެއްކަން ސާބިތުވެވޭނެ ޞައްޙަ ޞަރީޙަ އެތަކެއް ދަލީލެއް އެބަހުއްޓެވެ. ބައެއް ޙަދީޘުތައް ތިރީގައި ބަޔާންކޮށްލާނަމެވެ.

(ހ) އިމާމު މުސްލިމު ރިވާކުރަށްވާފައި ވެއެެވެ. [عَنْ الْبَرَاءِ قَالَ كُنَّا إِذَا صَلَّيْنَا خَلْفَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَحْبَبْنَا أَنْ نَكُونَ عَنْ يَمِينِهِ يُقْبِلُ عَلَيْنَا بِوَجْهِهِ (حِينَ انْصَرَفَ ) قَالَ فَسَمِعْتُهُ يَقُولُ رَبِّ قِنِي عَذَابَكَ يَوْمَ تَبْعَثُ] މާނައީ: އަލްބަރާ ވިދާޅުވެފައި ވެެއެވެ. ތިމަންމެން ނަމާދު ކުރާއިރު ކީރިތި ރަސޫލާގެ ކަނާތްފަރާތްޕުޅުގައި ހުއްޓިތިބެން ބޭނުންވަމެވެ. އެކަލޭގެފާނު ތިމަންމެންނާ ދިމާއަށް ކުރިމަތިފުޅު ލައްވަތެވެ. އޭރު އެކަލޭގެފާނު މިދުޢާ ވިދާޅުވާއަޑު އައްސަވަމެވެ. [رَبِّ قِنِي عَذَابَكَ يَوْمَ تَبْعَثُ]

(ށ) އިމާމު ބުޚާރީއާއި މުސްލިމާއި ތިރްމިޛީ ރިވާކުރަށްވާފައި ވެއެެވެ. [كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا انْصَرَفَ مِنْ صَلَاتِهِ اسْتَغْفَرَ ثَلَاثًا وَقَالَ اللَّهُمَّ أَنْتَ السَّلَامُ وَمِنْكَ السَّلَامُ تَبَارَكْتَ ذَا الْجَلَالِ وَالْإِكْرَامِ] މާނައީ: ކީރިތި ރަސޫލާ އެކަލޭގެފާނުންގެ ނަމާދުން ނިމިވަޑައިގަތުމުން [أَسْتَغْفِرُ اللَّهَ] ތިން ފަހަރުމަތިން ވިދާޅުވުމަށްފަހު ދެން [اللَّهُمَّ أَنْتَ السَّلَامُ وَمِنْكَ السَّلَامُ] މިދުޢާ ވިދާޅުވަތެވެ.

(ނ) އިމާމު ތިރްމިޛީއާއި އަބޫ ދާއޫދު ރިވާކުރަށްވާފައި ވެއެެވެ. [عَنْ عَلِيِّ بْنِ أَبِي طَالِبٍ قَالَ كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا سَلَّمَ مِنْ الصَّلَاةِ قَالَ اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَسْرَفْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّي أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ لَا إِلَهَ إِلَّا أَنْتَ] މާނައީ: ޢަލީގެފާނު ވިދާޅުވެފައި ވެއެވެ. ކީރިތި ރަސޫލާ ނަމާދުގައި ސަލާމް ދެއްވުމަށްފަހު [اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ] މިދުޢާ ވިދާޅުވަތެވެ.

(ރ) އިމާމު ތިރްމިޛީއާއި ނަސާއީއާއި އަބޫ ދާއޫދު ރިވާކުރަށްވާފައި ވެއެެވެ. ]عَنْ عُقْبَةَ بْنِ عَامِرٍ قَالَ أَمَرَنِي رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ أَقْرَأَ بِالْمُعَوِّذَاتِ دُبُرَ كُلِّ صَلَاةٍ[ މާނައީ: ޢުޤްބާ ވިދާޅުވަނީ ކޮންމެ ނަމާދެއްގެ ފަހުން އިޚްލާޞްފަލަޤިނާސި ކިޔެވުމަށް ކީރިތި ރަސޫލާ ތިމަން ކަލޭގެފާނަށް އަމުރު ކުރެއްވި ކަމަށެވެ.

(ބ) އިމާމު ތިރްމިޛީއާއި އަބޫ ދާއޫދާއި އިބްނި އަބީޝައިބާ ރިވާކުރަށްވާފައި ވެއެެވެ. [عَنْ أُمِّ سَلَمَةَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَقُولُ إذَا صَلَّى الصُّبْحَ حِينَ يُسَلِّمُ اللَّهُمَّ إنِّي أَسْأَلُكَ عِلْمًا نَافِعًا وَرِزْقًا طَيِّبًا وَعَمَلًا مُتَقَبَّلًا] މާނައީ: އުއްމު ސަލަމާ ވިދާޅުވެފައި ވެއެވެ. ކީރިތި ރަސޫލާ ފަތިސް ނަމާދު ކުރަށްވައި ސަލާމް ދެއްވާފައި [اللَّهُمَّ إنِّي أَسْأَلُكَ عِلْمًا نَافِعًا] މިދުޢާ ވިދާޅުވަތެވެ.

(ޅ) އިމާމު އިބްނި އަބީޝައިބާ ރިވާކުރަށްވާފައި ވެއެެވެ. [كَانَ عُمَرُ إذَا انْصَرَفَ مِنْ صَلَاتِهِ قَالَ اللَّهُمَّ أَسْتَغْفِرُكَ لِذَنْبِي وَأَسْتَهْدِيكَ لِأَرْشَدِ أَمْرِي وَأَتُوبُ إلَيْكَ فَتُبْ عَلَيَّ اللَّهُمَّ أَنْتَ رَبِّي فَاجْعَلْ رَغْبَتِي إلَيْكَ وَاجْعَلْ غِنَائِي فِي صَدْرِي وَبَارِكْ لِي فِيمَا رَزَقْتَنِي وَتَقَبَّلْ مِنِّي إنَّكَ أَنْتَ رَبِّي[ މާނައީ: މާތް ﷲ ރުއްސުންލެއްވި ޢުމަަރުގެފާނު ނަމާދުން ނިމިވަޑައިގެން [اللَّهُمَّ أَسْتَغْفِرُكَ لِذَنْبِي وَأَسْتَهْدِيكَ... ]މިދުޢާ ވިދާޅުވަތެވެ.

(ކ) އިމާމު އިބްނި އަބީޝައިބާ ރިވާކުރަށްވާފައި ވެއެެވެ. [عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ أَنَّهُ كَانَ يَقُولُ إذَا فَرَغَ مِنْ الصَّلَاةِ اللَّهُمَّ إنِّي أَسْأَلُكَ مِنْ مُوجِبَاتِ رَحْمَتِك وَعَزَائِمَ مَغْفِرَتِكَ وَأَسْأَلُك الْغَنِيمَةَ مِنْ كُلِّ بِرٍّ وَالسَّلَامَةَ مِنْ كُلِّ إِثْمٍ اللَّهُمَّ إنِّي أَسْأَلُكَ الْفَوْزَ بِالْجَنَّةِ وَالْجَوَازَ مِنَ النَّارِ اللَّهُمَّ لَا تَدَعْ لَنَا ذَنْبًا إلَّا غَفَرْتَهُ وَلَا هَمًّا إلَّا فَرَّجْتَهُ وَلَا حَاجَةً إلَّا قَضَيْتَهَا] މާނައީ: މާތް ﷲ ރުއްސުންލެއްވި އިބްނި މަސްޢޫދު ފަރުޟު ނަމާދުން ނިމިވަޑައިގެން [اللَّهُمَّ إنِّي أَسْأَلُك مِنْ مُوجِبَاتِ رَحْمَتِكَ.... ] މިދުޢާ ވިދާޅުވަތެވެ.

(އ) މުޅި އުއްމަތް އެއްބަސްވާ ގޮތުގައި ނަމާދުން ނިމިވަަޑައިގެން އެންމެ ފުރަތަމަ ތިންފަހަރުމަތިން [أَسْتَغْفِرُ اللَّهَ] ސުންނަތެކެވެ. މިއީ ދުޢާއެކެވެ.

(11) ސަލާމް ދިނުމުގެ ކުރިން ކުރަންވާ ދުޢާތައް:

ކުރީގައި ވެސް ހާމަކޮށްފައިވާނެ ފަދައިން އިމާމު އިބްނި ތައިމިޔާ ވިދާޅުވެފައި ވަނީ [دُبُرَ كُلِّ صَلَاةٍ]ބޭނުން ކުރެވިފައިވާ ޙަދީޘުތަކުގެ މާނައަކީ އައްތަޙިއްޔާތުގައި ސަލާމް ދިނުމުގެ ކުރިން ކަމަށެވެ. އެއްޗެއްގެ ފުރަގަސް ފަރާތަކީ އެއެއްޗެއްގެ އެންމެފަހު ބައިކަމަށްވާތީ އެއަކުން ނަމާދުން ނިމިގެން ދުޢާކުރުމުގެ މާނައެއް ނުނެގޭނެ ކަމަށެވެ. އަޅުގަނޑު ދަންނަވާނީ އައްތަޙިއްޔާތުގައި ކުރަމުންދާ ދުޢާތަކަށް ބަލާއިރު އެއްވެސް ޙަދީޘެއްގައި [دُبُرَ كُلِّ صَلَاةٍ]ބޭނުންވެފައެއް ނުވާކަމަށާއި އެއީ އެގޮތަށް ވިދާޅުވާ ބޭފުޅުންގެ ކުށް ހީފުޅެއް ކަމަށެވެ. މިދުޢާތަކާމެދު މުޅިންވެސް އައިސްފައިހުރީ ނަމާދުގައި ކިޔާ ދުޢާ، ނުވަތަ ސަލާމް ދިނުމުގެ ކުރިން، ނުވަތަ އައްތަޙިއްޔާތު ނިމިގެން ކިޔާދުޢާ، މިފަދަ ޢިބާރާތްތަކެވެ. ނަމާދުގެ ފަހުގެ ވާހަކައެއް އެއިން އެއްވެސް ޙަދީޘެއްގައި ބޭނުންކުރެވިފައި ނެތެވެ. މުޙައްދިޘުންގެ ކިބައިން އައިސްފައިވާ ބައެއް މިސާލުތައް ތިރީގައި ހާމަކޮށްލާނަމެވެ.

- އިމާމު ބުޚާރީ ވިދާޅުވެފައި ވަނީ ސަލާމް ދިނުމުގެ ކުރިން ދުޢާ ކުރުމުގެ ވާހަކައެވެ. ދެން ރިވާކުރެއްވި އެއް ޙަދީޘަކީ މިއީއެވެ. [أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَدْعُو فِي الصَّلَاةِ اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ وَأَعُوذُ بِكَ مِنْ فِتْنَةِ الْمَسِيحِ الدَّجَّالِ] މާނައީ: ކީރިތި ރަސޫލާ ނަމާދުގައި [اللَّهُمَّ إِنِّي أَعُوذُ بِكَ] މިފަދައިން ދުޢާ ކުރަށްވަތެވެ.

- އަދިވެސް ބުޚާރީ ރިވާކުރަށްވާފައި ވެއެވެ. [عَنْ أَبِي بَكْرٍ الصِّدِّيقِ رَضِيَ اللَّهُ عَنْهُ أَنَّهُ قَالَ لِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلِّمْنِي دُعَاءً أَدْعُو بِهِ فِي صَلَاتِي قَالَ قُلْ اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا] މާނައީ: އަބޫ ބަކުރުގެފާނު ކީރިތި ރަސޫލާއަށް ދެންނެވިއެވެ. ތިމަން ނަމާދުގައި ކުރަށްވާނެ ދުޢާއެއް ދަސްކޮށްދެއްވަ ބައްލަވާށެވެ. ދެން ކީރިތި ރަސޫލާ ޙަދީޘު ކުރެއްވިއެވެ. [اللَّهُمَّ إِنِّي ظَلَمْتُ نَفْسِي] މިފަދައިން ކިއުއްވާށެވެ.

- އިމާމު މުސްލިމު ވިދާޅުވެފައި ވަނީ ނަމާދުގައި ކިޔާނެ ދުޢާގެ ވާހަކައެވެ. އެކަލޭގެފާނު ރިވާކުރަށްވަނީ ޢާއިޝަތުގެފާނު ވިދާޅުވެފައިވާ ކަމަށެވެ. [عَنْ عَائِشَةَ قَالَتْ سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَسْتَعِيذُ فِي صَلَاتِهِ مِنْ فِتْنَةِ الدَّجَّالِ] މާނައީީ: ތިމަން ކަމަނާ ކީރިތި ރަސޫލާ ނަމާދުގައި ދައްޖާލުގެ ފިތުނައިން ސަލާމަތްވެ ވަޑައިގަަތުމަށް ދުޢާ ދަންނަވާ އަޑު އައްސަވަމެވެ.

- އަދިވެސް މުސްލިމު ރިވާކުރަށްވާފައި ވެއެވެ. [قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا فَرَغَ أَحَدُكُمْ مِنْ التَّشَهُّدِ الْآخِرِ فَلْيَتَعَوَّذْ بِاللَّهِ مِنْ أَرْبَعٍ ... ] މާނައީ: ކީރިތި ރަސޫލާ ޙަދީޘު ކުރެއްވިއެވެ. ތިޔައިން މީހަކު ފަހު އައްތަޙިއްޔާތު ކިޔައި ނިމުމުން ﷲގެ ޙަޟުރަތުން ހަތަރު ކަމަކުން ސަލާމަތަށް އެދި ދަންނަވާށެވެ.

- އަދިވެސް މުސްލިމު ރިވާކުރަށްވާފައި ވެއެވެ. [قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا تَشَهَّدَ أَحَدُكُمْ فَلْيَسْتَعِذْ بِاللَّهِ مِنْ أَرْبَعٍ يَقُولُ اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ وَمِنْ عَذَابِ الْقَبْرِ] މާނައީ: ކީރިތި ރަސޫލާ ޙަދީޘު ކުރެއްވިއެވެ. ތިޔައިން މީހަކު އައްތަޙިއްޔާތު ކިޔައި ނިމުން ހަތަރު ކަމަކުން ﷲގެ ޙަޟްރަތުން ސަލާމަތަށް އެދި ދަންނަވާށެވެ. އެއީ [اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ] މިދުޢާއެވެ.

- އަދިވެސް މުސްލިމު ރިވާކުރަށްވާފައި ވެއެވެ. [أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَدْعُو فِي الصَّلَاةِ اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ] މާނައީ: ކީރިތި ރަސޫލާ ނަމާދުގައި މިދުޢާ ވިދާޅުވަތެވެ. އެއީ: [اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ] މިއެވެ.

- އަދިވެސް މުސްލިމާއި ތިރްމިޛީ ރިވާކުރަށްވާފައި ވެއެވެ. [يَكُونُ آخِرِ مَا يَقُولُ بَيْنَ التَّشَهُّدِ وَالتَّسْلِيمِ اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ] މާނައީ: ކީރިތި ރަސޫލާ އައްތަޙިއްޔާތާއި ސަލާމާއި ދެމެދު އެންމެ ފަހުން ވިދާޅުވާ އެއްޗަކީ [اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ] މިއެވެ.

ބަޔާންވެދިޔައީ ބައެއް މުޙައްދިޘުން ސަލާމް ދިނުމުގެ ކުރިން ނަމާދުގައި ކިޔަންވާ ދުޢާތަކަކީ ކޮބައިކަމާއި އެއާމެދު ސުއްނަތުގައި އައިސްފައިހުރި ޢިބާރާތް ހުރިގޮތުގެ ވާހަކައެވެ. އެއްވެސް ތަނެއްގައި [دُبُرَ كُلِّ صَلَاةٍ]ނުވަތަ [دُبُرُ الصَّلَاةِ]ގެ ބަސްފުޅެއް އައިސްފައި ނެތެވެ. އަދި ކިއެއްތޯއެވެ؟ އެހެނީ ޙަދީޘުތަކުގައި އެބަސް އައިސްފައި ހުރީ މުޅިންވެސް ނަމާދުކޮށް ނިމިގެން ކުރަންވާ ކަންތައްތަކާ ގުޅިގެންނެވެ. އެއީ ދުޢާ ކަމުގައި ވިއަސް ޛިކުރު ކަމުގައި ވިއަސް ދަތުރު ކަމުގައި ވިއަސް ސުންނަތް ނަމާދު ކަމުގައި ވިއަސް އިޙްރާމް ބަނުން ކަމުގައި ވިއަސް ވެހެވެ.

އިބްނި ޤައްޔިމުގެ ސަމާސާ ވާހަކައިން ނިކުންނަ ނަތީޖާ:

ނަމާދުގެ ފަހުން ދުޢާ ކުރުމުގެ މައްޗަށް ވާހަކަ ދައްކަވަމުން އިމާމު އިބްނި ޤައްޔިމު ބުރަވެ ވަޑައިގަންނަވަނީ [دُبُرُ الصَّلَاةِ]ގެ މާނަ ދެގޮތަކަށް ކުރެވޭ ކަމަށެވެ. އެއީ ސަލާމް ދިނުމުގެ ކުރިންނާއި ސަލާމް ދިނުމުގެ ފަހުނެވެ. ދެން އެކަލޭގެފާނުންގެ ޝައިޚު އިބްނި ތައިމިޔާ ބުރަވެވަޑައިގަންނަވާ ގޮތް ބަޔާން ކުރެއްވުމަށް ފަހު އެކަލޭގެފާނު އެގޮތަށް ބުރަވެ ވަޑައިގަންނަވާ ސަބަބުވެސް ވިދާޅުވިއެވެ. ދެން މައްސަލައާމެދު ހެއްވާ ބަހެއްގެ ގޮތުގައި [نُكْتَة لَطِيفَة] ޖޯކެކޭ ވިދާޅުވެ ސިފަކުރެއްވި މިސާލު ހަމަ ޙަޤީޤަތުގައި ވެސް އަޅުގަނޑަށް ފެނުނީ ޖޯކެއްގެ ގޮތުގައެވެ. އަދި މީހަކު ތިމާއަށް ބުނެވުނު ބަހަކީ ކުށްބަހެއް ކަމުގައި އިޢުތިރާފު ނުވެހުރެ ދެކޮޅަށް ހޭރިޔާކުރާ ބީދައިން ޝައިޚުވެސް ހޭރިޔާ ކުރަަށްވަމުން ވަޑައިގެން އެންމެފަހުން ނުސީދާކޮށް ކުށަށް އިޢުތިރާފުވެ ވަޑައިގަނެވުނީއެވެ. އެކަލޭގެފާނުންގެ ފޮތް ޒާދުލް މަޢާދުގެ 1/250 ގައި ވިދާޅުވަނީ މިފަދައިންނެވެ.

[أَنَّ هَاهُنَا نُكْتَةً لَطِيفَةً وَهُوَ أَنَّ الْمُصَلِّيَ إِذَا فَرَغَ مِنْ صَلَاتِهِ وَذَكَرَ اللَّهَ وَهَلَّلَهُ وَسَبَّحَهُ وَحَمِدَهُ وَكَبَّرَهُ بِالْأَذْكَارِ الْمَشْرُوعَةِ عُقَيْبَ الصَّلَاةِ اسْتُحِبَّ لَهُ أَنْ يُصَلِّيَ عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بَعْدَ ذَلِكَ وَيَدْعُوَ مَا شَاءَ وَيَكُونُ دُعَاؤُهُ عُقَيْبَ هَذِهِ الْعِبَادَةِ الثَّانِيَةِ لَا لِكَوْنِهِدُبُرَ الصَّلَاةِفَإِنَّ كُلَّ مَنْ ذَكَرَ اللَّهَ وَحَمِدَهُ وَأَثْنَى عَلَيْهِ وَصَلَّى عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ اسْتُجِيبَ لَهُ الدُّعَاءُ عُقَيْبَ ذَلِكَ، كَمَا فِي حَدِيثِ فَضَالَةَ بْنِ عُبَيْدٍ إِذَا صَلَّى أَحَدُكُمْ فَلْيَبْدَأْ بِحَمْدِ اللَّهِ وَالثَّنَاءِ عَلَيْهِ وَيُصَلِّي عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثُمَّ لْيَدْعُ بِمَا شَاءَ قَالَ التِّرْمِذِي هَذَا حَدِيثٌ صَحِيحٌ] (މާނައީ: މިތަނުން ދޭހަވާ ހެއްވާ ނުކުތާއަކީ ނަމާދުކުރާ މީހާ ނަމާދުކޮށް ނިމި ﷲ އަށް ޛިކުރުކޮށް ހަމްދާއި ތަސްބީޙައާއި ތަހްލީލު ކިޔަވައި ތަކްބީރު ކިއުމަށްފަހު އެހިނދު ނަމާދު ފަހުން ކިއުމަށް މަޝްރޫޢުވެފައިވާ ޛިކުރުތައް ކުރުމަށްފަހު އޭނާއަށް ސުންނަތް ވެގެންވަނީ ޙަމްދުޘާނާއާއެކު ކީރިތި ރަސޫލާއަށް ޞަލަވާތް ކިއުމަށްފަހު ތިމާ ބޭނުން ދުޢާއެއް ކުރުމެވެ. އޭރުން މިދުޢާ ކުރެވެނީ މިދެވަނަ އަޅުކަމަށް ފަހުގައެވެ. އޭރަކުން އޭނާ ނަމާދުގެ ފަހުން ދުޢާކުރީ ކަމަކަށް ނުވާނެއެވެ. މިހެނީ ﷲ އަށް ޛިކުރުކޮށް އެއިލާހަށް ޙަމްދު ސަނާ ދަންނަވައި ލޮބުވެތި ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔަވައިފި މީހާއަށް މުސްތަޙައްބު ވެގެންވަނީ އޭގެފަހުގައި ދުޢާ ކުރުމެވެ. މިއީ ފަޟާލާ އިބްނި ޢުބައިދުގެ ކިބައިން ރިވާވެގެންވާ ޙަދީޘުގައި އަންނަ ފަދައިންނެވެ. ކީރިތި ރަސޫލާ ޙަދީޘު ކުރެއްވިއެވެ. ތިޔައިން މީހަކު ނަމާދު ކޮށްފިއްޔާ ފަހެ ﷲ އަށް ޙަމްދު ސަނާ ދަންނަވާށެވެ. އަދި ކީރިތި ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔަވާށެވެ. ދެން އެއަށްފަހު ބޭނުން ދުޢާ އެއް ކުރާށެވެ. (އިމާމު ތިރްމިޛީ ވިދާޅުވެފައިވަނީ މިއީ ޞައްޙަ ޙަދީޘެއް ކަމަށެވެ.)

އިބްނި ޤައްޔިމުގެ މިސަމާސާ ވާހަކަ މުޠާލަޢާކޮށްލުމުން އަޅުގަނޑަށް ނެރެވުނު ނުކުތާތައް:

(ހ) ޚުދް އިބް ޤައްޔިިމު މިތާގައިވެސް [دُبُرُ الصَّلَاةِ] މިލަފުޒު ބޭނުން ކުރެއްވީ އަމިއްލަފުޅު ރައުޔާ ޚިލާފަށް ކަމަށްވުން. (އެބަހީ ނަމާދުން ނިމިގެންނެވެ.)

(ށ) ފަރުޟު ނަމާދުގެ ފަހުން ދުޢާކުރުމީ ސުންނަތްވެގެންވާ މަޝްރޫޢު ކަމެއްކަމުގައި އިޢުތިރާފުވެ ވަޑައިގަތުން.

(ނ) ހަމައެހެންމެ ނަމާދުގެފަނުން ދުޢާކުރުމީ މުސްތަޙައްބު ކަމެއް ކަމުގައި ދަލީލުކޮށްދޭ ހެކި އަމިއްލަފުޅަށް ޞައްޙަ ޙަދީޘަކުން ސާބިތުކޮށް ދެއްވުން. އެޙަދީޘު އިމާމު ތިރްމިޛީ ފިޔަވައި އަބޫދާއޫދާއި ޙާކިމާއި އިބްނި ޚުޒައިމާއާއި ދާރިމީއާއި އިބްނި ޙަޖަރާއި ޠަބަރާނީއާއި ބައިހަޤީއާއި މިބޭބޭކަލުންވެސް ރިވާކުރަށްވާފައި ވެއެވެ. ބައެއް ބޭކަލުން ތަފްޞީލުކޮށް ޙަދީޘު ބަޔާން ކުރެއްވިއެވެ.

(ރ) މިއީ ބަދަވީއަކު ހަމްދު ޞަލަވާތް ނުކިޔަަވައި ދުޢާ ކުރުމުން އޭނާއަށާއި ދެން ތިބީންނަށް ދުޢާގެ އަދަބު އުނގަންނަވައި ދެއްވުމުގެ ގޮތުން ކީރިތި ރަސޫލާ ދެއްވި ނަޞީޙަތްޕުޅެކެވެ.

(ބ) ޝައިޚު ވިދާޅުވަނީ ﷲ އަށް ޙަމްދު ސަނާ ދެންނެވުމާއި ކީރިތި ރަސޫލާއަށް ޞަލަވާތް ކިޔެވުމަށްފަހު ދުޢާކުރުމަށް އެންގެވުމުން އެއިން އެނގެނީ މިދެވަނަ އަޅުކަމަށް ފަހު ދުޢާ ކުރުން ސާބިތުވީ ކަމަށާއި ދުޢާގެ ޢަމަލު މިއަންނަނީ ފުރަތަމަ އަޅުކަން (ނަމާދަށް) ފަހުގައި ނޫންކަމެވެ. (ޝައިޚުގެ މިބަސްފުޅަށް ރައްދެއް ނާރުވައި ކިއުންތެރިންގެ ޚިޔާލަށް އަޅުގަނޑު އެވާހަކަ ދޫކޮށްލާނަމެވެ.)

(ޅ) އަޅުގަނޑަށް ހީވަނީ ޝައިޚު ވިދާޅުވެފައިވާ ބަސްފުޅު ޝައިޚަށް ވިދާޅުވެވުނީ އެކޮޅުކޮޅުންނެވެ. މިހެނީ ﷲ އަށް ޙަމްދު ކުރުމަކުން ދުޢާ ކުރާކަށް ނުޖެހެއެވެ. އަދި ކީރިތި ރަސޫލާއަށް ޞަލަވާތް ކިޔެވުމަކުންވެސް ދުޢާ ކުރާކަށް ނުޖެހެއެވެ. އެހެންނަމަވެސް ދުޢާގެ އަދަބުތަކުގެ ތެރޭގައި ހިމެނެނީ ދުޢާކުރުމުގެ ކުރިން ﷲ އަށް ޙަމްދު ކުުރުމަށާއި އެއަށްފަހު ކީރިތި ރަސޫލާގެ މައްޗަށް ޞަލަވާތް ކިއުމަށެވެ. އަދި ދުޢާ ނިމިގެންވެސް ޞަލަވާތް ކިޔެވުމަކީ ސުންނަތެކެވެ. ކީރިތި ރަސޫލާ މިތާގައި އެންގެވީ ދުޢާކުރާނެ އުޞޫލެވެ.

(ކ) މިތާގައި ކީރިތި ރަސޫލާ އުއްމަތަށް އުނގަންނަވައި ދެއްވާފައިވަނީ ދުޢާ ޤަބޫލު ކުރެއްވުމުގެ މުހިއްމު ދެއަދަބެކެވެ. އެއީ ފުރަތަމަ ޙަމްދު ސަނާ ކުރުމާއި އޭގެ ފަހުން ލޮބުވެތި ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔެވުމެވެ. އެހެންކަމުން އިމާމު ތިރްމިޛީ މާތް ﷲ ރުއްސުންލެއްވި ޢުމަރުގެފާނުންގެ ކިބައިން މައުޤޫފު ޙަދީޘެއް ރިވާކުރަށްވާފައި ވެއެވެ. އޭގައި އެކަލޭގެފާނު މިފަދައިން ވިދާޅުވިއެވެ. [إِنَّ الدُّعَاءَ مَوْقُوفٌ بَيْنَ السَّمَاءِ وَالْأَرْضِ لَا يَصْعَدُ مِنْهُ شَيْءٌ حَتَّى تُصَلِّيَ عَلَى نَبِيِّكَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ] މާނައީ: ހަމަކަށަވަރުން ދުޢާކުރާ މީހާ ދުޢާ ކުރުމުން އުޑާއި ބިމާ ދޭތެރޭ އެދުޢާ މަޑުޖައްސައި ލެވެއެވެ. (އެއީ ޞަލަވާތް ނުކިޔާތީއެވެ. އެހެންކަމުން) އެދުޢާގައި ކީރިތި ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔަވައިފުމަށް ދާނދެން އެދުޢާގެ އެއްވެސް ބައެއް މައްޗަށް ނޫފުއްލެވޭހުއްޓެވެ.

(2 ވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ)

- ކޮމެންޓް